ކޮވިޑް ޖެހޭ މީހުން ގިނަވެއޭ ކިޔައިގެން އުޅެނީ ބިރުދައްކަން، މުޒާހަރާތައް ކުރިއަށް ގެންދާނަން: އަދުރޭ

އިދިކޮޅުން ރޭ މާލޭގައި ކުރި މުޒާހަރާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާ ކަމަށް ބުނެ ސަރުކާރުން އުޅެނީ ބިރު ދައްކަން ކަމަށާއި ހައްޖު ދުވަހުގެ ރޭ ފިޔަވައި ކޮންމެ ރެއަކު މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މުޒާހަރާތައް މެދުކަޑާލުމަށް ފަހު އިދިކޮޅު ފަރާތްތަކުގެ އިހުތިޖާޖުތައް ފަށާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރެ އެވެ.

ކޮވިޑާ ގުޅިގެން ކުރި ފުރަބަންދަށް ލުއި ދިން ފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެޗްޕީއޭ އިން އަންނަނީ ގައިދުރުކަން ބަހައްޓައި ގިނަ މީހުން ބައިވެރިވާ އެއްވުންތައް ނުބާއްވަން ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

އެޗްޕީއޭ އާއި ފުލުހުންގެ އިލްތިމާސް ވެސް ބޮލާލާ ޖަހައި އިދިކޮޅު ފަރާތްތަކުން ރޭ ވެސް މާލޭގައި މުޒާހަރާ ކޮށްފައިވާއިރު އަދުރޭ ވިދާޅުވީ، އެ މުޒާހަރާތައް ފަށާފައި ވަނީ ރައްޔިތުން އިސްވެ ކަމަށެވެ.

"މިއީ ރައްޔިތުން ނިކުންނަ ނިކުތުމެއް. އެއްގޮތަކަށް ވެސް ޕީޕީއެމް، ޕީއެންސީ އިސްނަގައިގެން ކުރާ ކަމެއް ނޫން. ރައްޔިތުން ރައްޔިތުންގެ ހައްގު ހޯދަން ނިކުންނަ ކޮންމެ ތަނެއްގައި ޕީޕީއެމް، ޕީއެންސީ ތިބޭނެ،" އަދުރޭ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ، ބަލި ކޮންޓްރޯލް ނުކުރެވި މިހާލަތަށް ދިޔައީ ސަރުކާރުގެ ދޯހަޅި ކަމުން ކަމަށާއި އެއީ ރައްޔިތުންގެ މައްސަލައެއް ނޫން ކަމަށެވެ.

"ދެން މިއަދު އަދަދު އިތުރުވަމުން ދާ ދިއުމާ މެދު އަޅުގަނޑު ދަންނަވާލާނީ އެއީ މުޅިން ސައްހަ ވާހަކައެއް ނޫން. އެއުޅެނީ ރައްޔިތުން ބިރުގަންނުވަންވެގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ސަރުކާރު އުޅެނީ ކޮވިޑް ނިވާފަތްގަނޑަކަށް ހަދައިގެން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ނުކޮށްދީ 'ރެކެން' ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އަދި ކޮވިޑް ޖެހިގެން މަރުވުމަށްވުރެން އަނބިދަރިންނަށް ކާނެ އެއްޗެއް ހޯދައި ދޭން ރައްޔިތުން ބޭނުންވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މުޒާހަރާ މިކުރަނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް ވެސް އަޅައިގެން. މުޒާހަރާ ތެރެއިން މާސްކު ގެއްލުނަސް މާސްކު ފޯރުކޮށްދޭނެ. ސެނިޓައިޒާ ވެސް ހުންނާނެ." އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅުން ރޭ މުޒާހަރާ ކޮށްފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތު މިހާރު އޮތް ގޮތަށް ބަލައި، ހާލަތާ ގުޅޭ ގޮތަށް ޚިޔާލުފާޅު ކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ފުލުހުން އިލްތިމާސްކޮށްފައިވަނިކޮށެވެ.

އިއްޔެ ވެސް ވަނީ 137 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި 92 ދިވެއްސަކު ހިމެނެ އެވެ.

comment ކޮމެންޓް