ފުލުހުން ގަޔަށް ކުޅުޖެހި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން މައުމޫން ގޮވާލައްވައިފި

ރައީސް މައުމޫން: ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ރޭ ޕީޕީއެމް/ޕީއެންސީއިން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑުު ޖަހާފައިވާތީ އެކަން ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ކުށްވެރިކުރައްވައިފިއެވެ.

އެ މައްސަލައާ ގުޅިގެން މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ނާތަހުޒީބު، ހުތުރު އަމަލެއް ކަމަށާއި، އެކަން ކުރި ފަރާތެއް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދެ ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހީ އެމީހުން ފުލުހުންގެ ވާޖިބު އަދާކުރަމުންދަނިކޮށް ކަމަށެވެ. އަދި އެހާ ބޮޑަށް ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި އެކަން ކުރުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މައްސަލަ އަޅުގަނޑުމެން ބަލާނަން" ސީޕީ ހަމީދު ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެކަންކުރި ފަރާތް ހޯދައި ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހި މައްސަލައިގައި ޕީޕީއެމް/ޕީއެންސީ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް އިދިކޮޅުން ވަނީ އެކަން ދޮގުކޮށްފައެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑުު ޖެހީ ރޭ ބޭއްވި މުޒާހަރާގެ ބައިވެރިން ނޫން ކަމަށެވެ.

އެކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް، ޕީއެންސީ އަކީ އެފަދަ ކަމެއް ކުރާނެ ބައެއް ނޫން ކަމަށާއި އެ ދެ ޕާޓީން އެފަދަ ކަމަކަށް ހިތްވަރުވެސް ނުދޭނެ ކަމަށެވެ.

އެ ހަޑިމުޑުދާރު އަމަލަކީ އެހެން ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށާއި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާނެކަން ޔަގީން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މާލޭގެ ވަށައިގެންވާ ސީސީޓީވީ ފްޓޭޖްތައް ބެލުމަށްފަހު އެ ހަޑިމުޑުދާރު އަމަލު ހިންގި މީހަކު ހައްޔަރުކުރުމަށް ވެސް ޝިޔާމް ގޮވާލެއްވިއެވެ.

"މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި އެ ފަރާތް ހައްޔަރު ކުރުމަށް ގޮވާލަން،" ޝިޔާމް ކުރެއްވި ޓްވީޓްގައިވެއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް، ޕީއެންސީން ދުވަހަކުވެސް ދިވެހި ފުލުހުންނާއި ސިފައިންނާ ކުރިމަތިނުލާނެ ކަމަށެވެ

comment ކޮމެންޓް