ސުވެނިއާ ފިހާރަތަކަށް މާލީ އެހީ ދިނުމަށް ގޮވާލާ ގަރާރެއް

ޖޫން 2، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަޑިއަޅާލާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ އިގްތިސާދު ނެގެހެއްޓުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތުގެ ދަށުން ހިނަމުންދާ ޓުރަރިސްޓް ސުވެނިއާ ޝޮޕްތަކަށް މާލީ އެހީތެރިކަން ދިނުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ވިޔަފާރިވެރިޔާ ޖާބިރު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވަނީ، މި ހައްސާސް ދަނޑިވަޅުގައި ސުވެނިއާ ޝޮޕްތަކަށް ވަނީ އަނބުރާ އިޔާދަކުރުމުގެ އުއްމީދެއް ނެތްފަދަ ލޮޅުމެއް އަރާފައި ކަމަށެވެ.

އެގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރި ހިސާބުން ފެށިގެން ސުވެނިއާ ޝޮޕްތަކުގެ ވިޔަފާރީއަށް ވަނީ ކުއްލި ލޮޅުމެއް އައިސް އިނދަޖެހިފައިވާ ހާލަތެއްގައި ކަމަށް އެ ގަރާރުގައި ވަނީ ބުނެފަ އެވެ.

ސުވެނިއާ ޝޮޮޕްތަކުގެ ވިޔަފާރިއަކީ ދިވެހި އުފެއްދުންތެރިކަމުގެ ދާއިރާގެ ތެރެއިން ލިޔެލާ ޖެހުމާއި ކުނާ ވިޔުން ފަދަ އަތްތެރި މަސައްކަތްތަކާއި ސީދާ ގުޅިފައިވާ ވިޔަފާރީއަކަށް ވާއިރު އެވިޔަފާރީއަށް އޮތް ޑިމާންޑް އެއްކޮށްހެން ހުއްޓި ޒަާނުއްސުރެން އެ ވިޔަފާރި ކުރަމުންދާ ފަރާތްތައް ހާލުގައި ޖެހި އެ އާއިލާތަކުގެ ދުވަހުގެ ކޮއްތު ނުލިބޭ ފަދަ އަނދަވަޅަކަށް ހާލަތު ގޯސްވެފައިވާ ކަމަށް ޖާބިރު ހުށަހެޅެއްވި ގަރާރުގައި ވަނީ ބުނެފަ އެވެ.

"ދިވެހި ފަތުރުުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާއަތުގެ ތެރެއިން ހިނގަމުންދާ ކޮޓެޖް އިންޑަސްޓްރީއަށް ޓުއަރިސްޓް (ސުވެނިއާ) ޝޮޕްތަކަށް އެހީތެރިކަން ދިނުމަށް އެންމެ މަދުވެގެން އެއް މިލިއަން ރުފިޔާގެ ލޯނެއް ދިނުމަށް ދިވެހި ސަރުކާރުގެ މައްޗަށް ލާޒިމު ކުރުމަށް ގޮވާލަން،" ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެ އެވެ.

ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލުނު އަދި އާމްދަނީ އަށް އަސަރު ކުރި ފަރާތްތަކަށް ސަރުކާރުން މިހާރު ވެސް އަންނަނީ އިންކަމް ސަޕޯޓް އެލަވެންސް އެއް ދެމުންނެވެ. އެގޮތުން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ.

މިހާތަނަށް 6،638 މީހަކަށް ޖުމްލަ 27.2 މިލިއަން ރުފިޔާ، އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ސަރުކާރުން މިދިޔަ ހޯމަ ދުވަހު ވަނީ ބުނެފަ އެވެ.

comment ކޮމެންޓް