ބޭރަށް ނިކުންނަ އިރު މާސްކް އެޅުން މަޖުބޫރުކުރަން ސަރުކާރުން ނިންމައިފި

ކޮވިޑުން ރައްކާތެރި ވުމަށް މީހަކު މާސްކް އަޅައިގެން -- ސަންފޮޓޯ/ ފަޔާޒު މޫސާ

އާންމު ތަންތަނުގައި އުޅޭ އިރު، މާސްކް އެޅުން މަޖުބޫރު ކަމެއްގެ ގޮތުގައި ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެގޮތަށް ނިންމީ، ކޮވިޑް-19 ޖެހޭ މީހުން އަނެއްކާ ވެސް ގިނަވަމުން ދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޭޝަނަލް ޓާސްކް ފޯސްއާ އެއްކޮށް ބޭއްވެވި ބައްދަލު ކުރެއްވުމުގައި ކަމަށެވެ. އެ އޮފީހުން އަދި ބުނެފައި ވަނީ މީހުންނާ ބައްދަލު ކުރުން މަދު ކުރުމަށާއި ގޭގައި ތިބެ މަސައްކަތް ކުރެވޭ ނަމަ ގޭގައި މަސައްކަތް ކުރުމަށް އަދި ގިނަގިނައިން އަތް ދޮވުމަށް ސަރުކާރުން ބާރު އަޅާ ކަމަށެވެ.

ރާއްޖެ އަލުން ފުރަބަންދަކަށް ދިޔުމަކީ އެއްވެސް ބައެއްގެ މަސްލަހަތުގައި އޮތް ކަމެއް ނޫން ކަމަށް މިއަދުގެ ބައްދަލުވުމުގައި އެއްބަސް ވެވުނު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ގެއިން ބޭރަށް ނުކުންނައިރު މާސްކް އެޅުން މަޖުބޫރު ކުރީ ހަމައެކަނި މާލެ ސަރަަހައްދުގައި ކަމެއް ނުވަތަ މުޅި ރާއްޖޭގައި ކަމެއް ސާފެއް ނުވެ އެެވެ. ހެލްތް އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން ބުނީ މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ އިތުރު ތަފްސީލު ދެއްވާނެ ކަމަށެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުންތަކާ ހިލާފަށް އަމަލު ކުރާ ފަރާތްތަކަށް ދައުވާ ކުރުމާއި ޖޫރިނަމާ ކުރުން ފަދަ ކަންކަން ކުރުމުގެ ބާރު އާންމު ސިއްހަތުގެ ގާނޫނުން ދީފައި އޮވެ އެވެ. ތިން މަސް ވަންދެން މާލެ ލޮކްޑައުން ކޮށްފައި އޮތް އިރު ހުއްދައަކާ ނުލައި މަގުމައްޗަށް ނުކުތް ފަރާތްތައްވެސް ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އެހެންވެ މާސްކަ ނާޅާ މަގުމައްޗަށް ނުކުމެއްޖެ ނަމަ ޖޫރިމަނާއެއް އައުން އެކަށީގެންވެ އެވެ.

މީގެ ކުރިން މާސްކު އެޅުން މަޖުބޫރު ނުކުރި ނަމަވެސް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައި ވަނީ ގެއިން ބޭރަށް ނުކުންނަ އިރު މާސްއެޅުމަށެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން އެ އިލްތިމާސްއާ އެއްގޮތަށް އަމަލެއް ނުކުރެ އެވެ. ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 3567 މީހުންނެވެ. އޭގެތެރެއިން 983 މީހަކަށް މިހާރު ދަނީ ފަރުވާމުންނެވެ. ކޮވިޑް ޖެހިގެން 16 މީހަކު މިހާރު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް