ކޮވިޑް ޖެހިގެން 71 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް ޖެހިގެން 71 އަހަރުގެ ދިވެހި އަންހެނަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭނާ މަރުވީ މިއަދު މެންދުރު 1:38 ހާއިރު ކަމަށެވެ.

މިއަދު ހެނދުނު އޭނާ އައިޖީއެމްއެޗްގެ އީއާރްއަށް ދައްކާފައި ވަނީ ނޭވާލާން އުނދަގޫވެގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މަރުވެފައި ވަނީ ނޭވާލުމަށް އުނދަގޫވެގެން އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19 ގައި މަރުވި މީހުންގެ އަދަދު ވަނީ 16 އަށް އަރައިފައެވެ.

ފުރަބަންދަށް ދިން ލުއިތަކާއެކު، ކޭސްތައް ވަރަށް ބޮޑަށް އިތުރުވެ، އިއްޔެއާ ހަމައަށް ޖުމްލަ 3,567 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. މިވަގުތު 59 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

އެޗްއީއޯސީން މިފަހުން ބުނެފައި ވަނީ ދިވެހިންގެ ތެރޭގައި ކޭސްތައް ގިނަވާ ވަރަކަށް، އުމުރުން ދުވަސްވީ މީހުންނާއި އެހެން ބަލިތަކަށް ފަރުވާ ކުރަމުން އަންނަ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް