އައްޑޫ އިސްމަހެލަ ހެރަ ކައިރިން މާސިންގާ ހުރާގަނޑެއް އުފެދިއްޖެ

އައްޑޫ އިސްމަހެލަހެރަ ކައިރިން އުފެދުނު ހުރާގަނޑު: މިތަނުގެ ދިގުމިނުގައި ގާތްގަނޑަކަށް ކިލޯމީޓަރެއް ހުރޭ -- ފޮޓޯ/ ނަލަފެހި މީދޫ

މި މަހުގެ މެދު ތެރޭގައި ދެކުނު އިންޑިއާ ކަނޑުގައި އުފެދުނު ވަރުގަދަ ބާނިތަކެއްގެ ސަބަބުން މުޅި ރާއްޖެއަށް އުދަ އެރި އެވެ. އައްޑޫ ސިޓީ ހުޅުމީދޫއަށް ވެސް އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރި އެވެ. އުދަ މައިތިރިވިތާ ދެ ދުވަސްފަހުން މީދޫ އަތިރިމައްޗަށް ގޮސް އުޅުނު މީހުންނަށް ފެނުނީ ކުރިން ނުފެންނަ މަންޒަރެކެވެ. އިސްމަހެލަ ހެރެއާ ދިމާލުުން ފަޅު ތެރޭގައި އޮތީ، އުސްކޮށް ހިއްކާފައި އޮތްހެން ހީވާ ޒާތެއްގެ ފަސްގަނޑެކެވެ.

"ރަށުގައި ތިބޭ މީހުންނަށް ފެނުނީ ދުރުން ތަންކޮޅެއް ބޮޑު ފަރެއް ކަހަލަ ތަނެއް ހިއްކާފައި އޮއްވާ. ނޯންނަ ތަނެއްވީމަ އަތިރިމައްޗަށް ދާ މީހުންނަށް ފެންނާނެތާ،" އައްޑޫ މީދޫގެ ތިމާވެށީގެ ޖަމިއްޔާއެއް ކަމަށްވާ ނަލަފެހީގެ ފަރާތުން އަހުމަދު ޒުހައިރު ކިޔައިދިނެވެ.

ރަށު މީހުން އެތަނަށް ގޮސް ބެލި އިރު އެއީ، އަކިރިއާއި ގަލުން ހިކިފައި އޮތް މާސިންގާ ހުރާގަނޑެކެވެ. އެތަން އުފެދިފައި ވަނީ އިސްމަހެލަހެރައާ ކިލޯމީޓަރެއްހާ ދުރުން ހިތަދޫއާ ވީ ދިމާލަށެވެ. އުސްމިނުގައި ބައެއް ހިސާބުތަކުގައި ހަތް ވަރަކަށް ފޫޓު ހުރެ އެވެ. ދިގުމިނުގައި ގާތްގަނޑަކަށް ކިލޯމީޓަރެއް ހުރެ އެވެ.

ނަލަފެހި މީދޫ ޖަމިއްޔާގެ މީހުން އިސްމަހެލަހެރަ ކައިރިން އުފެދުނު ހުރާގަނޑަށް ގޮސް --- ފޮޓޯ/ ނަލަފެހި މީދޫ

"މިދިޔަ ވިއްސާރައިގައި އުދަ އެރި ދުވަސްކޮޅުގައި އުފެދުނީ، ގާތަކެއް އަރާފައި އެހެރީ. ގާތްގަނޑަކަށް ހަތް ފޫޓު ހަ ފޫޓު އެތަނުގެ އުސްމިނުގައި އެބަ ހުރި. ފުޅާމިނުގައި ބައެއް ހިސާބުތަކުގައި 20 ފޫޓު 25 ފޫޓު ހުރޭ. ދިގުމިނުގައި ގާތްގަނޑަކަށް 3000 ފޫޓު [ގާތްގަނޑަކަށް ކިލޯމީޓަރެއް]،" ޒުހައިރު ކިޔައިދިނެވެ.

އައްޑޫ ސިޓީ ކައުންސިލުގެ މީދޫ ދާއިރާގެ މެމްބަރު ހުސެއިން ހިޔާޒު ވިދާޅުވި ގޮތުގައި، އެތަން އުފެދިފައި ހުރީ ފުއްޓަރު ފަރާތު ރާޅު ޖަހާ ހިސާބުންނެވެ.

"ފުއްޓަރު ފަރާތަށް ރާޅު ޖަހާ ހިސާބަށް ގާތަކެއް ޖަމާވެފައި އެހެރީ. ފުދޭވަރަކަށް ދިގު، އަޅުގަނޑަށް ހީވަނީ 3000 ފޫޓު ހުންނާނެހެން. ތޮއްޓެއްހެން އެހެރީ. ގުދުރަތީ ގޮތުން ލިބުނު ފާރެއް ކަހަލަ އެއްޗެއް،" ހިޔާޒު ވިދާޅުވި އެވެ.

"އިސްމާހެލަ ހެރަ ކޮޅުން، އަޅުގަނޑުމެން އެތަނަށް ކިޔަނީ ކެޑަވާހެރަ، ކެޑަވާހެރަ ޖެހިގެން އަނެއްކާވެސް ހިތަދޫވީ ފަރާތަށް އެހެރީ،"

އައްޑޫ އިސްމަހެލަހެރަ ކައިރިން އުފެދުނު ހުރާގަނޑު: އެތަނުގެ ބައެއް ހިސާބުތަކުގެ އުސްމިނުގައި ގާތްގަަނޑަކަށް ހަތް ފޫޓު ހުރޭ -- ފޮޓޯ/ ސޯޝަލް މީޑިއާ

ތިމާވެށީގެ މާހިރަކު ވިދާޅުވި ގޮތުގައި މިއީ ވިއްސާރައާއި އުދައިގެ ސަބަބުން ދިމާވާ ކަމެކެވެ. މީގެ ކުރިންވެސް ރާއްޖޭގެ އުދައިގެ ސަބަބުން ވަކި ތަނަކަށް ގާ ފުނި ޖެހި ބޮޑެތި ހުރާގަނޑު އުފެދިފައި އެބަ ހުއްޓެވެ. ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި، އައްޑޫގައި އުފެދިގެން މި އުޅޭ ހުރާގަނޑަކީ ނިސްބަތުން ބޮޑު ހުރާގަނޑެވެ.

އައްޑޫ މީދޫގެ ނަލަފެހި ޖަމިއްޔާއިން އަވަސްވެގަތީ އެތަނުގައި ގަސް އިންދުމަށެވެ. އިއްޔެ އެ މީހުން ޑިންގީއެއްގައި އެ ހުރާގަނޑަށް ދިޔައީ، ހަ ބަސްތާގެ ވެއްޔާއި، އިންދާނެ މުޑިކާށިތަކަކާއި، މަގޫ ގަހުގެ އޮށްތައް ހިފައިގެންނެވެ. އެ މީހުން އެނބުރި އައީ އެ ވެލީގައި ގަސްތައް އިންދާފަ އެވެ.

ރަށްރަށް އުފެދެނީވެސް މިފަދަ ހުރާގަނޑުތަކުންނާއި ފިނޮޅުތައް ގިނަ ދުވަސްވަންދެން ދެމި އޮވެ އެތަނުގައި ގަސްގަހާ ގެހި އުފެދިގެންނެވެ. އެންވަޔަރެމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރުވެސް ވިދާޅުވީ، އެހެންނެވެ.

"ރަށްރަށް އުފެދުމުގެ އަސްލަކީ އެއީ [ހުރާގަނޑު އުފެދުން]. ވަކި ތަނެއްގައި ހުރާ، އަކިރި، ވެލި ޖަމާވެގެން ގިނަ ދުވަހު އޮތީމަ އޮންނަ ވެލި ފިނޮޅުތަށް ރަށްރަށަށް ބަދަލުވޭ. ބައެއް ފަހަރު ރަށަކަށް ބަދަލުވަމުން ދަނިކޮށް ގިރާވެސްލަފާނެ ހަމަ،" ޑރ. ނަސީރު ވިދާޅުވި އެވެ.

ނަލަފެހި މީދޫ ޖަމިއްޔާގެ މީހުން އިސްމަހެލަހެރަ ކައިރިން އުފެދުނު ހުރާގަނޑުގައި ރުއް އިންދަނީ --- ފޮޓޯ/ ނަލަފެހި މީދޫ

ޑރ. ނަސީރު ވިދާޅުވި ގޮތުގައި، ހުރާގަނޑެއް ވަކި ތަނެއްގައި ގިނަ ދުވަހު އޮންނަ ކަހަލަ ގޮތަކަށް ގުދުރަތީ ހުރިހާ ކަމެއް ގިނަ ދުވަސްތަކެއް ވަންދެން ހަމަޖެހިއްޖެ ނަމަ އެތަނުގައި ރަށެއް އުފެދިދާނެ އެވެ.

"ވެލި އެނބުރެމުން އެނބުރެމުން އެތަނުގައި ގިނަ ދުވަހު ޖަމާވެފައި ހުންނަ ކަހަލަ ގޮތަކަށް ކަނޑުގެ ލޮނުގަނޑާއި، ރާޅުތަކާއި، އެކަހަލަ ހުރިހާ ކަމެއް ވަކި ދުވަސްވަރަކަށް ހަމަޖެހިއްޖެއްޔާ ރަށެއް އުފެދޭނީ،" ޑރ. ނަސީރު ވިދާޅުވި އެވެ.

މީގެ ކުރިން އުދަ އަރައިގެން ރަށްތައް އުފެދިފައި އެބަ ހުއްޓެވެ. ތިމާވެށީގެ ކަންކަމުގެ މާހިރަކު ވިދާޅުވީ، 1987ގެ ބޮޑު އުދައިގައި މާލެ އަތޮޅުގެ ފަޅެއްގައިވެސް ހުރާގަނޑެއް އުފެދުނެވެ. އެ ހުރާގަނޑު ރަށަކަށް ބަދަލުވެ އެތަނަށް އުދަފުށި ކިޔަން ފެށި އެވެ.

comment ކޮމެންޓް