ސިޔާސީ ހަރަކާތްތައް ބާއްވަން ވާނީ ގާނޫނީ އިމުގެ ތެރެއިން: އީސީ

ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް

ސިޔާސީ ޕާޓީތަކުން ބައްވާ ސިޔާސީ ހަރަކާތްތައް ބާއްވަން ވާނީ ގާނޫނީ އިމުގެ ތެރެެއިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.

ސިޔާސީ ހަރަކާތްތައް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށްވުމާއެކު، އެ ހަރަކާތްތައް ބާއްވަން ވާނީ ސިޔާސީ ޕާޓީގެ ގާނޫނުގެ ހަތްވަނަ މާއްދާއައި ބަޔާންކޮށްފައިވާ ފަދައިން، ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިމުގެ ތެރެއިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ހަމައެއާއެކު މި ދުވަސްވަރަކީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، މި ބަލިމަޑުކަމުގެ ދެވަނަ ރާޅެއްގެ އަސަރު ބޮޑުވެފައިވާ ދަނޑިވަޅެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެ އެވެ.

އެހެންކަމުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއެކު އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނާއި އެ ގާނޫނު ދަށުން އެޗްޕީއޭއިން އަންގާފައިވާ އެންގުންތަކާ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ބާއްވާން އެ ކޮމިޝަނުން އިލްތިމާސްކުރެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު ކޭސްތައް އިތުރުވަމުންދާތީ، ކޮންމެހެން ބާއްވަން ޖެހިގެން ނޫނީ ބައްދަލުވުންތައް ނުބޭއްވުމަށާއި އެއްވުންތައް ނުބޭއްވުމަށް އެޗްޕީއޭ އިން ވެސް މީގެ ކުރިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.

comment ކޮމެންޓް