އާސަންދައިގެ އެހީގައި 60 މީހަކު ޓްރިވެންޑްރަމްއަށް ފުރުވާލައިފި

16 މާޗު 2016: އައިޖީއެމްއެޗުން މީހަކު ތުއްތު ކުއްޖަކު ގޮވައިގެން ނުކުންނަނީ: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާސަންދައިގެ އެހީގައި ބޭސްފަރުވާއަށް ބޭނުންވާ 60 މީހަކު މިއަދު މެންދުރު އިންޑިއާގެ ޓްރިވެންޑްރަމްއަށް ފުރުވާލައިފިއެވެ.

އިންޑިއާއިން ރާއްޖެއަށް ދީފައިވާ ހާއްސަ ހުއްދައިގެ ދަށުން މިއަދު އެގައުމަށް 60 މީހަކު ފުރުވާލި އިރު މިއީ މި ފަހުން އެގައުމަށް އާސަންދައިގެ އެހީގައި ބޭސްފަރުވާ ބޭނުންވާ ދިވެހީން ފޮނުވި ތިންވަނަ ފަހަރެވެ.

އާސަންދައިން ބުނި ގޮތުގައި އިންޑިއާއަށް ފޮނުވާ މީހުންނަކީ ވިސާ ހޯދާފައިވާ، އިންޑިއާގެ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޮވިޑް-19 ޓެސްޓުކޮށް ނެގެޓިވްވެފައިވާ މީހުންނެވެ.

އެ މީހުން އެގައުމަށް ދިޔުމަށް ފަހު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރާނެ ކަމަށާއި، އަދި ކަރަންޓީނު ނިމުން ކޮވިޑް-19އަށް ޓެސްޓު ކުރެވޭނެ ކަމަށް އާސަންދައިން ބުންޏެވެ.

އާސަންދައިން ބުނީ މިއަދު ފުރުވާލި މީހުންނަކީ ކިމްސް ހޮސްޕިޓަލަށް ގެންދާ މީހުން ކަމަށެވެ. އެ މީހުން ކަރަންޓީނުވެގެން ތިބޭނީވެސް އެ ހޮސްޕިޓަލުގައި ކަމަށާއި ކަރަންޓީނު ވެގެން ތިބޭއިރުވެސް ފަރުވާ ލިބޭނެ ކަމަށް އާސަންދައިން ބުންޏެވެ.

މީގެ ކުރިން އިންޑިއާއަށް ފޮނުވި މީހުންގެ ތެރެއިން ތިން މީހަކު ވަނީ އެ ގައުމުގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެ މީހުން މިހާރު ތިބީ އެކަހެރިކޮށްފައެވެ. އާސަންދައިން ބުނީ އެ މީހުން އެކަހެރިކޮށްފައި ތިއްބަސް އިމަޖެންސީކޮށް ދޭން ޖެހޭ ފަރުވާ ދެމުންދާ ކަމަށެވެ.

އަދި އެހެން މީހުންނަށްވެސް އިމަޖެންސީކޮށް ދޭން ޖެހޭ ފަރުވާ ދޭ ކަމަށާއި އެކަން ގާތުން ބަލަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް