އަޔާސޯފްޔާގެ ތާރީޚީ ދަތުރު 2 ސުލްޠާން މުޙައްމަދުލް ފާތިޙްގެ ނިންމެވުމަށް ފާޑު ކިޔުން

އަޔާސޯފްޔާ މިސްކިތް --

ކުރީން ވެސް ދެންނެވި ފަދައިން، އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ނިންމެވި ނިންމެވުމާ ދެކޮޅަށް ޚުދު މުސްލިމުންގެ ތެރެއިން ވެސް އިޢުތިރާޟުގެ ބަސްތައް ދަނީ އިވެމުންނެވެ. މިފަދަ ބަސްތައް ބުނާ މީހުންގެ ނަޒަރުގައި ފާތިޙް ސުލްޠާން މުޙައްމަދު ޚާން ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވުމަށް ފަހު، އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވިކުރެއްވުމަކީ ވެސް އިސްލާމީ ޝަރީޢަތާ ޚިލާފު ޢަމަލުފުޅެކެވެ. ޣައިރު މުސްލިމުން އަޅުކަން ކުރާ ތަންތަނުގެ ރައްކައުތެރިކަން ހިމެނޭ ގޮތުން، އެމީހުންގެ ދީނީ ޙައްޤުތައް އިސްލާމް ދީނުގައި ޙިމާޔަތް ކޮށްދެއްވައިފައި އޮންނައޮތުމާ ޚިލާފަށް ކުރެއްވި ކަމެކެވެ. ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، މިއީ އެއްވެސް ގޮތަކުން އާދައިގެ ތުހުމަތުތަކެއް ނޫނެވެ. މި ތުހުމަތުތަކަކީ ޙައްޤު ބަސްތަކެއް ނަމަ، އެއްވެސް އޮޅުމެއް ނެތް ގޮތުގައި ފާތިޙް ސުލްޠާން މުޙައްމަދު 1453 މ. ގައި އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވެވި ކުރެއްވެވުން ވެސް ބާޠިލެވެ. އަދި މިއަދު ރައީސް އުރްދުޣާން އެ ނިންމެވި ނިންމެވުން ވެސް ބާޠިލެވެ. އެހެންކަމުން، މި ތުހުމަތުތަކުގެ މައްޗަށް މިނިވަން ވިސްނުމަކުން ބަލައިލާން ޖެހެއެވެ. އެންމެ ފުރަތަމަ މި ތުހުމަތުތައް ބިނާ ކުރެވޭ މައިގަނޑު ބައެއް އަސާސުތަކުގެ މައްޗަށް އަވަސް ކަޅިޔެއް ހިންގައިލަމާތޯއެވެ!

ކީރިތި ޤުރްއާނުގެ ސޫރަތުލް ޙައްޖުގެ 40 ވަނަ އާޔަތުގައި އޮންނަނީ – وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِيَعٌ وَصَلَوَاتٌ وَمَسَاجِدُ يُذْكَرُ فِيهَا اسْمُ اللَّهِ كَثِيرًا وَلَيَنصُرَنَّ اللَّهُ مَن يَنصُرُهُ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ – މިފަދައިންނެވެ. މާނަޔަކީ "އަދި މީސްތަކުންގެ އެއް ބަޔަކު މެދުވެރި ކުރައްވައި އަނެއް ބަޔަކު (ގެ ނުރައްކައުތެރިކަން) ﷲ ދުރުކުރެއްވުން ނުވާ ނަމަ، ނަޞާރާއިންގެ ފައްޅިތަކާއި، އަޅުކަން ކުރާ ތަންތަނާއި، ޔަހޫދީންގެ ފައްޅިތަކާއި، ގިނަގިނައިން ﷲ ގެ އިސްމުފުޅު ނަންގަނެވޭ މިސްކިތްތަކާއި (މި ހުރިހައި ތަންތަން) ސުންނާފަތި ކޮށްލެވުނީސްކަން ކަށަވަރެވެ" މިއެވެ. މި އާޔަތުން، ނަޞާރާއިންނާއި ޔަހޫދީންގެ ފައްޅިތައް ވެސް ހަލާކު ކޮށް ސުންނާފަތި ކުރުމަކީ ﷲ ނުރުއްސަވާ ކަމެއްކަމާއި، އެއީ ޙިމާޔަތާއި ރައްކައުތެރިކަން ދެވޭން ޖެހޭ ތަންތަންކަމާއި، އެ ތަންތަން ރައްކައުތެރި ކޮށް ޙިމާޔަތް ކުރުމީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއްކަން ސާފުކޮށް އެނގެއެވެ.

ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމީ ދައުލަތުގެ ސަރަޙައްދުގައި، ޢަރަބި ކަރައިގެ ދެކުނުގެ ނަޖްރާނެވެ ކިޔުނު ހިސާބުގައި، ދިރިއުޅުނު ނަޞާރާއިންނަށް ދެއްވެވި އަމާންކަމުގެ ޢަހުދުގައި، އެބައިމީހުންގެ ފައްޅިތަކާއި، ޞޫރަތަކާއި، ޞަލީބުތަކަށް މުސްލިމުންގެ ފަރާތުން އެއްވެސް ގެއްލުމެއް ދީގެން ނުވާނެކަން ބަޔާން ކުރައްވައިފައި ވެއެވެ. ސުންނަތުގެ މި ދަލީލުން، ނަޞާރާއިންގެ ފައްޅިތަކަށް ޙިމާޔަތާއި ރައްކައުތެރިކަން ދެއްވުމަކީ މާތް ނަބިއްޔާގެ މަގުކަން ސާފު ވެއެވެ.

ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ސައިނާގެ ސެއިންޓް ކެތަރީންގެ ޚާނަގާހުގެ (Saint Catherine’s Monastery) އަހުލުވެރީންނަށް ދެއްވެވި އަމާންކަމުގެ ފަތްކޮޅުގައި ވެސް އެއުރެންގެ ފައްޅިތަކަށް ޙިމާޔަތާއި ރައްކައުތެރިކަން ލިބިދެވޭނެކަން ބަޔާން ކުރައްވައިފައި ވެއެވެ. އިތުރު ނަބިއްޔާ ސިއްކަ ޖައްސަވައިފައި ވާ އެ ފަތްކޮޅުގައި ވެއެވެ. "... އެއްވެސް މީހަކު އެއުރެންގެ ފައްޅިތައް ހަލާކު ކޮށްގެން ނުވާނެއެވެ. އެއިން ތަނަކަށް ގެއްލުމެއް ދީގެން ނުވާނެއެވެ. އެއިން ތަނެއްގައި ވާ އެއްވެސް އެއްޗެއް މުސްލިމެއްގެ ގެދޮރަށް އުފުލައިހަދައިގެން ނުވާނެއެވެ. މިފަދަ ކަމެއް ކޮށްފި ކޮންމެ މީހަކީ، ﷲ ގެ ޢަހުދު އުވައިލައި، އެކަލާނގެ ރަސޫލާޔަށް ނުކިޔަމަންތެރި ވެއްޖެ މީހެކެވެ. ... "

މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރު ރަޟިޔަﷲ ޢަންހު، އެކަލޭގެފާނު އެންމެ ފުރަތަމަ ފަހަރަށް ހަނގުރާމަޔަކަށް ފޮނުއްވެވި ލަޝްކަރުގެ ކޮމާންޑަރު އުސާމާ ބިން ޒައިދު ރަޟިޔަﷲ ޢަންހާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން، ލަޝްކަރަށް ދެއްވި މަޝްހޫރު އިރުޝާދުތަކުގައި ވަނީ "އަޅުކަމަށް ޚާއްޞަ ވެގެން ފައްޅިތަކުގައި ތިބޭ ރާހިބުންނާއި ފާދިރީން ފެނުމުން، އެއުރެންނަށް އެއްވެސް ކަހަލަ އުނދަގުލެއް ނުވަތަ ގޯނާއެއް ނުކުރުމަށް" އަންގަވައި އަމުރުފުޅު ކުރައްވައިފައެވެ.

މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ދައުރުގައި، 637 މ. ގައި މުސްލިމުން ޤުދުސް ފަތަޙަ ކުރިއެވެ. ދިގު ޙިޞާރަކަށް ފަހު، ޝަހަރުގެ ނަޞާރާ ލީޑަރުން މުސްލިމުންނަށް އެންގީ ސީދާ ޚަލީފާ ޝަހަރަށް ވަޑައިގެންފިއްޔާ، އެކަލޭގެފާނުގެ އަތްޕުޅަށް ޝަހަރުގެ ތަޅުދަނޑި އަރުވައި، ޞުލްޙަވެރިކަމާ އެކު މުސްލިމުންނާ ޝަހަރު ޙަވާލު ކުރާނެ ކަމުގައެވެ. މުސްލިމް ލަޝްކަރުގެ ކޮމާންޑަރުން ޚަލީފާޔަށް މި ޚަބަރު ފޮނުއްވެވުމުން، ޞުލްޙަވެރި ގޮތުގައި ޝަހަރު ހިއްޕެވުމަށް ޓަކައި ޚަލީފާ ޤުދްސަށް ދަތުރު ކުރެއްވިއެވެ. އަދި ޤުދުސްގެ ޕެޓްރިއާރކް ސޮފްރޯނިޔަސް ޚުދު އޭނާގެ އަތްޕުޅުން ޝަހަރުގެ ތަޅުދަނޑި ޚަލީފާގެ އަތްޕުޅަށް އެރުވިއެވެ. މި ޙާދިސާ ސިފަ ކުރައްވަމުން ކަރެން އާރމްސްޓްރޯންގ އޭނާ ލިޔުއްވި "ހޯލީ ވޯރ" ގައި ލިޔުއްވައިފައި ވެއެވެ. "ޚަލީފާ ޢުމަރު ޖެރޫސަލަމަށް ވަދެވަޑައިގަތީ ހުދުކުލައިގެ ޖަމަލެއްގެ މަތީގައި އިންނަވައިގެންނެވެ. ޝަހަރުގެ ކްރިސްޓިއަން ވެރިޔާ، ޔޫނާނީ ފާދިރީ ސޮފްރޯނިއަސްގެ އަރިޔަހުގައެވެ. ... ޚަލީފާ އެންމެ ފުރަތަމައިނުންވެސް އެދިވަޑައިގަތީ ޓެމްޕަލް މައުންޓްގެ ސަރަޙައްދަށް ވަޑައިގަތުމަށެވެ. އެތަނަށް އެކަލޭގެފާނު ގެންދެވުމުން އެކަލޭގެފާނުގެ ސާހިބާ މުޙައްމަދުގެފާނުގެ އިސްރާގެ ދަތުރުފުޅުގެ މަޤާމުގައި ނަމާދުފުޅު ކުރެއްވިއެވެ. ... ބޮޑު ފާދިރީ ހުންނެވީ ބިރުފުޅުންނެވެ. ދެން ވާނެ ގޮތެއްގެ އިންތިޒާރުގައި ބައްލަވަ ބައްލަވައެވެ. އޭނާ ހީފުޅު ކުރައްވައިގެން ހުންނެވީ މިހާރު އައިސްގެން މިއުޅޭ މެހުމާނަކީ ޖެރޫސަލަމްގެ ފައްޅިއަށް ވަންނާނެ ކަމަށް ބައިބަލުގައި ދާނިއާލް ނަބީކަލޭގެފާނު ޚަބަރު ކުރައްވާފައި ވާ އަނިޔާއާއި ހަލާކުގެ އަތް ކަމުގައެވެ. ފަހު ޒަމާނުގައި ފައުޅު ވާނޭ ކަމަށް ޚަބަރު ކުރެވިފައި ވާ މަސީޙުއްދައްޖާލު ކަމުގައެވެ. ... ކޮންމެއަކަސް، ނަމާދުފުޅަށް ފަހު ޢުމަރުގެފާނު އެދިވަޑައިގަތީ ކްރިސްޓިއަނުންގެ މުޤައްދަސް ތަންތަން ބައްލަވައިލެއްވުމަށެވެ. މުސްލިމުންގެ ނަމާދުގެ ވަގުތު ޖެހުނީ ޖެރޫސަލަމުގައި ހުންނަ ކްރިސްޓިއަނުންގެ އެންމެ މުހިއްމު ބިނާ ކަމަށް ވާ، މުޤައްދަސް މަޤުބަރާގެ ފައްޅީގެ (Church of Resurrection/Church of the Holy Sepulcher) އެތެރޭގައި އެކަލޭގެފާނު ހުންނަވަނިކޮށެވެ. ބޮޑު ފާދިރީ ވަރަށް އަދަބުވެރިކަމާ އެކު ފައްޅީގެ ތެރޭގައި ނަމާދުފުޅު ކުރެއްވުމަށް ޢުމަރުގެފާނުގެ އަރިއަހުގައި ދެންނެވިއެވެ. ނަމަވެސް ޢުމަރުގެފާނު ހަމަ އެހައި ހިތްޕުޅުތިރިކަމާ އެކު އެކަމަށް އިންކާރު ކުރެއްވިއެވެ. އެކަލޭގެފާނު ބޮޑު ފާދިރީގެ އަރިއަހުގައި ވިދާޅުވީ ފައްޅީގެ ތެރޭގައި އެކަލޭގެފާނު ނަމާދުފުޅު ކުރައްވައިފި ނަމަ މުސްލިމުން އެކަން ފާހަގަ ކުރުމަށްޓަކައި އެ ތަނުގައި މިސްކިތެއް އަޅަން އުޅެފާނެ ކަމުގައެވެ. އަދި އެހެން ވެއްޖެ ނަމަ ފައްޅި ތަޅާލެވޭތަން އަތުވެދާނެ ކަމުގައެވެ. މިހެން ވިދާޅުވެފައި ޢުމަރުގެފާނު ނަމާދުފުޅު ކުރެއްވީ ފައްޅިއާއި ތަންކޮޅެއް ދުރުގައި އޮތް މައިދާނެއްގައެވެ."

ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހު ޤުދުސް ފަތަޙަ ކުރެއްވިތާ 462 އަހަރު ފަހުން، 1099 މ. ގައި ހުޅަނގު ޔޫރަޕުގެ ރޯމަން ކެތަލިކް ޞަލީބީން ބިޔަ ލަޝްކަރަކާއިގެން އައިސް މުސްލިމުންގެ އަތުން ޤުދުސް ފޭރިގަނެ، މުޅި ޝަހަރު ސުންނާފަތި ކޮށް، ޝަހަރުގެ މުސްލިމް އާބާދީގެ މަދުވެގެން 70000 ވަރަކަށް މީހުން ނުހަނު އަނިޔާވެރިކޮށް ޤަތުލު ކުރިއެވެ. ޝަހަރުގެ މިސްކިތްތައް ފައްޅިތަކަކަށް ބަދަލު ކޮށްހެދިއެވެ. އެގޮތުން ފައްޅިޔަކަށް ބަދަލު ކުރެވުނު އެންމެ މަޝްހޫރު މިސްކިތަކީ، ޤުދުސްގައި އެއިރު ހުރި އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތެވެ. މަސްޖިދު ޤުއްބަތުއް ޞަޚްރާއެވެ. އެމީހުން އެތަނަށް ކީ ނަމަކީ (Templum Domini) މިއެވެ. ހަމައެހެންމެ، ޤުދުސްގައި ހުންނަ މުސްލިމުންގެ އެންމެ މުޤައްދަސް ބިނާ، އަދި މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު ކަމުގައި ވާ މަސްޖިދުލް އަޤްޞާ ވެސް އެންމެ ފުރަތަމަ ޝާހީ ގަނޑުވަރަކަށް، އަދި ފަހުން ޞަލީބީ ފާދިރީންނާއި ހަނގުރާމަވެރީންގެ އޯޑަރެއް ކަމުގައި ވާ ނައިޓްސް ޓެމްޕްލަރޒްގެ މައި މަރުކަޒަކަށް ހެދިއެވެ. މުސްލިމުންނާއި ނަޞާރާއިންގެ ތާރީޚުގައި، އެއް ބަޔަކު އަނެއް ބަޔަކުގެ އަޅުކަން ކުރާ ތަނެއް ގަދަބާރުން ފޭރިގަނެގެން އެ ބަޔަކު އަޅުކަން ކުރާން ނުވަތަ އެފަދަ ބޭނުމަކަށް އިސްތިޢުމާލު ކުރާ ތަނަކަށް ބަދަލު ކުރުމުގެ މިއީ ފުރަތަމަ މިސާލެވެ. މި ގޮތުގައި ދަހަތަކެއް ފާއިތު ވުމަށް ފަހު، 1187 މ. ގައި، މުސްލިމުންގެ މަތިވެރި ބަޠަލް ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީ ޤުދުސް ފަތަޙަ ކުރައްވައި، ދެވަނަ ފަހަރަށް މުސްލިމުންގެ ބާރުގެ ދަށަށް އެ ޝަހަރު ގެންނެވިއެވެ. އަދި މަސްޖިދު ޤުއްބަތުއް ޞަޚްރާ އާއި، މަސްޖިދުލް އަޤްޞާ އެ ދެ ތަނުގެ އަޞްލަށް ރުޖޫޢަ ކުރެއްވިއެވެ. ނަމަވެސް ނަޞާރާއިންގެ ކިބައިން ބަދަލު ހިއްޕެވުން ފަދަ ގޮތަކުން ވެސް، އެމީހުންގެ އެއްވެސް ފައްޅިޔެއް މިސްކިތަކަށް ބަދަލެއް ނުކުރައްވައެވެ. އެތަންތަނަށް ނުހަނު ޙުރުމަތްތެރިކޮށް ހިއްތަވައި، ނަޞާރާއިންގެ ބެލުމުގެ ދަށުގައި އެތަންތަން ބެހެއްޓެވިއެވެ.

މަތީގައި އެންމެ ފުރަތަމަ ބަޔާން ކުރެވިފައި ވާ ތިން ނުކުތާގައި އެވަނީ، ޝަރުޢީ ދަލީލުތަކެވެ. މި ދަލީލުތަކުން ޙުކުމް ނެގޭ ގޮތުގެ މައްޗަށް ތަފްޞީލީ ގޮތެއްގައި ވާހަކަ ދެއްކުމުގެ ބަދަލުގައި، ޢިލްމުވެރީން އެ ދަލީލުތައް މާނަ ކުރައްވައިފައި ވާ ގޮތް ކުރު ގޮތަކަށް ދަންނަވާ ނަމަ، އެ ދަލީލުތަކުންނާއި، ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުން ފެންނަ ކަމާގުޅޭ އެހެނިހެން ދަލީލުތަކުން، ނެގޭ އުޞޫލަކީ ޣައިރުމުސްލިމުންގެ ދީނީ ޙައްޤުތައް ފުރިހަމަޔަށް ރައްކައުތެރި ކުރެވޭނެކަމުގެ އުޞޫލެވެ. އެމީހުންގެ ފައްޅިތަކަށާއި ދީނީ ޝިޢާރުތަކަށް އިސްލާމް ދީން އިޙުތިރާމު ކުރާކަމުގެ އުޞޫލެވެ. އެ ތަންތަނަށާއި ކަންކަމަށް އެއްވެސް ކަހަލަ ގުނާއެއް ނުވަތަ ނުޤުޞާނެއް ދިނުމަކީ އިސްލާމީ ޝަރީޢަތް މަނާ ކުރާ ކަމެއްކަމުގެ އުޞޫލެވެ. ޚުލަފާއުއްރާޝިދޫންގެ ސުންނަތުން ފެންނަނީ މި އުޞޫލު ތަޠުބީޤު ކުރައްވައިފައި ވާތަނެވެ. އެ އުޞޫލަށް ފުރިހަމަޔަށް ޢަމަލު ކުރައްވައިފައި ވާތަނެވެ. ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީގެ ޢަމަލުފުޅު ވެސް ހުރީ މި މަތިވެރި އުޞޫލާ އެއްގޮތަށެވެ. އެހެންކަމުން، އިސްލާމް ދީނުގެ ޝަރުޢީ ހަމަޔާއި އުޞޫލު ވަރަށް ސާފެވެ. ޣައިރުމުސްލިމުން އަޅުކަން ކުރާ ތަންތަނަށް ގެއްލުން ދީގެން ނުވާނެއެވެ. އެމީހުންގެ އަތުން އެތަންތަން ފޭރި، ގަދަބަދަވިކަމުން ނުވަތަ ގަދަބާރުގެ ބޭނުން ކޮށްގެން އެ ތަންތަން މިސްކިތްތަކަށް ބަދަލު ކޮށްހެދުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެކެވެ.

މިތަނުގައި، އަޅުގަނޑުމެން ސަމާލުކަން ދޭން ޖެހޭ ނުކުތާޔަކީ، ފައްޅިތައް މިސްކިތްތަކަށް ބަދަލު ކުރުން ނުވަތަ އެހެން ގޮތަކުން ވެސް މުސްލިމުންގެ ބޭނުމަކަށް އަތުލުން ޙަރާމް ވަނީ، ނުޙައްޤުން، ގަދަބަދަވިކަމާއި ބާރުގެ ބޭނުން ކޮށްގެން، އެ ތަންތަނުގެ މިލްކުވެރި ނަޞާރާއިން ނުވަތަ ޔަހޫދީންގެ ނުރުހުމުގައި، އަދި އެމީހުން އެކަމަށް އިޢުތިރާޟު ކުރާ ޙާލުގައި އެކަން ކުރުމުން ކަމެވެ. ނަޞާރާ ފައްޅިއެއް ވެސް އެ ފައްޅީގެ މިލްކުވެރީންގެ ރުހުމާ އެކުގައި މުސްލިމުންގެ ތަނަކަށް ހެދުމަކީ އިސްވެ ބަޔާން ކުރެވުނު ޝަރުޢީ ދަލީލުތަކުން ނެގޭ އުޞޫލުތަކާ ޚިލާފު ކަމެއް ނޫން ކަމަށް އިސްލާމީ ޢިލްމުވެރީން އެއްބަސް ވެވަޑައިގަންނަވައެވެ. ހަމަ އެހެންމެ، އިސްލާމީ ޢިލްމުވެރީންގެ ތެރެއިން އެތައް ބެއިފުޅުންނެއްގެ ނަޒަރުގައި، ޙައްޤު ހަނގުރާމައެއްގައި މުސްލިމުންނަށް ފަތަޙަ ކުރެވޭ ޝަހަރެއްގައި ހުންނަ ފައްޅިތައް، އެ ޝަހަރުގެ ރައްޔިތުންގެ އަޅުކަމުގެ ޙައްޤުތަކަށް ހުރަސް ނޭޅޭ ގޮތުން، އިސްލާމީ ދައުލަތާއި މުސްލިމުންގެ މަޞްލަޙަތާއި މަންފާޔަށް ޓަކައި، މިސްކިތަކަށް ބަދަލު ކުރުމަކީ ވެސް ޝަރީޢަތާ ޚިލާފު ކަމެއް ނޫނެވެ. މިސާލަކަށް، ފާތިޙް ސުލްޠާމް މުޙައްމަދު ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވުމުގެ ސަތޭކަ ވަރަކަށް އަހަރު ކުރީން އަވަހާރަ ވި މަޝްހޫރު ޢާލިމް އިމާމް އިބްނުލް ޤައްޔިމް ލިޔުއްވި އަޙްކާމް އަހުލުއް ޛިއްމާ މި ފޮތުގައި "الضَّرْبُ الثَّانِي مِنَ الْبِلَادِ" މި ސުރުޚީގެ ދަށުން ލިޔުއްވައިފައި ވާ ފަޞްލުގައި، "مَا فُتِحَ عَنْوَةً" މި ސުރުޚީގެ ދަށުން ލިޔުއްވައިފައި ވާ ބަޔާން ބައްލަވާށެވެ!

ފިޤުހީ ބަޙުޘްތަކުގެ ތެރެޔަށް ނުވަދެ، ސީދާސާދާ ގޮތަކަށް ދަންނަވަނީ ނަމަ، އަންނަނިވި ތިން ޝަރުޠު ފުރިހަމަ ވާ ޙާލަތުގައި، ފައްޅިޔެއް މިސްކިތަކަށް ބަދަލު ކުރުމަކީ އިސްލާމީ ޝަރީޢަތް ހުރަސް އަޅާ ކަމެއް ނޫނެވެ.

1. އެކަން ކުރެވެނީ ގަދަބާރުން، ގަދަބަދަވިކަމުން، ފައްޅީގެ މިލްކުވެރިކަން އޮންނަ ނަޞާރާ ނުވަތަ ޔަހޫދީ ޖަމާޢަތުގެ މީހުންގެ ނުރުހުމުގައި ކަމަށް ނުވުން.

2. އެކަން ކުރެވެނީ، ފައްޅި ހުންނަ ތަނެއްގައި އުޅޭ، އެ ފައްޅީގެ ބޭނުން ކުރާ ނަޞާރާ ނުވަތަ ޔަހޫދީ ޖަމާޢަތުގެ ރައްޔިތުންގެ އަޅުކަން ކުރުމުގެ ޙައްޤަށް ހުރަސް އެޅޭ ގޮތަށް ކަމުގައި ނުވުން.

3. އެކަން ކުރެވެނީ އިސްލާމީ ދައުލަތާއި މުސްލިމުންގެ މަޞްލަޙަތުގައި އެކަން ކުރުން ލާޒިމު ނުވަތަ ވަރަށް ބޮޑަށް ބޭނުންތެރި ވެފައި ވާ ޙާލަތެއްގައި ކަމަށް ވުން.

ދެން، ފާތިޙް ސުލްޠާން މުޙައްމަދު އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވެވީ މި ތިން ޝަރުޠު ފުރިހަމަ ވާ ޙާލަތުގައިތޯ ނުވަތަ ނޫންތޯ ބަލައިލަމާ ހިންގަވާށެވެ!

ގަދަބަދަވިކަމުންތަ؟

ފާތިޙް ސުލްޠާން މުޙައްމަދު ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވުމަށް ފަހު، ކަންކަން ހިނގައިގެން ދިޔަ ގޮތް ވަނީ ތާރީޚުގައި ވަރަށް ތަފްޞީލުކޮށް ބަޔާން ކުރެވިފައެވެ. މުސްލިމުންގެ ތެރެއިން ވެސް، އަދި ނަޞާރާއިންގެ ތެރެއިން ވެސް އެތައް ބަޔަކު އެ ހާދިސާގެ ޚަބަރުތައް ވަނީ ރާދަވަޅިތަކުގައި ލިޔެ ރިކޯޑު ކޮށްފައެވެ. މުސްލިމުން ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރި އިރު ހުންނެވި އަންބަރާޠޫރު ކޮންސްޓޭންޓިން އެގާރަވަނަ ޕެލައެލޮގޫސް ގެ ކާތިބުއްސިއްރު، އަދި އޭނާގެ އަރިސް ރަޙްމަތްތެރިޔާ، އަދި މަޝްހޫރު ބައިޒެންޓައިން ރާދަވަޅި ލިޔުންތެރިޔާ ޖޯރޖް ސްޕްރޭންޓޒެސް އަކީ އެ ހާދިސާގެ ރިކޯޑު ލިޔުއްވި ބެއިފުޅެކެވެ. އޭނާ މުސްލިމުން ދެކެ އިންތިހާޔަށް ނަފްރަތު ކުރެއްވިއެވެ. ފާތިޙް ސުލްޠާންގެ އިސްތަށިފުޅުގައި ދޮގު އެތައް އިލްޒާމެއް އަޅުއްވަވައިގެން ވެސް ލިޔުއްވައިފައި ވެއެވެ. ނަމަވެސް އޭނާގެ ލިޔުއްވުމުގައި ވެސް އެމަނިކުފާނު އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވެވީ ކޮންސްޓެންޓިނޯޕްލްގެ ޕެޓްރިއާރކް އާއި، ޝަހަރުގެ ނަޞާރާއިންގެ ލީޑަރުންނާއި، ނަޞާރާއިން ނުރުހި ތިއްބައި، ނުވަތަ އެކަމާ ދެކޮޅަށް ޝަކުވާ ކޮށް އިޢުތިރާޟު ކުރަމުން ގެންދަނިކޮށް ކަމުގައި ބުނާ ހަމަ އެންމެ ޖުމުލައެއް ވެސް ނެތެވެ. ރޯމަން އަންބަރާޠޫރިއްޔާގެ ތާރީޚު އެންމެ ތަފްޞީލުކޮށް ލިޔުއްވި މަޝްހޫރު މުއައްރިޚް އެޑްވަރޑް ގިބޯން 1776 މ. އާއި 1789 މ. އާ ދެމެދުގައި ޝާއިޢު ކުރެއްވި ދަ ހިސްޓްރީ އޮފް ދަ ޑެކްލައިން އެންޑް ދަ ފޯލް އޮފް ދަ ރޯމަން އެމްޕަޔަރގެ ހަވަނަ ޖިލްދުގައި، 68 ވަނަ ބާބު ޚާއްޞަ ކުރެވިފައި ވަނީ މުސްލިމުން ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރި ޙާދިސާޔަށެވެ. އެ ބާބުގައި ވެސް ފާތިޙް ސުލްޠާން އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވިކުރެއްވުމާ ދެކޮޅަށް ނަޞާރާއިން އެއްވެސް ގޮތަކުން ނުރުހި، އިންކާރު ކޮށް، ޝަކުވާ ކޮށް ހެދި ވާހަކައެއް ނެތެވެ.

ތެދުފުޅެކެވެ! ފަހުގެ ދައުރުތަކުގައި ނަޞާރާއިންގެ ތެރެއިން އެކަމާ މެދު ނުރުހުމާއި ރުޅިވެރިކަމުގެ އަޑުތައް އިވެމުން ދިޔައެވެ. މިހާރު ވެސް އެފަދަ އަޑުތައް އެބަ އިވެއެވެ. ނަމަވެސް މުހިއްމީ އެއިރު ޝަހަރުގައި ތިބި ނަޞާރާއިން ޢަމަލު ކުރި ގޮތެވެ. އެމީހުން އެކަމާ ދެކޮޅު ހެދި ހެއްޔެވެ؟ އިންކާރު ކޮށް އިޢުތިރާޟު ކުރިހެއްޔެވެ؟ އެހެން ނުހެއްދެވުމަށް ފާތިޙް ސުލްޠާންގެ އަރިޔަހުގައި ދެންނެވި ހެއްޔެވެ؟ އެމީހުންގެ އެއްވެސް ރިކޯޑަކުން، އެއްވެސް ލިޔުމަކުން، އެކަމާ މެދު އެމީހުން ނުރުހި ތިބިކަން އެނގޭހެއްޔެވެ؟ އެފަދަ އެއްވެސް ކަމެއް ފެންނާން ނެތް ނަމަ، އެއިގެ މާނަޔަކީ ކޮބައިހެއްޔެވެ؟ މި މަޒުމޫނުގައި ކުރީން ވެސް ދެންނެވުނު ފަދައިން، ފާތިޙް ސުލްޠާން ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވުމަށް ފަހު، ޝަހަރުގެ ނަޞާރާ ރައްޔިތުންގެ ލޯތްބާއި އިޙުތިރާމު އެންމެ ބޮޑަށް ލިބިވަޑައިގެން ހުންނެވި އެއް ބެއިފުޅެއް ކަމުގައި ވާ ގެނާޑިޔުސް ސްކޮލޭރިޔުސް ޝަހަރުގެ ޕެޓްރިއާރކްގެ މަޤާމަށް އިންތިޚާބު ކުރުމަށް ބޭނުންވާ ހުރިހައި ކަންތައްތަކެއް ދައުލަތުގެ ފަރާތުން އިންތިޒާމު ކޮށްދެއްވިއެވެ. ޚުދު ސުލްޠާންގެ އަތްޕުޅުން އޭނާޔަށް މަޤާމުގެ ރަމްޒީ އަސާކޮޅާއި މަންތާލަކޮޅު ދެއްވިއެވެ. އެ ރަސްމިއްޔާތުގައި ދެ ބެއިފުޅުން އެއް ސުފުރާޔަކުން ފަރީއްކުޅުއްވިއެވެ. އަޔާސޯފްޔާ "ފޭރިގަތް ލުޓޭރެއްގެ" އަތުން މަޤާމުގެ ރަސްމީ ފަތްކޮޅާއި، އަސާކޮޅާއި، މަންތާލަކޮޅު ލިބިވަޑައިގަތުމަށް ގެނާޑިޔުސް ސްކޮލޭރިޔުސް އެއްބަސް ވެވަޑައިގަތީ ބާވައެވެ! އަޔާސޯފްޔާ "ފޭރިގަތް ލުޓޭރެއްގެ" ސުފުރާއިން އޭނާ ފަރީއްކުޅުއްވީ ބާވައެވެ! އޭނާޔަކީ ހަމައެކަނި އެ ދުވަސްވަރުގެ ކޮންސްޓެންޓިނޯޕްލްގައި ތިއްބެވި ނަޞާރާ ޢިލްމުވެރީން ކުރެ ފުންނާބު އުސް ބެއިފުޅަކީއެއް ނޫނެވެ. ނަޞާރާއިންގެ ތާރީޚުގައި ވެސް، އޭނާޔަކީ ކުރީ ސަފުން ފާހަގަ ކޮށްލެވޭ ޢިލްމުވެރިޔެކެވެ. ނަޞާރާ ދުނިޔޭގެ ބޮޑެތި ކައުންސިލްތަކުގައި ބައިވެރި ވެވަޑައިގަތް، ނަޞާރާ ދުނިޔޭގެ ލީޑަރެކެވެ. މަޝްހޫރު ފަލްސަފާވެރިޔެކެވެ. ނަޞާރާ ދީނުގެ ޢިލްމުތަކާއި މަޒްހަބީ ތަފާތުތަކާ ބެހޭގޮތުން އެތައް ފޮތްތަކެއް ލިޔުއްވި މުޞައްނިފެކެވެ. އޭނާ އަޔާސޯފްޔާ "ފޭރިގަތް" ބަޔެއްގެ އުނގުތެރެޔަށް ވެއްޓިވަޑައިގަތީ ބާވައެވެ! އެއީ ވީ ގޮތް ކަމުގައި ވަނީ ނަމަ، ކޮންސްޓެންޓިނޯޕްލްގެ ނަޞާރާއިންގެ ތެރެއިން އެކަމާ ދެކޮޅަށް އެއްވެސް ބަޔަކު ނުނުކުތީ ބާވައެވެ! ގެނާޑިޔުސްގެ ޢަމަލުފުޅުތަކުން ބަރީއަ ވެ، "ތިޔަ ވެވަޑައިގަންނަވަނީ ޚިޔާނާތޭ" މިހެން ބުނާނެ ހަމަ އެކަކު ވެސް އެމީހުންގެ ތެރޭގައި ނެތީ ބާވައެވެ! ރަނގަޅެވެ! އެއިރުގެ ކޮންސްޓެންޓިނޯޕްލްގެ ގިނަ މީހުންނަކަށް ފާތިޙް ސުލްޠާންގެ ނިންމެވުމާ ދެކޮޅަށް ތެދު ވެގަނެ، ތަޙައްދީ ކުރާކަށެއް ނުކެރޭނެއެވެ. ނަމަވެސް ގެނާޑިޔުސް ފަދަ ބެއިފުޅުން ވެސް ފިނޑިފުޅުކަމުން، މުސްލިމުން ދެކެ ބިރުފުޅުން، ފާތިޙް ސުލްޠާން ގަދަބާރުން އަދި ގަދަބަދަވިކަމުން އަޔާސޯފްޔާ މިސްކިތަކަށް ހެއްދެވި އިރު، އެންމެ ކުޑަމިނުން "މާތް މަނިކުފާނޭ، ތިޔަހެން ނުހައްދަވައި އަޅުގަނޑުމެންގެ މި ފައްޅި އަޅުގަނޑުމެންނަށް ދޫ ކޮށްލަދެއްވުން އެދިތިބީމޭ" މި ވަރުގެ ބަސްފުޅެއް ވެސް ދަންނަވާން ކެރިވަޑައިނުގެން ތިއްބެވީ ބާވައެވެ! އޮރތޮޑޮކްސް ނަޞާރާއިންގެ ވެރިރަށުގައި، އެމީހުންގެ އެންމެ ބޮޑު ފައްޅީގެ ޙައްޤުގައި އެއްޗެއް ބުނާން ކެރުނު ހަމަ އެކަކު ވެސް ނެތީބާވައެވެ! އެއިރު ފައުޅުގައި އެކަމާ ދެކޮޅު ހައްދަވާން ކެރިވަޑައިނުގަތް ނަމަ، ފަހުން އަންނަ މީހުންނަށް ޓަކައި، އެތަން އަތުލެވުނީ އެބެއިފުޅުންގެ ނުރުހުމުގައޭ ވިދާޅުވެ ސިއްރު ލިޔުންގަނޑެއްހައި ހިސާބު ލިޔުއްވައިލައްވާން ވެސް ގެނާޑިޔުސް ނުވަތަ ނަޞާރާ އިސް ފާދިރީންނާއި ލީޑަރުންގެ ބެއިފުޅެއްގެ ހިތްޕުޅަށް ނޭރީ ބާވައެވެ! ގެނާޑިޔުސް އާއި އެއިގެ ފަހުން ވަޑައިގެންނެވި ޕެޓްރިއާރކުންނަށް، ފާތިޙް ސުލްޠާން އަޔާސޯފްޔާ އަތުލެއްވީ ގަދަބާރުންނޭ ވިދާޅުވާން ކެރިވަޑައިނުގަތީ ޢުޘްމާނީ މުސްލިމުންގެ ބާރުގެ ދަށުގައި އޮތް ތަނެއްގައި ދިރިއުޅުއްވާން ޖެހިވަޑައިގަތުމުން، ބިރުފުޅުން ކަމުގައި ވަނީ ނަމަ، ފުރަތަމަ ބޮޑު ހަނގުރާމަޔަށް ފަހު، 13 ނޮވެންބަރު 1918 އިން 4 އޮކްޓޯބަރު 1923 އަށް، ގާތްގަނޑަކަށް ފުރިހަމަ ފަސް އަހަރުގެ މުއްދަތަށް ކޮންސްޓެންޓިނޯޕްލް ޔޫރަޕުގެ ނަޞާރާ އިއްތިޙާދީ ބާރުތަކުގެ ބާރުގެ ދަށުގައި އޮތް އިރު ވެސް، ކޮންސްޓެންޓިނޯޕްލްގެ ޕެޓްރިއާރކް އެހެން ވިދާޅުނުވީ ކީއްވެގެން ބާވައެވެ! މި ސުވާލުތަކާ މެދު ވިސްނުމަށް ފަހު އަޅުގަނޑުމެން ޤަބޫލު ކުރާން ޖެހޭ ޙަޤީޤަތަކީ، އަޅުގަނޑު ހިތުން، އަޔާސޯފްޔާ މިސްކިތަކަށް ހެއްދެވުމަށް ފާތިޙް ސުލްޠާން ނިންމެވި ނިންމެވުމަށް އެއިރުގެ ކޮންސްޓެންޓިނޯޕްލްގެ ނަޞާރާއިން ދެކޮޅު ނުހަދާކަމެވެ. އެކަން ކުރެވުނީ އެމީހުން، ހިތާ ދެކޮޅަށް ނަމަވެސް، ރުހުން ދީގެން ކަމެވެ.

ދީނީ އަޅުކަމަށް ހުރަސްއެޅޭ ގޮތަށްތަ؟

އިސްލާމީ ޝަރީޢަތުގައި، ޔަހޫދީންނާއި ނަޞާރާއިން ފަދަ ޣައިރު މުސްލިމުންގެ ވެސް، އަޅުކަން ކުރާ ތަންތަން ޙިމާޔަތް ކޮށް ރައްކައުތެރި ކުރެވެނީ ވަރަށް މުހިއްމު ސަބަބުތަކަކަށް ޓަކައެވެ. އާދެ، ﷲ ސުބުޙާނަހޫ ވަ ތަޢާލާ ވަނީ ދުނިޔޭގައި އެ ބަޔަކު އުޅޭނެ ދީނަކަށް އުޅުމަށް މިނިވަންކަމާއި އިޚްތިޔާރު ދެއްވައިފައެވެ. އެ މިނިވަންކަމުގެ އެއް ބަޔަކީ، އޮޅުމެއް ނެތް ގޮތުގައި، އެ ބަޔަކު އުޅޭ ދީނަކަށް އަޅުކަން ކުރުމަށް ޓަކައި ފައްޅިތަކާއި ޚާނަގާހުތައް ހެދުމާއި، އެ ތަންތަނަށް ރައްކައުތެރިކަމާއި ޙިމާޔަތް ލިބިފައި އޮތުމެވެ. ހަމައެހެންމެ، ދީނީ އަޅުކަމަކީ އިންސާނުންގެ އެންމެ އަސާސީ ފިޠުރަތާއި، އިންސާނީ އިޙްސާސްތަކާއި ޝުޢޫރުތަކާއި ޖަޒުބާތުތަކުގެ އެންމެ އަސާސީ ބިންގަލާ ގުޅިފައި ހުންނަ ކަމެއް ކަމުގައި ވާ ހިނދު، އެކަމަށް ހުރަސް އެޅުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާޔަށް ދެއްވެވި ޤަދަރާއި ޙުރުމަތާ ވެސް ޚިލާފު، ލާއިންސާނީ، އަދި ފިޠުރަތާ ޚިލާފު، އަނިޔާވެރި ޢަމަލެކެވެ. އަދި އެއިގެ ސަބަބުން މީސްތަކުންގެ މެދުގައި ހަމަނުޖެހުމާއި، ތަޅައިފޮޅުމާއި، ހަނގުރާމަތައް ހިނގުމަށް އެންމެ ޢާއްމުކޮށް މެދުވެރި ކުރުވާ އެއް ކަންތަކެވެ.

މި ދެންނެވި ފަދަ ސަބަބުތަކަށް ޓަކައި، ޙައްޤު ހަނގުރާމައެއްގައި މުސްލިމުންނަށް ޝަހަރެއް ފަތަޙަ ކުރެވޭ ޙާލަތުގައި ވެސް، އެ ޝަހަރުގައި ތިބޭ ނަޞާރާއިން ނުވަތަ ޔަހޫދީންގެ ފައްޅިތައް ޙިމާޔަތް ކޮށްދިނުމާއި، އެތަންތަނަށް އެއްވެސް ގެއްލުމެއް ނުދިނުން އެއީ މުސްލިމުންގެ ސިޔާސަތު ކަމުގައި ވާން ޖެހެއެވެ. އަދި އެއިން ތަނެއް މުސްލިމުންގެ ބޭނުމަކަށް ހިފާ އިރު، ފުރިހަމަ ވާން ޖެހޭ އެއް ޝަރުޠަކީ، އެ ތަނެއް މުސްލިމުންގެ ބޭނުމަކަށް ނެގުމުން، އެ ތަން ބޭނުން ކުރާ ނަޞާރާއިން ނުވަތަ ޔަހޫދީންގެ ދީނީ އަޅުކަމަށް ހުރަސް އެޅޭ ގޮތް މެދުވެރި ނުވުމެވެ. މާނަޔަކީ، އެ ޝަހަރެއްގައި ގިނަ ޢަދަދަކަށް ފައްޅި ހުރެފައި، އެއިގެ ތެރެއިން ތަނެއް މުސްލިމުންގެ ބޭނުމަށް ނެގިޔަސް، އެމީހުން އަޅުކަން ކުރުމަށް ފުދޭ މިންވަރަށް ފައްޅިތައް ހުރުމެވެ. އަދި އެ ނެގޭ ތަނަކީ، އެތަނަކަށް ލިބިގެންވާ ރޫޙާނީ ޚާއްޞިއްޔަތެއް ނުވަތަ ޚާއްޞަ މުޤައްދަސްކަމެއްގެ ސަބަބުން، އެތަނެއް ދޫކޮށްލުމަށް އެތަނެއްގެ މިލްކުވެރިކަން އޮންނަ ބަޔަކަށް އެއްބަސް ނުވެވޭނެ ފަދަ ތަނަކަށް ނުވުމެވެ. މި ނުކުތާގެ މައްޗަށް ކުރީން ވެސް ވާނީ ވާހަކަ ދެއްކިފައެވެ. މިސާލަކަށް، ޤުދުސްގައި ހުންނަ މުޤައްދަސް މަޤްބަރާގެ ފައްޅި (Church of the Holy Sepulcher) ނަންގަވާށެވެ! ނަޞާރާއިން ޤަބޫލު ކުރާ ގޮތުގައި، ޢީސާ ޢަލައިހިއް ސަލާމްގެ މާތް ހަށިކޮޅު ފަސްދާނު ވެޑުވުނު މަޤްބަރާ ހުންނަނީ އެ ފައްޅީގެ ތެރޭގައެވެ. އެހެންކަމުން، އެތަން ދޫކޮށްލުމަކީ އެމީހުންނަށް އެއްގޮތަކަށް ވެސް އެއްބަސް ނުވެވޭނެ ކަމެއްކަން އިންސާނީ ބުއްދި ޤަބޫލު ކުރެއެވެ.

އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވިކުރެއްވުމުގެ މައްޗަށް މި ދެންނެވި ނުކުތާތަކުގެ އަލީގައި ބަލައިލަމާ ހިންގަވާށެވެ!

ބައިޒެންޓައިން ރޯމަން ދައުލަތުގެ ވެރިރަށުގެ ގޮތުގައި، އަދި ގްރީކް އޮރތޮޑޮކްސް ނަޞާރާއިންގެ އެންމެ ބޮޑު ޝަހަރުގެ ގޮތުގައި ހާހެއްހައި އަހަރު ވާންދެން އޮތް ކޮންސްޓެންޓިނޯޕްލަކީ ބޮޑެތި ފައްޅިތައް ހުރި ޝަހަރެކެވެ. ގިނަ ޢަދަދެއްގެ ފައްޅިތައް ހުރި ޝަހަރެކެވެ. އެ ޝަހަރުގައި ފައްޅި އެޅިފައި ހުރީ، އެއް ޒަމާނެއްގައި އެ ޝަހަރުގައި އުޅުނު ބިޔަ ނަޞާރާ އާބާދީއެއްގެ ޙާޖަތުތަކަށް ފުދޭ ވަރަށެވެ. ތާރީޚު ޢިލްމުވެރީން ލަފާ ކުރައްވާ ގޮތުގައި، ކޮންސްޓެންޓިނޯޕްލްގެ ރަން ޒަމާނުގައި، 500 މ. ހައިތަނުގައި، އެ ޝަހަރުގައި ގާތްގަނޑަކަށް ފަސް ލައްކަ މީހުންގެ އާބާދީއެއް އޮތެވެ. އެ އެންމެންނަކީ ވެސް ނަޞާރާއިންނެވެ. ނަމަވެސް ގާތްގަނޑަކަށް 1000 މ. އިން ފެށިގެން ބައިޒެންޓައިން ދައުލަތް ބަލިކަށި ވަމުން ހީނަރު ވަމުން ދިޔަ ދިޔުމާ އެކު، އަދި 1348 މ. އިން ފެށިގެން ޝަހަރަށް އެތައް ފަހަރަކު ކުރިމަތި ވި މަޝްހޫރު ކަޅުމަރުގެ ރޯގާ (Black Death) ގެ ސަބަބުންނާ އެކު، ޝަހަރުގެ އާބާދީ މަދު ވަމުން ގޮސް، މުސްލިމުން އެތަން ފަތަޙަ ކުރި އިރު، ޝަހަރުގައި ތިބީ ފަންސާހަކަށް ހާހާއި ލައްކަޔަކާ ދެމެދުގެ ޢަދަދެއްގެ ރައްޔިތުންނެވެ. ބައެއް ރިކޯޑުތަކުގައި އެ ޢަދަދު ފަންސާސް ހާހަށް ނާރާ ކަމަށް ވެސް ބުނެވިފައި ވެއެވެ. މާނަޔަކީ، އެއިރު ކޮންސްޓެންޓިނޯޕްލްގައި ޝަހަރުގައި ހުރި ގިނަ ޢަދަދެއްގެ ފައްޅިތައް ބޭނުން ކުރާ ވަރަކަށް މީހުންނެއް ނެތޭއެވެ. ފާތިޙް ސުލްޠާން ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވި އިރު، ޝަހަރުގެ ގިނަ ފައްޅިތަކެއް ހުންނަނީ ގާތްގަނޑަކަށް ފަޅަށެވެ. މަދު ފާދިރީންކޮޅަކާއި، ތަން ބަލަހައްޓާ މަދު ބަޔަކު ފިޔަވައި، އެހެން ބަޔަކު އެތަންތަނަށް ގާތްގަނޑަކަށް އެއްގޮތަކަށް ވެސް ނުވަންނަ ޙާލަތުގައެވެ. އެހެންކަމުން، މުސްލިމުންގެ ފަތަޙަޔަށް ފަހު، އެ ހުރިހައި ފައްޅިތަކެއް ނަޞާރާއިންގެ ފައްޅިތަކުގެ ގޮތުގައި ބެހެއްޓުމުގެ އެއްވެސް ޟަރޫރަތެއް ނެތެވެ. ބެހެއްޓެވި ނަމަވެސް، އެ ތަންތަން ހުހަށް، ފަޅަށް ހުރެ ވީރާނާ ވެގެން ދިޔުން ނޫން އިޙުތިމާލެއް ފެންނާކަށް ނެތެވެ. އެހެންކަމުން، އެއިގެ ތެރެއިން ބައެއް ފައްޅިތައް ދައުލަތުގެ ބޭނުމަށް ނެންގެވުމަކީ ޙަޤީޤަތުގައި ނަޞާރާއިންގެ ދީނީ އަޅުކަމުގެ ކަންކަމަށް އެއްވެސް ކަހަލަ ހުރަހެއް އެޅޭނެ ކަމެއް ނޫނެވެ.

ދެވަނަ ކަމަކަށް، އަޔާސޯފްޔާ އަކީ ގްރީކް އޮރތޮޑޮކްސް ނަޞާރާއިންގެ އެންމެ މުޤައްދަސް ފައްޅިޔޭ، އެ ފައްޅި އެމީހުންގެ އަތުން އަތުލައިގަތުމަކީ މުސްލިމުންގެ އަތުން ކަޢްބަތުﷲ ގެފުޅު، ނުވަތަ މަސްޖިދުއް ނަބަވީ، ނުވަތަ މަސްޖިދުލް އަޤްޞާ އަތުލައިގަތުން ފަދަ ކަމަކަށޭ، އެކަމަށް ނަޞާރައިން ރުހޭނެ ކަމަކަށް ބުއްދި ޤަބޫލެއް ނުކުރެޔޭ ބުނާ ބުނުމަށް ބަލައިލަމާ ހިންގަވާށެވެ! މިއީ އޮޅުވައިލުމެކެވެ. އަޔާސޯފްޔާ އަކީ ގްރީކް އޮރތޮޑޮކްސް ނަޞާރާއިންގެ އެންމެ ބޮޑު ފައްޅީގެ ގޮތުގައި ހުރި ތަނެއް ނަމަވެސް، އެ ތަނަކީ އެމީހުންގެ ގާތުގައި ރޫޙާނީ ގޮތުން ވަކީން ޚާއްޞަ މަޤާމެއް، ޙައިޘިއްޔަތެއް، ނުވަތަ ދަރަޖައެއް ދުވަހަކު ވެސް ލިބިފައި ހުރި ތަނެއް ނޫނެވެ. އެތަން ގްރީކް އޮރތޮޑޮކްސް ނަޞާރާއިންގެ މައި ފައްޅިޔަށް ވެފައި ހުރީ، އެ ތަނަކީ ބައިޒެންޓައިން ރޯމަނުންގެ ވެރިރަށުގައި ހުރި، އަދި ކްރިސްޓިޔަން ދުނިޔޭގައި ހުރި އެންމެ ބޮޑު، އެންމެ ރީތި، އަދި އެންމެ މަޝްހޫރު ފައްޅި ކަމުގައި ވާތީއެވެ. މި ދަންނަވަނިއްޔަކީ، އަޔާސޯފްޔާ އަކީ ރޫޙާނީ ގޮތުން އެއްވެސް އަގެއް ހުރި ތަނެއް ނޫނޭއެއް ނޫނެވެ. އޮޅުމެއް ނެތެވެ. ކޮންމެ މިސްކިތަކީ މުސްލިމުންގެ ގާތުގައި ރޫޙާނީ ގޮތުން ޚާއްޞަ ތަނަކަށް ވާ ފަދައިން، ނަޞާރާއިންގެ ގާތުގައި ކޮންމެ ފައްޅިޔަކީ ވެސް ވާނީ ރޫޙާނީ ގޮތުން މުހިއްމު، ލޮބުވެތި ތަނެއް ކަމުގައެވެ. މި ދަންނަވާ އެއްޗަކީ، އެ ތަނަކީ ވަކި ޚާއްޞަ، އާދަޔާ ޚިލާފު، ނުވަތަ އެހެން ފައްޅިތަކަށް ވުރެ ބޮޑު ރޫޙާނީ ޙައިޘިއްޔަތެއް ނުވަތަ މަޤާމެއް ލިބިފައި ވީ ތަނެއް ނޫން ވާހަކައެވެ. މި ދަންނަވަނީ، މިސާލަކަށް މުސްލިމުންނަށް ކަޢްބަތުﷲ ގެފުޅު، ނުވަތަ މަސްޖިދުއް ނަބަވީ، ނުވަތަ މަސްޖިދުލް އަޤްޞާ މުހިއްމު ވާ ގޮތަށް، އެފަދައިން، އެމީހުންނަށް އަޔާސޯފްޔާ މުހިއްމު ނޫން ވާހަކައެވެ. ކްރިސްޓިޔަނުންނަށް ޤުދުސްގައި ހުންނަ ޗާރޗް އޮފް ދަ ހޯލީ ސެޕަލްކަރ، ނުވަތގަ ރޯމުގައި ހުންނަ ސެއިންޓް ޕީޓަރޒް ބެސިލިކާ މުހިއްމު ވާ ފަދައިން، އަޔާސޯފްޔާ މުހިއްމު ނޫން ވާހަކައެވެ. އަޔާސޯފްޔާގެ ދީނީ ޙައިޘިއްޔަތަށް ވުރެ ބޮޑަށް، ގްރީކް ނަޞާރާއިންގެ ގާތުގައި މުހިއްމީ އެތަނުގެ ސިޔާސީ އަދި ސަގާފީ ޙައިޘިއްޔަތެވެ. ގްރީކް އޮރތޮޑޮކްސް ނަޞާރާއިންގެ ތާރީޚަށް ބައްލަވައިލައްވައިފި ނަމަ، އެނގިވަޑައިގަންނަވާނެ ފަދައިން، އެ މަޒްހަބުގެ ފެށުމަކީ ޢީސާ ޢަލައިހިއްސަލާމްގެ އަރިސް ޙަވާރީންގެ ތެރެއިން ބެއިފުޅެއް ކަމަށް ބެލެވޭ އެންޑްރޫވ ދި އެޕޯސްލް އެވެ. ސެއިންޓް އެންޑްރޫވ އެވެ. އެ މަޒްހަބުގެ ރޫޙާނީ ލީޑަރަކީ އޭނާއެވެ. ސެއިންޓް އެންޑްރޫވއަށް ނިސްބަތް ވާ މުޤައްދަސް ޒަޚީރާތައް ތަފާތު އެތައް ތަނެއްގައި އެބަހުއްޓެވެ. ގްރީކުގެ ޕެޓްރާސްގައި ހުންނަ ބެސިލިކާ އޮފް ސެއިންޓް އެންޑްރޫވ ނުވަތަ ކެތީޑްރަލް އޮފް ސެއިންޓް އެންޑްރޫވ ގައެވެ. އިޓަލީގެ އަމާލްފީގައެވެ. އިޓަލީގެ ސަރްޒާނާގައެވެ. ސްކޮޓްލޭންޑުގައެވެ. އަދިވެސް އެތައް ތަނެއްގައެވެ. ނަމަވެސް އޭނާގެ އެއްވެސް ޒަޚީރާއެއް އަޔާސޯފްޔާގައެއް ނުވެއެވެ. އޭނާގެ ޤަބުރުފުޅު ފުރަތަމަ ފަސްދާނު ވެޑުވިފައި އޮތީ ޕަޓްރާސްގައެވެ. ފަހުން އެ ޤަބުރުފުޅު ކޮންސްޓެންޓިނޯޕްލަށް ބަދަލު ކުރެވުނެވެ. ނަމަވެސް ޤަބުރުފުޅު ކޮންސްޓެންޓިނޯޕްލްގައި ވަޅުފުޅު ލެވުނީ އަޔާސޯފްޔާ ބިނާ ކުރެވުނު ސަރަޙައްދުގައެއް ނޫނެވެ. އެއިރު ކޮންސްޓެންޓިނޯޕްލްގައި ހުރި އޮރތޮޑޮކްސް ނަޞާރާއިންގެ އެންމެ މުޤައްދަސް ފައްޅި ކަމުގައި ވާ ޗަރޗް އޮފް ދަ ހޯލީ އެޕޮސްލްސް ގައެވެ. ސެއިންޓް އެންޑްރޫވ އަށް ފަހުގައި ވެސް، ގްރީކް އޮރތޮޑޮކްސް ނަޞާރާއިންގެ އެއްވެސް "ސެއިންޓެއްގެ" ހަށިކޮޅު އަޔާސޯފްޔާގައި ފަސްދާނު ވެޑުވިފައެއް ނުވެއެވެ. އެހެންކަމުން، އަޔާސޯފްޔާ އަކީ ގްރީކް އޮރތޮޑޮކްސް ނަޞާރާއިންގެ މުޤައްދަސް ފައްޅިޔެއް ކަމުގައި ބުނެ ދައްކާ ވާހަކަތަކަކީ ވެސް ޙަޤީޤަތާ ޚިލާފު ވާހަކަތަކެކެވެ. ފާތިޙް ސުލްޠާން މުޙައްމަދު އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވި ކުރެއްވުމުގެ މަންޒަރު ހުތުރު ކުރުމުގެ ނުބައި މަޤްޞަދުގައި ދައްކާ ވާހަކައެކެވެ.

ޢުޘްމާނީ މުސްލިމުން، އެމީހުންގެ ބާރުގެ ދަށަށް ދިޔަ ނަޞާރާއިންނާ މެދު ކަންތައްތައް ކުރަމުން ގެންދިޔަ އޯގާވެރިކަމާއި، މުސްލިމުންގެ ވެރިކަމުގެ ދަށުގައި ނަޞާރާއިންނަށް އެމީހުންގެ ދީނަށް އުޅުމަށް ލިބިފައި އޮތް ރައްކައުތެރިކަމަކީ ތާރީޚުގައި މަޝްހޫރު ކަމެކެވެ. ފާތިޙް ސުލްޠާން މުޙައްމަދު ކޮންސްޓެންޓިނޯޕްލް ޙިޞާރު ކުރެއްވުމުން، ޢުޘްމާނީންނާ ހަނގުރާމަ ކޮށް ޝަހަރު ދިފާޢު ކުރުމަށް ޓަކައި ރޯމަން ކެތަލިކް ޕޯޕާއި ކެތަލިކް ނަޞާރާ ޔޫރަޕުގެ އެހީ ހޯދުމުގެ ވާހަކަ ދެކެވުމުން، އެއިރު ބައިޒެންޓައިން ކަނޑުގެ ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރުކަމުގެ މަޤާމުގައި އަދި ދައުލަތުގެ އިސް ވަޒީރުކަމުގައި ހުންނެވި ގްރޭންޑް ޑިޔުކް ލޫކަސް ނޮޓަރާސް ވިދާޅުވި މަޝްހޫރު ބަސްފުޅަކީ "ކޮންސްޓެންޓިނޯޕްލްގެ މެދުގައި ކެތަލިކް ޕޯޕްގެ ބުރުޠުލް ހުންނަ މަންޒަރު ދުށުމަށް ވުރެ އަޅުގަނޑުގެ ހިތަށް ފަސޭހައީ ތުރުކީ ފަގުޑި ހުންނަ މަންޒަރު ދުށުމެވެ" މިއެވެ. މިއީ ޝަހަރުގެ ގިނަ ބަޔެއްގެ ޝުޢޫރެވެ. ޚާއްޞަކޮށް، ގްރީކް އޮރތޮޑޮކްސް ދީނީ ލީޑަރުންގެ ޝުޢޫރެވެ. ހަމަ އެހެންމެ، މި ޙަޤީޤަތުގެ ވާހަކަ ބަޔާން ކުރައްވަމުން، ޔޫރަޕުގެ މަޝްހޫރު ފަލްސަފާވެރިޔާ އަދި ލިޔުންތެރިޔާ ވޯލްޓެއަރ ލިޔުއްވި "އެސޭ އޮން ޓޮލެރޭޝަން" ގައި ވިދާޅުވެފައި ވަނީ "ޢުޘްމާނީ ސުލްޠާން އިސްލާމް ދީން ފިޔަވައި އެހެން ދީންތަކުގެ 20 މިލިޔަން ރައްޔިތުންގެ މައްޗަށް ޞުލްޙަވެރި މާޙައުލެއްގައި ވެރިކަން ކުރައްވަމުން ގެންދަވާ އިރު، އަދި ޢުޘްމާނީ އަންބަރާޠޫރިއްޔާގައި ގިނަ ޢަދަދަކަށް ނަޞާރާއިންނާއި ޔަހޫދީން ދިރިއުޅެމުން ގެންދާ އިރު، ޢުޘްމާނީންގެ ތާރީޚުގައި ދުވަހަކު ވެސް މއިން އެއްވެސް ބަޔަކު ވެރިކަމާ ދެކޮޅަށް ޝިކާޔަތު އުފުލައި، ތޮޅޭން މަސައްކަތް ކޮށްހަދައިފައެއް ނުވާ" ކަމުގައެވެ. ސަބަބަކީތޯއެވެ! ވޯލްޓެއަރ ވިދާޅުވި ފަދައިން، އަދި އިންޞާފުވެރި މުއައްރިޚުން އަބަދުވެސް ލިޔުއްވައިފައިވާ ފަދައިން، ޣައިރުމުސްލިމުންނާ މެދުގައި މުސްލިމް ޢުޘްމާނީން ބެހެއްޓި އޯގާވެރިކަމާއި އިންޞާފުވެރިކަމެވެ.

ފާތިޙް ސުލްޠާން މުޙައްމަދުގެ ސިޔާސަތަކީ ކޮންސްޓެންޓިނޯޕްލްގެ ނަޞާރާ ރައްޔިތުންގެ ޙައްޤުތައް ރައްކައުތެރި ކޮށްދެއްވުންކަމާއި، އެމީހުންގެ ދީނީ ޙައްޤުތަކަށް ވެސް ޙުރުމަތްތެރިކޮށް ހިއްތެވުންކަން ވަރަށް ސާފެވެ. މި މަޒުމޫނުގައި ވަރަށް ޚުލާޞާކޮށް ދެންނެވުނު ބަޔާންތަކުން ވެސް އެކަން ސާފު ވާނެއެވެ. ޝަހަރުގެ ޕެޓްރިއާރކްގެ މަޤާމަށް ޖޯރޖް ގެނާޑިޔުސް ސްކޮލޭރިޔުސް އިންތިޚާބު ކުރުމުގެ ކަންކަން ގެންދެވުނު ގޮތް ހަނދާން ކޮށްލަމާތޯއެވެ! މީގެ އިތުރުން، ޝަހަރުގެ ނަޞާރާ ރައްޔިތުންގެ ފުރާނަތަކާއި މުދަލަށް ފުރިހަމަ ޙިމާޔަތް ދެއްވިއެވެ. ހަމައެކަނި ގްރީކް އޮރތޮޑޮކްސް ނަޞާރާއިންނަކަށް ނޫނެވެ. އަރުމީނިޔާ އޮރތޮޑޮކްސް ނަޞާރާއިންނަށް ވެސް ރައްކައުތެރިކަން ދެއްވިއެވެ. ހަމައެހެންމެ، ނުހަނު ބޮޑު، މުހިއްމު، ތާރީޚީ އެތައް ފައްޅިޔެއް ކޮންސްޓެންޓިނޯޕްލްގައި ހުރި އިރު، އެ ތަންތަން ނަޞާރާއިންގެ ބޭނުމަށް ކުރީއްސުރެ ހުރި ގޮތަށް ބެހެއްޓެވިއެވެ. ހަމައެކަނި އެ ފައްޅިތައް ނަޞާރާއިންގެ ތަންތަނުގެ ގޮތުގައި ބެހެއްޓެވީއެއް ނޫނެވެ. ކޮންސްޓެންޓިނޯޕްލްގެ ޕެޓްރިއާރކީގެ ހުރިހައި ފައްޅިތަކެއްގެ ހުރިހައި ފާދިރީންގެ އަތުން، ޒަމާނެއްގެ ކޮޅުން ވެސް، އިސްލާމީ ދައުލަތަށް އެންމެ ކުޑަމިނުން އެއްވެސް ކަހަލަ ޓެކުހެއް ވެސް ނުނެގޭނެކަމުގެ ބަސްފުޅު އެމަނިކުފާނު ސިއްކަ ޖައްސަވައި ސޮއި ކުރެއްވި ލިޔުމަކުން ދެއްވެވީ ވެސްމެއެވެ. އެހެންކަމުން، އެމަނިކުފާނުގެ ސިޔާސަތަކީ އިސްލާމީ ޝަރީޢަތުގެ ރޫޙާ އެއްގޮތަށް، ނަޞާރާއިންގެ ދީނީ ޙައްޤުތަކާއި އެމީހުންގެ ފައްޅިތައް ވެސް ޙިމާޔަތް ކޮށްދެއްވުންކަން އެއީ ބަޙުޘްތަކެއް ކޮށްގެން ބަޔާން ކޮށްދޭން ޖެހޭ ވަރަށް ވުރެ ސާފުކޮށް ފެންނާން އޮތް ޙަޤީޤަތެކެވެ. އެހެންކަމުން، މިފަދަ ސިޔާސަތެއްގެ ސިޔާޤުގައި، އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވި ކުރެއްވުމަކީ، ނަޞާރާއިންގެ އަޅުކަމަށް އެއްވެސް ކަހަލަ ހުރަހެއް ނޭޅޭ ގޮތަށް، އިސްތިސްނާ ޙާލަތުތަކެއްގެ ތެރެއިން ޙާލަތެއްގެ ގޮތުގައި، ކުރެއްވި ކަމެކެވެ.

މަޞްލަޙަތަށް ޓަކައި ލާޒިމުތަ؟

ފާތިޙް ސުލްޠާނަށް އަޔާސޯފްޔާ ކޮންސްޓެންޓިނޯޕްލްގެ ގްރީކް އޮރތޮޑޮކްސް ނަޞާރާއިންގެ މައި މަރުކަޒުގެ ގޮތުގައި، ކުރީންވެސް އެތަން ހުރި ގޮތަށް ބެހެއްޓެވުނީހެވެ. އެހެން ހެއްދެވި ނަމަ، މުސްލިމުން ނަޞާރާއިންނާ މެދު ޢަމަލު ކުރަމުން އައި ރިވެތި ގޮތުގެ އިތުރު ނަމޫނާޔަކަށް ވެސް އެކަން ވީހެވެ. ނަމަވެސް އެމަނިކުފާނު ނިންމެވީ އެތަން އަތުލައްވައި މިސްކިތަކަށް ބަދަލު ކުރެއްވުމަށެވެ. ސުވާލަކީ، ދައުލަތުގެ ޢާއްމު ސިޔާސަތާ ޚިލާފަށް އެހެން ހެއްދެވީ ކީއްވެގެންތޯއެވެ. ދައުލީ ސިޔާސަތުގެ ނަޒަރުން ބަލާއިރު، އެ ނިންމެވުން މުހިއްމު ވާ، އަދި އެއީ އިސްލާމީ ދައުލަތާއި މުސްލިމުންގެ މަޞްލަޙަތަށް ޓަކައި ބޭނުންތެރި ނިންމެވުމެއް ކަމުގައި ވާ މައިގަނޑު ތިން ސަބަބެއް ފާހަގަ ކުރެވެއެވެ.

ފުރަތަމަ ސަބަބަކީ، އަޔާސޯފްޔާގެ ޙައިޘިއްޔަތެވެ. މީސްތަކުންގެ ސިކުނޑީގައި އެތަނަށް ދެވިފައި އޮތް މަޤާމެވެ. އެތަނުގެ ޝަޚްޞިއްޔަތެވެ. އެތަނުގެ ޝަނާކަތު ނުވަތަ "އައިޑެންޓިޓީ" އެވެ. އެއީ ހަމައެކަނި ފައްޅިޔެއް ނޫނެވެ. ހަމައެކަނި ގްރީކް އޮރތޮޑޮކްސް ނަޞާރާއިންގެ ބޮޑުފައްޅިޔެއް ނޫނެވެ. ހަމައެކަނި ދީނީ އަޅުކަމުގެ މަރުކަޒެއް ނޫނެވެ. ޖުސްޓިނިޔަން އެއްވަނަ އެތަން ބިނާ ކުރެއްވީ ހަމައެކަނި ދީނީ ބިނާއެއް، ނުވަތަ އަޅުކަމުގެ މަޤާމެއް ހެއްދެވުމުގެ މަޤްޞަދުގައެއް ނޫނެވެ. ހުރިހައި ގޮތަކުން ވެސް، އަޔާސޯފްޔާ ބިނާ ކުރެވުނީ ބައިޒެންޓައިން ދައުލަތުގެ އާރާއި ބާރާއި، މުއްސަނދިކަމާއި، ދީނީ ޝަޚްޞިއްޔަތާއި، މަތިވެރިކަމުގެ ރަމްޒެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ، އެ ތަނަކީ ބައިޒެންޓިން ރޯމަން ދައުލަތުގެ ސިޔާސީ އަދި ސަގާފީ ޝިޢާރެކެވެ. އެ ދައުލަތުގެ ރަސްކަމުގެ އާރާއިބާރުގެ ރަމްޒެކެވެ. އެތަން ޢިމާރާތް ކުރެވުނީއްސުރެ، ބައިޒެންޓައިން ރޯމަން ތަޚުތުގައި އައު ރަސްކަލަކު ވެޑުވެނީ އެތަނުގައި ބޭއްވޭ ރަސްމިއްޔާތެއްގައެވެ. އަޔާސޯފްޔާ އަކީ ކޮންސްޓެންޓިނޯޕްލްގެ ރަމްޒެކެވެ. އެ ޝަހަރުގެ ނަޞާރާ ޝަޚްޞިއްޔަތުގެ ދިދައެވެ. ޝަހަރުގެ ބައިޒެންޓައިން، އަދި ނަޞާރާ ސަގާފަތުގެ ހިތެވެ. ކޮންސްޓެންޓިނޯޕްލަކީ ގްރީކް އޮރތޮޑޮކްސް ނަޞާރާއިންގެ އަދި ބައިޒެންޓައިން ރޯމަން ދައުލަތުގެ މައި މަރުކަޒުކަން މުޅި ދުނިޔެއަށް އިޢުލާން ކުރާ ތަނެއްގެ ގޮތުގައި އެއްހާސް އަހަރު ވާންދެން ހުރި އެންމެ ވަރުގަދަ ނިޝާނެވެ. ކޮންމެ ދިމާޔަކުން ޝަހަރަށް އަންނަ މީހަކަށް ވެސް، އެންމެ ފުރަތަމަ އެ ޝަހަރުގެ މަލައިން ފެންނާނީ އަޔާސޯފްޔާގެ އުފުލިގެންވާ ގުއްބެވެ. އެ ގުއްބުގެ ކުރިޔަށް އުފުލައިލެވިފައި ހުންނަ ނަޞާރާ ޞަލީބެވެ. އެ ޞަލީބު އެގޮތަށް ހުރުމީ، ކޮންސްޓެންޓިނޯޕްލްގެ ދުލުން "އަހަރެންގެ ދީނަކީ ނަޞާރާ ދީނޭ" ބުނެ ކުރާ އިޢުލާނެކެވެ. އެހެންކަމުން، އަޔާސޯފްޔާ ނަޞާރާއިންގެ ފައްޅިޔެއްގެ ގޮތުގައި ބެހެއްޓެވުމަށް، އެ ޝަހަރު ފަތަޙަ ކުރެއްވި މުސްލިމް ރަސްގެފާނުގެ ހިތްޕުޅު ސުކޫނު ވެގެން ނުދާނެކަން އެއީ ކޮންމެ މީހަކަށް ވެސް ވިސްނޭވަރުގެ ޙަޤީޤަތެކެވެ. އަޔާސޯފްޔާ ފައްޅިޔެއްގެ ގޮތުގައި ބެހެއްޓެވި ނަމަ، މުސްލިމުންގެ އަތްމައްޗަށް އެ ޝަހަރު ފަތަޙަ ވުން ފުރިހަމައެއް ނުވެއެވެ. އަޔާސޯފްޔާގެ ބޮޑު ގުއްބުގެ ބޮޑު ޞަލީބަކީ މުސްލިމުންނަށް އެ ޝަހަރު ފަތަޙަ ކުރެވުނަސް، އެ ޝަހަރުގައި އިސްލާމީ އެންމެ ބޮޑު ރަސްކަމުގެ ތަޚްތު ހުއްޓަސް، އެ ޝަހަރަކީ މުސްލިމުންނަށް ބީރައްޓެހި ތަނެއްކަމުގެ އިޢުލާނެކެވެ. އެ ޝަހަރުގެ ބައިޒެންޓައިން އަދި ނަޞާރާ ޝަޚްޞިއްޔަތު ދެމިގެން ވާކަމުގެ އިޢުލާނެކެވެ. ހަމައެހެންމެ، އަޔާސޯފްޔާ އެ ގޮތުގައި ހުރުމަކީ، މުސްތަޤުބަލުގައި ބައިޒެންޓައިން ރޯމަން ރަސްކަން އަލުން ހިން ދެމިލުމަށް ދެވޭ ދަޢުވަތެއް ކަމުގައި މެނުވީ ފާތިޙް ސުލްޠާން މުޙައްމަދުގެ ނަޒަރުފުޅަށް ފެނިވަޑައިގަންނަވާނޭ ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން، އަޔާސޯފްޔާ ބައްލަވައިގަނެ، މިސްކިތަކަށް ބަދަލު ކުރެއްވުމުގައި، ފާތިޙް ސުލްޠާން މުޙައްމަދުގެ ނިޔަތާއި މަޤްޞަދު ބައްޓަން ވެގެން ދިޔައީ މި ކަންކަމުގެ މައްޗަށް ކަމުގައި ވުން އެކަށީގެން ވެއެވެ. އަދި، މި ގޮތްގޮތުން ވިސްނާ އިރު، އަޔާސޯފްޔާ އެ ގޮތުގައި ބެހެއްޓުމަކީ އެމަނިކުފާނުގެ ކުރިފުޅުމަތީގައި އޮންނާނެ އިޚްތިޔާރެއް ނޫނެވެ. އެގޮތަކަށް އެމަނިކުފާނަށް އެއްބަސް ވެވަޑައެއްނުގެންނެވޭނެއެވެ. އެހެންކަމުން، އެތަން މިސްކިތަކަށް ބަދަލު ކުރެއްވެވީއެވެ. އެގޮތުން، ކޮންސްޓެންޓިނޯޕްލްގެ ޝަޚްޞިއްޔަތު، ނަޞާރާ ބައިޒެންޓިޔަން ޝަޚްޞިއްޔަތަކުން އިސްލާމީ ޝަޚްޞިއްޔަތަކަށް ބަދަލު ކުރެއްވީއެވެ. އެއީ ނަޞާރާއިންގެ އަތުން އެމީހުންގެ ފައްޅިޔެއް އަތުލެއްވުމުގެ ސިޔާސަތެއްގެ ދަށުން، އެފަދަ ނިޔަތެއްގެ ދަށުން ކުރެއްވެވި ކަމެއް ނޫނެވެ. އަދި ކީއްތޯއެވެ! ދައުލީ ސިޔާސަތުގެ ޢަމަލީ ޙަޤީޤަތްތައް ނިޔާ ކުރާ ގޮތުގެ މަތީން، އެމަނިކުފާނަށް އެކަން ކުރެއްވުން މަޖުބޫރު ވެ، ލާޒިމު ވެގެން ވާތީ ކުރެއްވެވި ކަމެކެވެ.

ދެވަނަ ސަބަބު ގުޅެނީ، އަޔާސޯފްޔާ ބަލަހައްޓައި ދެމެހެއްޓުމަށް ޓަކައި ކުރާން ޖެހޭ ބޮޑު ޚަރަދާއި، ބައިޒެންޓައިން ދައުލަތުގެ މާލީ ޙާލަތު ހުރިގޮތުން އެތަން ވީރާނާ ވެފައި ހުރި ވަރާއި، އަދި މުސްލިމުންގެ ފުތޫޙާތަށް ފަހު ޝަހަރުގެ ނަޞާރާއިންނަށް އެތަން ބެލެހެއްޓުމުގެ އެއްވެސް މާލީ ޤާބިލިއްޔަތެއް ނެތުމާއެވެ. ބައިޒެންޓައިން ރޯމަން ދައުލަތުގެ ސަރަޙައްދު ކުޑަ ވެ، ދައުލަތުގެ އާރާއިބާރު ދަށަށް ގޮސް، ދައުލަތުގެ ވަސީލަތްތަކާއި މާލީ ކެރިފޯރުންތެރިކަމާއި މުއްސަނދިކަން މުޅީން އަޑި އަޅައިލައިގެން ދިޔުމަށް ފަހު، މުޅި ކޮންސްޓެންޓިނޯޕްލް ވެސް އޮތީ ވަރަށް ބޮޑަށް ވީރާނާ ވެ، ފަޅު ވެފައި ވާ ޝަހަރަކަށް ވެފައެވެ. ފާތިޙް ސުލްޠާން މުޙައްމަދު ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވި އިރު، އަޔާސޯފްޔާ ހުރި ޙާލަތުގެ ވާހަކަ ތާރީޚުގެ އެތައް ލިޔުންތަކެއްގައި ބަޔާން ކުރެވިފައި ވެއެވެ. އެ ލިޔުންތައް ދިރާސާ ކުރައްވައިގެން، ތާރީޚުގެ ފޮތްތައް ލިޔުއްވި އެތައް ބެއިފުޅުންނެއް އެ ވާހަކަތައް ތަފްޞީލުކޮށް ބަޔާން ކުރައްވައިފައި ވެއެވެ. އެފަދަ އެއް ބެއިފުޅަކީ "އަޔާސޯފްޔާ: އަ ހިސްޓްރީ" މި ނަމުގައި އަޔާސޯފްޔާގެ ތާރީޚެއް ލިޔުއްވި ރިޗަރޑް ވިންސްޓަނެވެ. އޭނާގެ ފޮތުގައި ބަޔާން ކުރައްވައިފައި ވާ ގޮތުގައި، ބައިޒެންޓައިން ރޯމަން ދައުލަތް ބަލިކަށި ވަމުން ދިޔަ ވަރަކަށް، އަޔާސޯފްޔާއާ މެދު ދިޔައީ އިހުމާލު ވެވެމުންނެވެ. 1391 މ. ގައި ކޮންސްޓެންޓިނޯޕްލަށް ޒިޔާރަތް ކުރެއްވި ސްޕޭނުގެ މަންދޫބު ގޮންޒާލޭޒް ޑި ކްލެވިޔޯގެ ބަޔާނުން އެނގޭ ގޮތުގައި، އެއިރު ވެސް އަޔާސޯފްޔާގެ ގޯތީގެ މައިދޮރޯށި ހުރީ ހަލާކު ވެ ވީރާނާ ވެފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން ކޮންސްޓެންޓިނޯޕްލަށް ޒިޔާރަތް ކުރެއްވި އިޓަލީގެ ދަތުރުވެރިޔާ ކްރިސްޓޮފޯރ ބުއޮންޑެލްމޯންޓީގެ ބަހުން އެނގޭ ގޮތުގައި، ގުއްބު ފިޔަވައި، ދެން ތަންތަން ހަލާކު ވެ ވީރާނާ ވެފައި ނުވާ ހަމަ އެންމެ ތަންކޮޅެއް ވެސް ފައްޅީގައި ނެތެވެ. އިސްވެ ދެންނެވުނު ފަދައިން، ޝަހަރުގެ އާބާދީ މަދު ވެގެން ދިޔަދިޔުމީ ވެސް މީގެ ވަރަށް ބޮޑު ސަބަބެކެވެ. އެހެންކަމުން، ޝަހަރުގެ ވަރަށް ގިނަ ޢިމާރާތްތައް ވެސް ހުރީ ނުބެލެހެއްޓި، ވީރާނާ ވެގެން ދިޔުމާ ކައިރީގައެވެ. އެއިގެ ތެރެއިން އެއް ތަނަކީ އަޔާސޯފްޔާއެވެ. އިތުބާރު ހުރި އެތައް ތާރީޚީ މަޞްދަރަކުން އެނގޭ ގޮތުގައި، މުސްލިމުން ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރި އިރު، އަޔާސޯފްޔާ އަކީ އެންމެ ކުޑަމިނުން ރަނގަޅަށް ފޮޅައި ބެލެހެއްޓުމުގެ ކަންކަން ވެސް ކުރެވޭ ތަނެއް ނޫނެވެ. ތަނަކީ ޢިމާރާތް ކުރުމުގައި ވަރަށް ބޮޑު މައްސަލައެއް ހުރި ތަނެއްކަން ކުރީން ވެސް ވާނީ ފާހަގަ ކުރެވިފައެވެ. އެއީ ތަނުގެ ތަނބުތަކާއި ފާރުތަކުގެ އޮނިގަނޑަށް ދިގު މުއްދަތަކަށް ހިފަހައްޓައިލެވޭ ވަރަށް ވުރެ ބޮޑު ބަރު ގުއްބެއް ތަނުގައި ހުރުމެވެ. އަޔާސޯފްޔާގެ ތާރީޚުގައި މުސްލިމުން ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރުމުގެ ކުރީން ވެސް، އެތައް ފަހަރަކު އެ ގުއްބު ހަލާކު ވެ، ބައެއް ފަހަރު އެކީ ވެއްޓިގެން ހަދާން ވެސް ޖެހިފައި ވެއެވެ. އެހެންކަމުން، އަޔާސޯފްޔާ އަކީ ބެލެހެއްޓުމާއި މަރާމާތުގެ ޚަރަދު އިންތިހާޔަށް ބޮޑު ޢިމާރާތެކެވެ. މުސްލިމުން ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރުމާ ހަމަޔަށް ދިޔަ އިރު، އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ވަރުގެ މާލީ ޤާބިލިއްޔަތެއް ކޮންސްޓެންޓިނޯޕްލްގެ ދައުލަތަކު ނެތެވެ. އެހެންކަމުން، ވަރަށް ގިނަ ތާރީޚީ ބެއިފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، މުސްލިމުން އެތަން ފަތަޙަ ކުރުމަށް ފަހު، މިސްކިތަކަށް ބަދަލު ކޮށްގެން އެތަން މަރާމާތުކޮށް، އެތަނުގެ ޢިމާރާތުގެ އޮނިގަނޑު ވަރުގަދަ ކުރުމަށް ޓަކައި އެތައް މަސައްކަތްތަކެއް ކޮށް، ޢިމާރާތަށް ސަޕޯޓު ލިބޭ ގޮތަށް ހަތަރު މުންނާރާއި އިތުރު ބައިތައް ބިނާ ކޮށް ނުހެދި ނަމަ، ދަހަތަކެއްގެ ތެރޭގައި އަޔާސޯފްޔާ ހަލާކު ވެގެން ދިޔުމަކީ ޔަޤީން ކަމެކެވެ. މުސްލިމުން ޝަހަރު ފަތަޙަ ކުރުމަށް ފަހު، ޝަހަރުގެ ނަޞާރާއިންނާ ތަން ޙަވާލު ކުރި ނަމަވެސް، އެމީހުންގެ ކިބަޔަކު އެތަން ބަލަހައްޓާނޭ ޤާބިލިއްޔަތެއް ނެތެވެ. މި ނުކުތާޔަށް ވިސްނުމުން ވެސް، ދައުލީ ސިޔާސަތުގެ ގޮތުން އެންމެ ރަނގަޅު ގޮތަކީ އެތަން މުސްލިމުން ބަލަހައްޓާ، މުސްލިމުންގެ މިސްކިތެއްގެ ގޮތުގައި ބޭނުން ކުރުން ކަމަށް ޤަބޫލު ކުރާން ޖެހެއެވެ.

ތިންވަނަ ސަބަބަކީ، މުސްލިމުން ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރުމަށް ފަހު، ޝަހަރުގައި މުސްލިމުން އަޅުކަން ކުރާނެ މިސްކިތެއް ހެދުމުގެ ޟަރޫރަތެވެ. މިސްކިތްތަކެއް ބިނާ ކުރުމަކީ ވެސް އެއްގޮތެވެ. ނަމަވެސް، ކުރީން ވެސް ދެންނެވި ފަދައިން، ޝަހަރުގައި ނަޞާރާއިންގެ ބޭނުންތަކަށް ފުދޭ ވަރަށް ވުރެ ގިނައިން ފައްޅިތައް ހުރެ، އެއިގެ ތެރެއިން އެތައް ތަނެއް ފަޅަށް ހުރެ ވީރާނާ ވަމުން ދިޔަ އިރު، އެތަންތަން މިސްކިތްތަކަށް ބަދަލު ކުރުމަކީ ޚަރަދު ކުޑަ، ފަސޭހަ، އަވަސް، އަދި އެއްވެސް ބަޔަކަށް އެކަމަކުން ގެއްލުމެއް ނުލިބޭނެ ކަމެއް ކަމުގައި ވަނީ ނަމަ، ވަލިއްޔުލްއަމްރަށް އެކަމުގެ އިޚްތިޔާރު ނޯންނާންވީ ސަބަބަކީ ކޮބައިތޯއެވެ؟ ހަމައެހެންމެ، އެގޮތުން ބައެއް ފައްޅިތައް މިސްކިތްތަކަށް ބަދަލު ކުރާ އިރު، އަޔާސޯފްޔާ ފަދަ، ދީނީ ފައްޅިޔެއްގެ އިތުރުން، ސިޔާސީ، ސަގާފީ، އަދި އިޖުތިމާޢީ މަރުކަޒެއްގެ ގޮތުގައި، އަދި ކޮންސްޓެންޓިނޯޕްލްގެ މޫނުމަތި ކަމުގައި ވާ ތަނެއް، މިސްކިތަކަށް ބަދަލު ކުރުމަކީ އިސްލާމީ ދައުލަތުގެ މަޞްލަޙަތު ނިޔާ ކުރާ ގޮތް ކަމުގައި ވާނެކަން ޔަޤީނެވެ.

ފަހުބަސް

މި ދެންނެވި ނުކުތާތަކުގެ ޚުލާޞާޔަކީ މިއެވެ.

ފާތިޙް ސުލްޠާން މުޙައްމަދު އަޔާސޯފްޔާ މިސްކިތަކަށް ހެއްދެވީ ގަދަބަދަވިކަމުން، ކޮންސްޓެންޓިނޯޕްލްގެ ނަޞާރާއިން ނުރުހި ތިއްބައިކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެތަން މިސްކިތަކަށް ބަދަލު ކުރެއްވެވީ ނަޞާރާއިންގެ އަޅުކަމުގެ ޙައްޤަށް ހުރަސް އެޅިގެން ހިނގައިދާނެ ގޮތަކަށެއް ނޫނެވެ. ހަމައެހެންމެ، ކޮންސްޓެންޓިނޯޕްލް ފަތަޙަޔަށް ފަހު، އަޔާސޯފްޔާގެ މަޤާމާއި ޝަޚްޞިއްޔަތާ އެކު، ކުރީން ހުރި ގޮތަށް އެތަން ބެހެއްޓުމަކީ އިސްލާމީ ދައުލަތުގެ މަޞްލަޙަތު ނިޔާ ކުރާ ގޮތެއް ނޫނެވެ. އެހެންކަމުން، އެމަނިކުފާނު އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވެވި ކުރެއްވެވުމަކީ އިސްލާމީ ޝަރީޢަތާ ޚިލާފަށް ކުރެއްވެވި ކަމެކޭ ބުނެވޭނެ ހަރުދަނާ އެއްވެސް އަސާސެއް ނެތެވެ. މި ދަނޑިވަޅުގައި އަޅުގަނޑުމެން ފާހަގަ ކުރާން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ، ފާތިޙް ސުލްޠާން މުޙައްމަދު އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވި އިރު ވެސް، އަދި އެއިގެ ފަހުން ފައްސަތޭކަ އަހަރު ވާންދެން އެތަން މިސްކިތެއްގެ ގޮތުގައި ހުރި އިރު ވެސް، މުސްލިމް ޢިލްމުވެރީން އެމަނިކުފާނު އެކަން ކުރެއްވީ އިސްލާމީ ޝަރީޢަތާ ޚިލާފަށޭ ވިދާޅުވެފައި ނުވާކަމެވެ.

ބައެއް ބެއިފުޅުން ވިދާޅުވާ ގޮތުގައި، އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމަކީ، އަދި މިސްކިތެއްގެ ގޮތުގައި ބޭނުން ކުރުމަކީ، އެއިގެ ސަބަބުން ގްރީކް އޮރތޮޑޮކްސް ނަޞާރާއިންގެ ރުޅިވެރިކަމާއި ނަފްރަތު މުސްލިމުންނަށް އަމާޒު ވެގެން ދާނެ ސަބަބެކެވެ. މިއީ ވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި އޮއްޓަރެއް ނެތް ވާހަކައެކެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި، ބައިޒެންޓައިން ރޯމަން ރަސްގެފާނު ހިރަޤުލް އަޢުޡަމްގެ ސިޔާސަތާއި އަމުރުފުޅުގެ ދަށުން، ނަބިއްޔާގެ މަންދޫބު ޙާރިޘް ބިން ޢުމައިރުލް އަޒްދީ ޝަހީދު ކޮށްލައިގެން، ބައިޒެންޓައިން ރޯމަން ނަޞާރާއިން މުސްލިމުންނާ ދެކޮޅަށް އެންމެ ފުރަތަމަ ހަނގުރާމަ އިޢުލާން ކުރީ، މުސްލިމުން އަޔާސޯފްޔާ އަތުލީމާ އެކަމާ ރުޅި އައިސްގެންތޯއެވެ؟ މުސްލިމުންގެ ބަތާ ކައިގެން އުޅެމުން، ގްރީކް އޮރތޮޑޮކްސް ފާދިރީ އަދި ނަޞާރާ ލިޔުންތެރިޔާ ޖޯން އޮފް ދަމަސްކަސް އިތުރު ނަބިއްޔާއާ ދެކޮޅަށް ހުތުރު ވެގެންވީހައި އެއްޗެތި ގޮވައި، ދޮގު ތުހުމަތުތައް ކޮށް، އިސްލާމް ދީނަށާއި މުސްލިމުންނަށް ހުތުރު އެއްޗެތި ގޮވުމުގެ ބޮޑު ސިލްސިލާއެއް ފަށައި، ގްރީކް އޮރތޮޑޮކްސް ނަޞާރާއިންގެ ޢިލްމީ ސަގާފަތުގެ އެއް ދާއިރާޔަކީ އިސްލާމް ދީނުގެ ނަބިއްޔާއަށާއި އިސްލާމް ދީނަށް ނަފްރަތްތެރި ހުތުރު އެއްޗެތި ގޮވައި ލިޔުންތައް ލިޔުން ކަމުގައި ހެދީ، މުސްލިމުން އަޔާސޯފްޔާ އަތުލީމާ އެކަމާ ރުޅީންތޯއެވެ! ނޫނެކެވެ! މުސްލިމުން އަޔާސޯފްޔާ އަތުލިޔަސް، އަތުނުލިޔަސް، އެތަން ފައްޅިޔަކަށް ހެދިޔަސް، އެތަން ނަޞާރާއިންނަށް ދިނަސް، އެއުރެން މުސްލިމުންގެ މައްޗަކަށް ހިތް ހެވެއް ނުވާނެއެވެ! އަޔާސޯފްޔާ އަނބުރައި ގްރީކް އޮރތޮޑޮކްސް ނަޞާރާއިންނަށް ދީފި ނަމަ، "އާޚިރުއް ޒަމާނުގައި" އިސްލާމް ދީނަށް ނަޞުރު ދޭން ރޫސީންނާއި ގްރީކުން ލަޝްކަރު ހަދައިގެން އަންނާނެ ވާހަޔަކާއި، އެމީހުންނާ ނުލައި މުސްލިމުންނަށް "އާޚިރުއް ޒަމާނުގެ މަލްހަމާގައި" ނަޞްރެއް ނުލިބޭނެ ވާހަކަޔަކީ އެއްވެސް އަސާސެއް ނެތި ބަޔަކު ދައްކަމުން ގެންދާ "ފެންޓަސީ" ވާހަކަތަކެވެ. ނަޞްރަކީ ﷲ ގެ ޙަޟުރަތުން އަންނަ އެއްޗެކެވެ.

ފާތިޙް ސުލްޠާން މުޙައްމަދު އަޔާސޯފްޔާ އެމަނިކުފާނުގެ ބާރުފުޅުގެ ދަށަށް ގެންނެވީ، ހަނގުރާމައެއްގައި ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވުމަށް ފަހުގައެވެ. ޙައްޤު ގޮތުގައި ކުރެއްވި ހަނގުރާމައެއްގައެވެ. ނަޞާރާ ދީނުގެ މަޝްހޫރު ޢިލްމުވެރިޔާ ސެއިންޓް އޮގަސްޓީން އޮފް ހިޕޯ (St. Augustine of Hippo) ގެ ޢިބާރާތަކުން ދަންނަވާ ނަމަ، "ޢަދުލުވެރި ހަނގުރާމަ" (Just War) އެއްގައެވެ. އެއީ ކީއްވެގެންތޯއެވެ؟ އާދެ، މި މަޒުމޫނުގެ ފުރަތަމަ ބައިގައި ދަންނަވައިލެވުނު ފަދައިން، ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި، ނުޙައްޤު އަދި އަނިޔާވެރި ގޮތުގައި އިސްލާމީ ދައުލަތުގެ ސަފީރަކު ޝަހީދު ކޮށްލައިގެން، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ފެށީ ކޮންސްޓެންޓިނޯޕްލްގެ ދަރުބާރުންނެވެ. ބައިޒެންޓައިން ރޯމަނުންގެ ރަސްކަމުގެ ފަރާތުންނެވެ. އެ ހަނގުރާމަ، ތަފާތު އެކިއެކި އެޕިސޯޑުތަކުގެ ސިފައިގައި 800 އަހަރު ވާންދެން ހިނގަމުން ދިޔައެވެ. މި ދިގު މުއްދަތުގެ ތެރޭގައި، މި ދެ ބާރު ވެސް ގެންދިޔައީ އެއް ބަޔަކު އަނެއް ބަޔަކުގެ މައްޗަށް ފުރިހަމަ ފަތަޙައެއް ހޯދުމަށް ޓަކައި، އެ ވަގުތަކު އެ ބަޔެއްގެ ޤާބިލިއްޔަތާއި ވަސީލަތްތައް ހުރި ގޮތަކުން މަސައްކަތް ކުރަމުންނެވެ. ލިބިހުރި ހުރިހައި ވަސީލަތްތަކެއްގެ ބޭނުން ކުރަމުންނެވެ. ޞުލްޙައިގެ ދުވަސްތައް ވެސް ދޭތެރެއަކުން ދެއެވެ. ނަމަވެސް ގާތްގަނޑަކަށް ހަމަ ހުރިހައި ފަހަރަކު، ވަޢުދު އުވައިލަނީ ކޮންސްޓެންޓިނޯޕްލްގެ ދަރުބާރުންނެވެ. މި ހަނގުރާމަތަކުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅާއި މިންވަރުފުޅު ހުރި ގޮތުން، މުސްލިމުންނަށް ކާމިޔާބަކަށް ފަހު ކާމިޔާބެއް ލިބެމުން ދިޔައީއެވެ. މުސްލިމުންގެ އެކިއެކި ރަސްރަސްކަލުންގެ އަތްޕުޅުމަތީގައި، ބައިޒެންޓައިން ރޯމަނުން ބައްޔަކަށް ފަހު ބައްޔެއް ވަމުން ގޮސް، އެ ދައުލަތުގެ ސަރަޙައްދުތައް މުސްލިމުންނަށް ފަތަޙަ ވަމުން ގޮސް އެންމެ ފަހުން ކޮންސްޓެންޓިނޯޕްލް ވެސް މުސްލިމުންގެ އަތްދަށަށް އައީއެވެ. ހަމަބުއްދި ހުރި އެއްވެސް އިންސާނަކަށް އިންކާރު ނުކުރެވޭނެ ފަދައިން، މި ވަރުގަދަ އަދި ދެމިގެން ދިޔަ ހަނގުރާމައިގައި ނުޙައްޤުގައި ތިބި ބަޔަކަށް ވާނީ، ނުޙައްޤުން އެ ޢަދާވާތްތެރިކަން ފެށި ބަޔެކެވެ. ޢަދާވާތްތެރިކަން ފެށީ ބައިޒެންޓައިން ދައުލަތުންނެވެ. ކޮންސްޓެންޓިނޯޕްލްގެ ތަޚްތުގައި ހިރަޤުލް އަޢުޡަމް އިންނަވައިގެން، އިސްލާމީ ދައުލަތާ ދެކޮޅަށް ރޭއްވެވި ރޭއްވެވުންތަކުންނެވެ. އިސްލާމީ ދައުލަތުގެ ސަފީރުން ޝަހީދު ކުރުމުގެ ނުބައި އަދި އަނިޔާވެރި ޢަމަލުންނެވެ. އެހެންކަމުން، އެއީ ބައިޒެންޓައިން ރޯމަނުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޢަދުލުވެރި ހަމަތަކާ ޚިލާފަށް ޢުދުވާނީ ގޮތެއްގައި އިސްލާމީ ދައުލަތާ ދެކޮޅަށް ފެށި ހަނގުރާމައެކެވެ. އެ ހަނގުރާމައިގެ އެއިގެ އާޚިރު ނަތީޖާޔަކީ މުސްލިމުން ކޮންސްޓެންޓިނޯޕްލްގެ ފާރުތަކާ ހަމަޔަށް ގޮސް، އެ ފާރުތައް ހުރަސް ވެސް ކުރުމެވެ. އަދި ޝަހަރު މުސްލިމުންގެ ބާރުގެ ދަށަށް ގެންދިޔުމެވެ. އެއީ ނުޙައްޤު ޢަމަލެއް ކަމަށް ބުނާ މީހަކު އެ ކުރަނީ ކަނޑައެޅިގެން ހުރި ބާޠިލު ދަޢުވާއެކެވެ. ސުލްޠާން މުޙައްމަދު ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވުމުގެ ހަނގުރާމަޔަށް ތައްޔާރު ވެވަޑައިގަންނަވާން ފެއްޓެވީ ވެސް، ޢުޘްމާނީ ޝާހީ ޢާއިލާގެ ޣައްދާރެއް ކަމުގައި ވާ އަމީރު އޮރްހާނާއި އޭނާޔަށް ވަފާތެރި ޖަމާޢަތެއްގެ މީހުންނަށް ކޮންސްޓެންޓިނޯޕްލްގެ ދަރުބާރުން ޙިމާޔަތް ދީ، އޭނާޔަށް ޢުޘްމާނީ ރަސްކަން ހޯދައިދޭން ރޭވުންތައް ރާވަމުންދިޔަ ދިޔުމުގެ ސަބަބުންކަން ވެސް އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެއެވެ.

ހަނގުރާމަޔާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޤަވާޢިދުތައް ޒަމާނުއްސުރެ އެކަށައެޅި އިސްތިޤްރާރު ވެފައި އޮންނަ ގޮތުގެ މަތީން، އެއް ޤައުމަކުން އަނެއް ޤައުމެއްގެ ތަނެއް ޙައްޤު ހަނގުރާމައެއްގައި ފަތަޙަ ކޮށްފި ނަމަ، އެ ތަނެއްގެ ބިމާއި އެ ބިމާ ގުޅިގެން ވާ ޢާއްމު މުދައުތަކުގެ މިލްކުވެރިކަން ފަތަޙަ ކުރި ބަޔަކުގެ އަތްމައްޗަށް ދާނެއެވެ. އަދި އެ ތަނެއްގައި ކުރީން އޮތް ދައުލަތެއްގެ ސިޔާދަތީ މިލްކުވެރިކަމުގެ ދަށުގައި ހުރި ހުރިހައި އެއްޗަކާއި ތަންތަނެއްގެ މިލްކުވެރިކަން ވެސް، ފަތަޙަ ކުރި ބަޔަކުގެ އަތްމައްޗަށް އަންނާނެއެވެ. މި އުޞޫލަކީ ބައިނަލްއަޤްވާމީ ޢުރުފީ ޤާނޫނުގައި އޮތް، އަދި މިއަދު ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ވެސް ތަދުވީނު ކުރެވިފައި އޮތް އުޞޫލެކެވެ. ވިއެނާ ކޮންވެންޝަން އޮން ސަކްސެޝަން އޮފް ސްޓޭޓްސް އިން ރެސްޕެކްޓް އޮފް ސްޓޭޓް ޕްރޮޕަރޓީ، އާރކައިވްސް އެންޑް ޑެޓްސް 1983 ގެ 11 ވަނަ މާއްދާގައި އޮންނަނީ މި އުޞޫލެވެ. އާދެ، ފަތަޙައެއް ނުވަތަ އެފަދަ އެހެން ވެސް ގޮތަކުން، އެއް ދައުލަތް އަނެއް ދައުލަތުގެ ސިޔާދަތީ ބާރުގެ ދަށަށް ނަޤުލު ވުމުން، އެ ބަޔެއްގެ "ސޮވްރިން ޕްރޮޕަރޓީ" ވެސް، އަނެއް ދައުލަތުގެ މިލްކު ކަމުގައި ވެގެން ދިޔުމާއި، އެއަށް އެއްވެސް ކޮމްޕެންސޭޝަނެއް ވެސް ދައްކާން ނުޖެހޭނެކަމުގެ އުޞޫލެވެ. މިއީ ޢަމަލީ ޙަޤީޤަތްތަކަށް ރިޢާޔަތް ކުރެވިގެން، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ބަލައިގަނެވިފައި އޮންނަ އުޞޫލެވެ. އެހެންކަމުން، މުސްލިމުން ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރުމުން، އެ ޝަހަރުގައި ހުރި، ޝަހަރުގެ ރައްޔިތުންގެ އަމިއްލަ މުދާ، ނުވަތަ ނަޞާރާ ޕެޓްރިއާރކީގެ އަމިއްލަ މުދާ ކަމުގައި ނުވާ ކޮންމެ ޢާއްމު މުދަލެއް ވާނީ މުސްލިމުންގެ އެއްޗަކަށެވެ. އަޔާސޯފްޔާ އަކީ ނަޞާރާއިންގެ ޢާއްމު ފަރުދެއްގެ މުދަލެއް ނޫނެވެ. އެއީ ކޮންސްޓެންޓިނޯޕްލްގެ ޕެޓްރިއާރކީގެ މުދަލެއް ވެސް ނޫނެވެ. އެ ފައްޅިޔަކީ އަންބަރާޠޫރު ޖުސްޓިނިޔަން އެއްވަނަ ބިނާ ކުރައްވައި، އޭނާގެ މިލްކުގައި، އަދި އޭނަޔަށް ފަހު ތަޚުތަށް އިސް ވެވަޑައިގަތް އޭނާގެ ނަސަބުން އައި ރަސްރަސްކަލުންނަށް ވާރުތަ ވަމުން އައި، ބައިޒެންޓައިން ރޯމުގެ "ސިޔާދަތީ މިލްކުވެރިކަމުގެ" ދަށުގައި ހުރި މުދަލެކެވެ. "ސްޓޭޓް ޕްރޮޕަރޓީ" އެކެވެ. ޠަބީޢީ ނުވަތަ ޤާނޫނީ ޝަޚްޞެއްގެ އަމިއްލަ މުދަލެއް ނޫނެވެ. އެހެންކަމުން، ބައިނަލްއަޤްވާމީ ހަނގުރާމައިގެ ޤާނޫނުތައް – އެއިރު ވެސް އަދި މިހާރު ވެސް – ބުނާ ގޮތުން، އެ މުދަލުގެ މިލްކުވެރިކަން ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެވުމުން ބަދަލު ވެގެން ދާނީ ފާތިޙް ސުލްޠާން މުޙައްމަދަށެވެ. ބައިނަލްއަޤްވާމީ ޤާނޫނުގެ ނަޒަރުން ބަލާ އިރު، ކޮންސްޓެންޓިނޯޕްލް ފަތަޙަޔަށް ފަހު، އަޔާސޯފްޔާ އަކީ ފާތިޙް ސުލްޠާން މުޙައްމަދުގެ މިލްކެއް ކަމީ، މި ދެންނެވި ނުކުތާތަކުން އެނގި ސާފުވާ ގޮތުގައި، އިންކާރު ނުކުރެވޭނެ ޙަޤީޤަތެކެވެ. ޢުޘްމާނީ ޙުކޫމަތުގެ ވެރިޔާގެ ޙައިޘިއްޔަތުން، އެމަނިކުފާނު އެތަނާ މެދު ނިންމެވި ކޮންމެ ނިންމެވުމެއް ވެސް، ބައިނަލްއަޤްވާމީ ޤާނޫނުގެ ހަމަތަކުގެ ދަށުން ވާނީ ޞައްޙަ ނިންމެވުމަކަށެވެ.

ދެން އޮތީ، ފާތިޙް ސުލްޠާން މުޙައްމަދު އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވުމުގެ ކުރީން، އެމަނިކުފާނުގެ އަމިއްލަފުޅު މުދަލުން އަގު ދެއްވައިފައި އެތަން ބައްލަވައިގަތް ކަމަށް ބުނެވޭ ބުނުމުގެ ވާހަކައެވެ. މިއީ ވަރަށް ގިނަ ބަޔަކު ބުނާ ވާހަކައެކެވެ. އިސްލާމީ ދުނިޔޭގެ މަޝްހޫރު ލިޔުންތެރީންނާއި ޑިޕްލޮމެޓުންނާއި ލީޑަރުންގެ ދޫފުޅުން ވެސް މި ވާހަކަ އިވެއެވެ. ނަމަވެސް އަޅުގަނޑު ބެލި އެއްވެސް ބެލުމަކުން، އެމަނިކުފާނު އަޔާސޯފްޔާ ނަޞާރާއިންގެ އަތުން ބައްލަވައިގަތް ކަމުގެ އެއްވެސް ހެއްކެއް އަޅުގަނޑަކަށް ނުފެނުނެވެ. އެކަން ހިނގިޔޭ، ނުވަތަ ނުހިނގައެކޭ ވެސް ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެއެވެ. އެހެންކަމުން، އެ ނުކުތާޔަށް އިތުރު ވާހަކައެއް ނުދައްކައި ކުރު ކޮށްލާނަމެވެ. އަޅުގަނޑުގެ ނަޒަރުގައި، ފައިސާ ދެއްވައިފައި ބައްލަވައިނުގަތަސް، ޤާނޫނީ ގޮތުންނާއި ދައުލީ ސިޔާސަތުގެ ނަޒަރުން އެކަނި ބެލުމުން ވެސް، އެމަނިކުފާނު ނިންމެވިނިންމެވުން "ޖަސްޓިފައި" ކުރެވެއެވެ.

ކުރީން ވެސް ދެންނެވި ފަދައިން، އަޔާސޯފްޔާ މިސްކިތަކަށް ހެއްދެވުމުން، ކޮންސްޓެންޓިނޯޕްލްގެ ގްރީކް އޮރތޮޑޮކްސް ނަޞާރާއިން އެމީހުންގެ ބޮޑުފައްޅި ނުވަތަ މައި މަރުކަޒު ކަމުގައި ބަލައިގަތީ ޝަހަރުގައި ހުރި، އަޔާސޯފްޔާއަށް ވުރެ ދުވަސްވީ، އަޔާސޯފްޔާއަށް ވުރެ ރޫޙާނީ ގޮތުން ވެސް އެމީހުންނަށް މުހިއްމު އެހެން ފައްޅިޔެއް ކަމުގައި ވާ ޗާރޗް އޮފް ދަ ހޯލީ އެޕޮސްލްސް އެވެ. ނަމަވެސް އެމީހުން އެ ފައްޅި ބޭނުން ކުރީ ތިން އަހަރުގެ މުއްދަތަކަށެވެ. ތިން އަހަރަށް ފަހު، އެމީހުން އަމިއްލަޔަށް އެ ފައްޅި ބޭނުން ކުރުން ހުއްޓައިލައި، ޕެޓްރިއާރކީގެ މަރުކަޒު ކޮންސްޓެންޓިނޯޕްލްގައި ހުންނަ އެހެން ފައްޅިޔެއް ކަމުގައި ވާ ސެއިންޓް ޖޯރޖްސް ކެތީޑްރަލަށް ބަދަލު ކުރިއެވެ. އެއިރުއްސުރެ މިއަދާ ހަމަޔަށް ވެސް އެކިޔުމެނިކަލް ޕެޓްރިއާރކް އޮފް އިސްތާންބުލް ހުންނަވަނީ އެ ފައްޅީގައެވެ. އެއިގެ ފަހުން ފާއިތު ވެގެން މިދިޔަ ހަ ސަތޭކަ އަހަރަށް ވުރެ ދިގު މުއްދަތުގެ ތެރޭގައި، ޢުޘްމާނީ މުސްލިމުން ވެސް، އަދި މުސްލިމް ތުރުކީ ވެސް، އެމީހުންނަށް ދުއްތުރާ ކޮށް، އުނދަގޫ ކޮށް، އެމީހުންގެ ޙައްޤުތަކަށް އަރައިގަންނާން އުޅެފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް