ރާއްޖެ އަލުން ބަންދުކުރުމުގެ ވިސްނުން ކަމަކު ނުދޭ: މަޖިލިސް ރައީސް

ރައީސް ނަޝީދު: ބޯޑަރު ބަންދު ކުރުމަކީ، ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އަލުން އަނބުރާ ބަންދު ކުރުމަކީ، ރައްޔިތުންނަށް ލިބޭނެ ބޮޑު ގެއްލުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެ އަލުން އަނބުރާ ބަންދު ކުރުމުގެ ވިސްނުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ. އެއީ ރައްޔިތުން ބަނގުރޫޓުވުމަށް ޖާގަ ދިނުން ކަމަށް އެމަނިކުފާނު ސިފަ ކުރެއްވި އެވެ.

"ކޮވިޑް ރޯގާއާ އެކު އުޅޭވޭނެ ގޮތް ހަދަން ޖެހޭ. ރޯގާ އިން ސަލާމަތްވުމަށްޓަކައި، ގައުމު ބަންދުކޮށް ރައްޔިތުން ބަނގުރޫޓުވުމަށް ޖާގަ ދީފި ނަމަ، ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވާނެ،" ނަޝީދު ވިދާޅުވި އެވެ.

ކޮވިޑް ވައިރަސް ރާއްޖެއަށް ފެތުރިގަތުމާއެކު، ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މިދިޔަ މާޗު މަހު 27 ވަނަ ދުވަހު އެވެ. އޭގެ ހަތަރު މަސް ދުވަސް ފަހުން، ރާއްޖޭގެ ބޯޑަރު ހުޅުވާލީ، މިމަހު 15 ވަނަ ދުވަހު އެވެ.

ބޮޑަރު އަލުން ބަންދު ކުރުމަކީ، ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް ކަމަށް ނަޝީދު ވިދާޅުވި އިރު، ކޮވިޑް-19ގެ ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނުވެސް 137 ކޭސް ވަނީ ފެނިފަ އެވެ.

ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ޕޮޒިޓްވީ، އެއް ފަތުރުވެރިއެކެވެ.

comment ކޮމެންޓް