މާސްކް އެޅުން މަޖުބޫރު ކުރުމާ މެދު ވިސްނަނީ

ހެލްތު މިނިސްޓަރު އަމީން -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް، ބޭރު ތެރޭގައި އުޅޭ އިރު މާސްކް އެޅުން މަޖުބޫރު ނުކުރަންވީ ސަބަބެއް ނެތް ކަމަށާއި، އަދި އެކަމާ މެދު މަޝްވަރާކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

ފުރަބަންދަން ލުއިދިނުމަށް ފަހު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މާސްކް އެޅުން މަޖުބޫރު ކުރުމަށް ގޮވާލަމުންނެވެ.

ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ފިޔަވަޅުތަކަށް ބަދަލުގެންނަނީ ކޮންމެ ދުވަހެއްގެ ކޭސްތަކުގެ އަދަދަށް ބަލާފައި ނޫން ކަމަށާއި، އެކަމަށް 'އިންޑިކޭޓާސް' ތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ބަލިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވާ ނަމަ، ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ހުންނާނެ ކަމަށާއި އެގޮތުން ބައެއް ކަންކަން މަޖުބޫރުކުރާ ހާލަތަށް ވެސް ދާނެ ކަމަށެވެ. އަދި މަޖުބޫރު ކުރާ ކަންތައްތަކުގެ ތެރޭގައި މާސްކް އެޅުން ހިމެނިދާނެ ކަަމަށެވެ.

"މާސްކް އެޅުން މަޖުބޫރު ކުރާ ހާލަތު، އެއީ މަޖުބޫރު ނުކުރަން ޖެހޭ ހާލަތެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން މިހާރު. އެހެންވީމަ އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްފައި އެކަމަށް އަޅުގަނޑުމެން ގޮތެއް ނިންމާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރުކޮށްފައި ނުވި ނަމަަވެސް، ބޭރަށް ނުކުންނަ އިރު މާސްކް އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

އެހެން ނަމަވެސް އެ އިލްތިމާސްތަކަށް ގިނަ ބަޔަކު ތަބާނުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މާސްކް އެޅުން މަޖުބޫރު ނުކުރަންވީ ސަބަބެއް މިވަގުތު އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. އެހެންވީމަ އަޅުގަނޑުމެން މާސްކް އެޅުން މަޖުބޫރު ކުރުމާމެދު ވިސްނާނަން. މިހާރު ވެސް މާސްކް އެޅުން މަޖުބޫރު ވެސް ކުރެވިދާނެ އަޅުގަނޑުމެންނަށް. މާސްކް އެޅުން މަޖުބޫރު ކުރުމާއި މާސްކް އެޅުމަށް މިހާރު ނެރެފައި ހުރި އެންގުންތަކާއި މިހާރު ހުރި ގައިޑްލައިންތަކާ އުސޫލެއް ގޮތުން ތަފާަތެއް ނެތް ހަގީގަތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް19 އިން ރައްކާތެރިވުމަށް ޓަކައި އަސާސީ ކަމެއްގެ ގޮތުގައި ކުރަމުން ދިޔައީ މީހުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، މީހުންނަށް މައުލޫމާތު ދީގެން، މީހުންނަށް ވިސްނައިދީގެން، މީހުން ހޭލުންތެރިކުރުވައިގެން، ބަލިން ރައްކާތެރިވުމަށް ޓަކައި މަސައްކަތް ކުރުން ކަމަށެވެ.

އެހެން ނަމަވެސް އެކަންކަމަށް ތަބާނުވާ ނަމަ ފިޔަވަޅު އަޅަން މަޖުބޫރު ވާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ މާސްކް ނާޅާ އުޅޭނަމަ އެކަމުގެ ނުރައްކާތެރިިކަން ފެންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ ފަހަރަކު މާސްކް އަޅަންވާނީ ކޭސްތަކުގެ އަދަދު އިތުރުވާ ދުވަހު އެކަންޏެއް ނޫން. ތިޔަ ވިދާޅުވާހެން 130 އަށް އެރީމަ އެއީ ބޮޑު އަދަދެއް ކަމަށް ފެނި އެކަމުގެ ހާސްކަމުގެ ތެރޭގައި ދެ ދުވަހެއް ވަންދެން މާސްކް އަޅާފައި ދެން ހަނދާން ނެތިއްޖެ ކަމަށް ވާނަމަ މިބަލީގެ ނުރައްކަލުން ސަލާމަތެއް ނުވެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް އަމަލުކުރި 27 ތަނެއް އިއްޔެ ވަނީ ބަންދުކޮށްފަ އެވެ. އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ފުރަތަމަ ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި ގައިޑްލައިންތަކާ ހިލާފަށް ހުރި ތަންތަން އިސްލާހުކުރަން ފުރުސަތު ދީފައިވާނެ ކަމަށެވެ.

ނަމަވެސް "އޮން ދަ ސްޕޮޓް" އެތަންތަން ބަންދުކުރީ، ދިން ފުރުސަތުގައި ވެސް ކަންކަން އިސްލާހުކޮށްފައި ނުވާތީ ކަމަށެވެ.

comment ކޮމެންޓް