ވާދަވެރި ސިޔާސީ ލީޑަރު ހުންނަވާ ތަނަށް ވުރެ ބޮޑަށް، އެ ލީޑަރު ކަނޑައެޅޭ ގޮތް ރައްޔިތުންނަށް އެނގުން މުހިންމު ކަމަށް ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގައުމުގެ އެންމެ މަތީ މަސްލަޙަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް ގޮވާލައްވައިފަ އެވެ.
އެކަމަށް ނަޝީދު ވަނީ ތާއީދުކުރައްވައިފަ އެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ އިންތިޒާމްގައި ވާދަވެރި ޕާޓީތައް މިހާރަށް ވުރެ ބޮޑަށް ބައިވެރިވުމަށް ރައީސް ސޯލިހު ކުރެއްވި އިލްތިމާސްއަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމަކަށް ދައުލަތުގެ އިހްލާސްތެރި ވާދަވެރިޔާ އާއި އޭނާގެ ކެބިނެޓްގެ ފާޑުކިޔުން މުހިންމު ކަމަށާއި މިނިވަންކަން ދެމެހެއްޓޭނީ ސިޔާސީ ހަމަޖެހުމުން ކަމަށެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިހްލާސްތެރި ވާދަވެރި ލީޑަރު ކަނޑައެޅުމަކީ ވާދަވެރިންގެ ކަމެއް ކަމަށާއި ވާދަވެރިންނަކީ ކޮބައިކަން ވާދަވެރިންނަށް އެނގި، އަދި އެ ވާދަވެރިންގެ ތެރެއިން ލީޑަރެއް ކަނޑައެޅޭގޮތް ރައްޔިތުންނަށް ސާފުވުން މުހިންމު ކަމަށެވެ.
"ލީޑަރު ހުންނަވާ ތަނަށްވުރެ، ލީޑަރު ކަނޑައެޅޭ ގޮތް އެނގުން މުހިންމު،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވެފައިވާއިރު އިދިކޮޅު ލީޑަރުގެ ގޮތުގައި އެ ފަރާތްތަކުން ދައްކާފައިވަނީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ. އަދި ސަރުކާރާއި އެކު މަޝްވަރާ ކުރުމަށް އިދިކޮޅުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ޝަރުތު ކޮށްފަ އެވެ.