ކާންޔޭގެ ވާހަކަތަކާއެކުވެސް ކިމް ވަރިވާން ބޭނުމެއް ނޫން

ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓް ---

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް އޭނާގެ ކައިވެންޏާ ގުޅޭގޮތުން ތަފާތު ވާހަކަތަކެއް ދެއްކި ނަމަވެސް އޭނާގެ އަންހެނުން އަދި ރިއޭލިޓީ ތަރި ކިމް ކާޑޭޝަން ވެސްޓް ބޭނުންވަނީ ކައިވެނި ދަމަހައްޓަން އިތުރަށް މަސައްކަތްކުރަން ކަމަށް އޭނާ ބުނެފިއެވެ.

ކާންޔޭ ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ އޭނާ ކިމްއާ ވަރިވާން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި ފާއިތުވި ދެ އަހަރުން ފެށިގެން ވަރިވާން އުޅުނު ކަމަށްވެސް ކާންޔޭ ވަނީ ބުނެފައެވެ.

ނަމަވެސް އެއާއެކު ކިމް ހާމަކޮށްފައިވަނީ ކާންޔޭގެ ކިބައިގައި ބައިޕޯލާ ޑިސްއޯޑާ ހުންނަ ކަމަށެވެ. ކާންޔޭ ވަނީ މީގެކުރީންވެސް އެވާހަކަ ހާމަކޮށްފައެވެ. ނަމަވެސް އެ ބައްޔާ ގުޅިގެން އެހާ ބޮޑަށް އަސަރު ކުރަމުންދާ ކަމަށް މީގެކުރީން އެނގިފައެއް ނުވެއެވެ.

ކިމް ދާދި ފަހުން ބުނެފައިވަނީ ދެމީހުން އެކުގައި އުޅެން ފެށިފަހުން ކާންޔޭގެ ބައިޕޯލާ އެހާބޮޑަށް ގޯސްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެކަމަށް އޭނާ އަންނަނީ އެހީ ހޯދަމުން ކަމަށްވެސް ކިމް ވަނީ ބުނެފައެވެ.

ކައިވެނި ދެމެހެއްޓުމަށްޓަކައި އިތުރަށް މަސައްކަތް ކުރުމަށް ކިމް ވަނީ އޭނާގެ ފިރިމީހާ ގާތަށް ވަޔޯމިންގް އަށް ގޮސްފައެވެ.

ކިމްގެ މާކެޓިން ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކައިވެނި ނުރޫޅި، ދެމެހެއްޓުމަށްޓަކައި އިތުރަށް މަސައްކަތް ކުރަން އޭނާ ބޭނުންވާ ކަމަށެވެ. އެހެން ނޫން ނަމަ ކިމް އޭނާގެ ފިރިމީހާ ގާތަށް ނުދާނެ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކިމް އާ ގުޅޭގޮތުން ކާންޔޭ ދެއްކި ވާހަކަތަކުން އޭނާއަށް ވަރަށް އަސަރުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް