ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓުތަކުގެ މުއްދަތު އޮގަސްޓުގެ ނިޔަލަށް އިތުރުކޮށްފި

ވިލިމާލެ ފެރީ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓްތަކުގެ މުއްދަތު 31 އޯގަސްޓުގެ ނިޔަލަށް އިތުރު ކޮށްދީފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާތީ، މާޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މުއްދަތު ހަމަވާ ސަލާމަތާބެހޭ ސެޓްފިކެޓްތަކުގެ މުއްދަތު އޯގަސްޓްގެ ނިޔަލަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ އެގޮތަށް ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށް ދިންކަމުގައި ވީނަމަވެސް އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުރުމަށް ލާޒިމްކުރާ ތަކެއްޗާއި ކަންކަން ހަމަޖެއްސުމަށްފަހު އުޅަނދު ފަހަރު އޮޕަރޭޓް ކުރުމަށް އުޅަނދުފަހަރު އޮޕަރޭޓުކުރާ ފަރާތްތަކަށާއި އުޅަނދުފަހަރުގެ ވެރިންނަށާއި އަދި އުޅަނދުފަހަރު ދުއްވާ ކެޕްޓަނުން ޔަގީން ކުރުމަށް ފަހު އުޅަނދު ފަހަރުގެ ދަތުރަށް ފެށުމަށް އިލްތިމާސްކުރާ ކަމަށެވެ.

އޮގަސްޓް 31ގެ ކުރިން މުއްދަތު ހަމަވެފައިވާ ސަލާމަތާބެހޭ ސެޓުފިކެޓްތައް އާކުރަން ހުށަހެޅުއްވުމަށްވެސް އޮތޯރިޓީން އެދިފައިވެ އެވެ.

މީގެ އިތުރުން އަލަށް އުޅަނދެއް ރަޖިސްޓަރީކޮށް، މާޗު 12ގެ ފަހުން 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް 31 އޯގަސްޓްގެ ކުރިން ހެދުމަށާއި ނޫން ނަމަ އެ އުޅަނދަކީ އޮޕަރޭޓް ނުކުރާ އުޅަނދެއްކަން ބަޔާންކޮށް ރަށްރަށުގެ ރަށު ކައުންސިލްތަކުން ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީން ލިޔުން ހޯދައިފިނަމަ އެ އުޅަނދެއް ޖޫރިމަނާ ނުކުރާ ގޮތަށް ކަނޑައަޅާފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ޓްރާންސްޕޯޓުން ބުނީ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސްގެ މުއްދަތު މާޗު މަހުން ފެށިގެން ހަމަވެފައިވީ ނަމަވެސް އެ ލައިސަންސްގެ މުއްދަތު އޮގަސްޓް 31ގެ ނިޔަލަށް މިހާރު އިތުރުކޮށްދީފައިވާ ކަމަށެވެ. އޮގަސްޓް 31ގެ ކުރިން މުއްދަތު ހަމަވެފައިވާ ލައިސަންސްތައް އާކުރަން ހުށަހެޅުމަށް ވެސް އޮތޯރިޓީން ވަނީ އެދިފަ އެވެ.

comment ކޮމެންޓް