އޭއެފްސީ މުބާރާތް ބޭއްވުމަށް އެޗްޕީއޭއާ މަޝްވަރާ ކޮށްފި

އޭއެފްސީ މުބާރާތުގެ މެޗުތައް ރާއްޖޭގައި ބޭއްވުމާ ގުޅޭ ގޮތުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް އެޗްޕީއޭއާ މަޝްވަރާ ކުރައްވަނީ --- ފޮޓޯ//އެފްއޭއެމް

ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ހުރިހާ މެޗެއް ރާއްޖޭގައި ބާއްވަން ކުރި ބިޑު ކާމިޔާބު ކޮށްފައިވާ އިރު، އެ މެޗުތައް ކުޅެވޭނެ ގޮތަކާ މެދު ކުޅިވަރު މިނިސްޓްރީ އާއި އެފްއޭއެމްއިން އެޗްޕީއޭއާ އެކު މަޝްވަރާ ކޮށްފި އެވެ.

އަންނަ އޮކްޓޯބަރު މަހުގެ 23 އިން ނޮވެމްބަރު ހަތަރަކާ ދެމެދު ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭ ގޮތަށް މިހާރު ނިންމާފައިވާއިރު، 13 ދުވަހު ތެރޭގައި ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމޭނެ އެވެ. މެޗުތައް އެއް ދަނޑެއްގައި ކުޅެން ނިންމިއިރު، އޭއެފްސީން މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމަށް ހުޅުވާލި ފުރުސަތާ އެކު ރާއްޖެއިން ބިޑު ކާމިޔާބު ކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

ނަމަވެސް މިފަހަކަށް އައިސް ކޮރޯނާ ވައިރަހުގެ ކޭސްތައް އިންތިހާއަށް އިތުރުވެ، ނުރައްކަލުގެ ރަނގަބީލެއްގެ އަޑު ގަދަވާން ފެށުމާ އެކު ރާއްޖޭގައި އޭއެފްސީ މުބާރާތް ބޭއްވިދާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. އަދި އެފަދަ ބޮޑު މުބާރާތަކަށް ތައްޔާރުވާން ރާއްޖެއިން ގިނަ ކަންތައްތަކެއް ކުރަން ޖެހިފައި އޮތް އިރު މިހާރު މިއޮތް ހާލަތުގެ ސަބަބުން މުބާރާތް ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ ކަންތައްތަކާ މެދު އިއްޔެ ވަނީ އެފްއޭއެމްއިން ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.

މި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް އާއި، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސައިން ޖަވާޒްގެ އަދި އެ އިދާރައިގެ އެކްސްކޯ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރޭގެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވަނީ މުބާރާތުގެ މެޗުތައް މާލެއާއި އައްޑޫގެ ހިތަދޫ ސްޓޭޑިއަމުގައި ކުޅުމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، އެކަން ކުރުމަށް އެޗްޕީއޭއިން ކަނޑައަޅާނެ ގައިޑްލައިންތަކަކަށެވެ.

މިހާރު އޮތް ގޮތުން ބޭރުން އަންނަ ހުރިހާ ޓީމުތަކެއް ރާއްޖެ އައިސް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެޗްޕީއޭއިން މިފަހުން ނެރުނު ގައިޑްލައިންގައި ވާގޮތުން ބޭރުން އަންނަ މީހުންގެ ތެރެއިން ކަރަންޓީން ވާން ނުޖެހޭނީ ހަމައެކަނި ޓުއަރިސްޓް ވިސާގައި އައިސް ރިސޯޓްތަކަށް ދާ ފަތުރުވެރިންނެވެ.

ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު ވާދަކުރަމުން އަންނަނީ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި މި ފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރާއިރު، މީގެ ކުރިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މާޗު މަހު 12 ވަނަ ދުވަހު ވާދަކޮށްފަ އެވެ. އެ ދުވަހު ޓީސީ ނުކުތީ ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށެވެ. އަދި އިންޑިއާގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީ އެފްސީއާ ދެކޮޅަށް ކުޅެފަ އެވެ.

comment ކޮމެންޓް