އަޔޫޝްމަން ދެން ކުޅޭނީ އެތްލީޓެއްގެ ރޯލު

އެކްޓަރު އަޔޫޝްމަން ކުރާނާ---

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ހުނަރުވެރި އެކްޓަރު އަޔޫޝްމަން ކުރާނާ ދެން ފެނިގެންދާނީ އެތްލީޓެއްގެ ރޯލުން ކަމަށް އޭނާ ބުނެފި އެވެ.

ކެދާނަތުގެ ޑައިރެކްޓަރު އަބީޝޭކް ކަޕޫރުގެ ކުރިއަށް އޮތް ފިލްމަށް މިހާރު އޭނާ ސޮއިކޮށްފައިވާއިރު ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އަޔޫޝްމަން ބުނީ އަބީޝޭކް އަކީ މިއަދުގެ އިންޑަސްޓްރީގައި ނަން ހިނގާ ޑައިރެކްޓަރެއް ކަމަށާއި އޭނާ އާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުން އުފާވާކަމަށެވެ. އަދި ހާއްސަކޮށް އޭނާގެ ހިތާ ގުޅިފައިވާ ކަހަލަ ރޯލަކުން ފުރުސަތު ލިބުމުން މި ފިލްމު ވަރަށް ހާއްސަ ވާނެ ކަމަށާއި މި ފިލްމަކީ ވަރަށް ރީތި ލޯބީގެ ވާހަކައެއްކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އާންމުން ރޮއްވާލާ އަދި ހެއްވާލާ ގިނަ މަންޒަރުތަކެއް މި ފިލްމުން ފެނިގެންދާނެ ކަމަށާއި މި ރޯލު ކުޅެގެން އާންމުންގެ ފަރާތުން ލިބޭ ފީޑްބެކް ބެލުމަށް ކެތްމަދުވެފައި ހުރިކަމަށްވެސް އަޔޫޝްމަން ވަނީ ބުނެފަ އެވެ.

ފިލްމުގެ ނަން އަދި ހާމަކޮށްފައިނުވާއިރު މި ފިލްމު ކުޅުމަށް އަޔޫޝްމަންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހެ އެވެ.

އެކްޓަރު އަޔޫޝްމަން އެންމެ ފަހުން ފެނިގެންދިޔައީ އަމީތާބު ބައްޗަން އާއެކު ގުލާބޯ ސިތާބޯ އިންނެވެ. މި ފިލްމު ރިލީޒްކުރީ ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށެވެ.

comment ކޮމެންޓް