ގައިދުރުކޮށް ނަމާދުގެ ޖަމާއަތް ހަދަންވީ ވަގުތު ޖެހިއްޖެ

ޖުލައި 10، 2020: ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މެދުކަނޑާލިތާ ތިން މަހަށް ވުރެ ގިނަ ދުވަހަށްފަހު، މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ ބަލިމަޑުކަމާއިއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ މި ދަނޑިވަޅުގައި ދީނީ އަޅުކަންތައް ވެސް ދަނީ މި އާ ވައްޓަފާޅިއަށް ފެތޭނެ ގޮތަކަށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކުރެވޭނެ އިންތިޒާމުތަކާ އެކު ކުރިއަށެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއިން ފުރުސަތު ދިން މީހުންގެ އަދަދު ބޮޑުތަނުން މަދު ކުރި އިރު، ހައްޖުގެ އަޅުކަންތައްވެސް ހަމަޖެހިފައި އޮތީ އިޖުތިމާއީ ގައިދުރުކަން ކަށަވަރުވާނެ ގޮތަށެވެ.

ކޮވިޑް19 ގެ ނުރައްކާ ހާމަވުމާއެކު ސައުދީގެ އިތުރުން އިސްލާމީ ބޮޑެތި އެހެނިހެން ގައުމުތަކުގެ މިސްކިތްތަކުގައި ނަމާދުގެ ޖަމާއަތް ހަމަޖެހިގެން ދިޔައީ ގައިދުރުކަން ކަށަވަރުކޮށް، ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކެއްގެ މަތިންނެވެ. އެގޮތުން ސައުދީގެ ދެ ހަރަމާއި، މުސްލިމު އާބާދީ އެންމެ ބޮޑު އިންޑޮނޭޝިއާ އާއި، މެލޭޝިއާގެ އިތުރުން ކޮވިޑް އެންމެ ހަލުވިކޮށް ފެތުރޭ އެއް ގައުމު ކަމުގައިވާ އިންޑިއާގެ ބައެއް މިސްކިތްތަކުގައި ވެސް ކަން އޮތީ އެހެންނެވެ.

އެހެން އަހަރުތަކުގައި 2.5 މިލިއަނެއްހާ މީހުން ކޮންމެ ހައްޖު މޫސުމާ އެކު ހައްޖުގެ އަޅުކަން އަދާކުރި ނަމަވެސް މިފަހަރު ހައްޖުގެ އަޅުކަން އަދާކުރަނީ 10،000 އެއްހާ މީހުންނާ އެކު.

ނަމަވެސް ރާއްޖޭގައި ކޮވިޑް19 އާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ލުއި ދޭން ފެށުމާއެކު ނަމާދުކުރުމަށް މިސްކިތްތައް އަލުން ހުޅުވާލި އިރު، އިސްލާމިކް މިނިސްޓްރީން އިއުލާނުކުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ނަމާދުގެ ޖަމާއަތް ހަދާ އިރު ގައިދުރުކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގާފައެއް ނުވެއެވެ.

އޭގެ ބަދަލުގައި ހުރީ ހުކުރު ނަމާދުގައި ހުތުބާ ކުރުކުރުމަށާއި، މާސްކު އަޅައި މުސައްލަ ވެސް ހިފައިގެން މިސްކިތަށް ދިއުމަށާއި ނަމާދުގެ ޖަމާއަތުގެ ކުރިންނާއި ފަހުން މިސްކިތް ސާފުކުރުމަށާއި މިސްކިތުގައި މާ ގިނަ ވަގުތު ހޭދަ ނުކުރަން އެންގުން ފަދަ ކަންކަމެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ދީނީ އިލްމުވެރިންނާއި ސިއްހީ ދާއިރާގެ މާހިރުންގެ ލަފާގެ މަތިން މިކަންކަން މިނިސްޓްރީން އިއުލާނު ކުރި ނަމަވެސް، ދީނީ އިލްމުވެރިޔާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ އެކަށީގެންވާ ސަބަބުތަކާއެކު ނަމާދުގެ ޖަމާއަތުގައި ގައިދުރުކަން ބެހެއްޓޭނެ ކަމަށެވެ. ރައީސް މައުމޫން އެ ޓްވީޓު ކުރެއްވި ހަފްތާގައި ރާއްޖޭގެ ހާލަތަކީ ކޮވިޑް19ގެ އެވަރެޖްކޮށް ދުވާލަކު 32 ޕޮޒިޓިވް ވުމެވެ.

ނަމަވެސް އޭގެ ދެ ހަފްތާ ފަހުން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ނަންބަރުތައް އަނެއްކާވެސް ދަނީ އިތުރުވަމުންނެވެ. މާލެތެރެ އާއި މުޅި ރާއްޖޭގެ ބޯޑަރުތައް ލޮކްޑައުންކޮށްގެން މައިތިރިކުރި އަދަދުތައް އަނެއްކާވެސް އުފުލެން ފަށައިފި އެވެ. ބަލި ފެތުރިގަތް ދުވަސްވަރު ބިދޭސީންގެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން ދިޔަ ނަމަވެސް، މިހާރު ބަލި ފެތުރެމުން ދަނީ ދިވެހީންގެ މެދުގަ އެވެ.

މި ހަފްތާ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްގެ އަދަދު ހުރީ 464ގަ އެވެ. ހަފްތާގެ ޕޮޒިޓިވް ކޭސްތަކުގެ އެވަރެޖް އަދަދަކީ 66.3 އެވެ. ވޭތުވެދިޔަ ހަތް ދުވަސްތެރޭ އެކަނި ވެސް ޖުމްލަ 250 ދިވެހިން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މިއާއިއެކު ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ވިސްނަން މި ވަނީ މަޖުބޫރުވެފަ އެވެ.

މެއި 14، 2020: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމާދުގެ ޖަމާއަތުގައި ގައިދުރުކުރުމާ ބެހޭގޮތުން ރާއްޖޭގެ ދީނީ އިލްމުވެރިންގެ ހިޔާލު ތަފާތެވެ. ސަބަބުތަކާއި ހާލަތަށް ރިއާއަތްކޮށް ނަމާދުގެ ޖަމާއަތުގައި ގައިދުރުކަން ބެހެއްޓިދާނެކަމަށް ގިނަ އިލްމުވެރިން ގަބޫލުކުރެ އެވެ. އެހެން ނަމަވެސް، ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން އިސްލާމިކް މިނިސްޓްރީން އުސޫލެއް ކަނޑައަޅައި، އާންމުކޮށްފައި ވާތީ އެ އުސޫލާ ދެކޮޅަށް ބަހެއް ބުނަން އިލްމުވެރިން އިންކާރުކުރެ އެވެ.

ގިނަ އިލްމުވެރިން އިއްތިފާގުވަނީ ޒަރޫރީ އުޒުރެއް ނެތް ހާލުގައި ނަމާދުގެ ޖަމާއަތުގައި ދުރުދުރުގައި ތިބުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި "ސަން"އާ ވާހަކަދެއްކި ބައެއް އިލްމުވެރިން ބުނީ މިހާރު މާލޭގައި އޮތް ހާލަތަށް ރިއާއަތްކޮށް، ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރުމަކީ ރަނގަޅުކަމެއް ކަމަށެވެ.

އެހެން ނަމަވެސް ބައެއް އިލްމުވެރިން ދެކެނީ، ކެފޭތަކާއި ރެސްޓޯރަންޓުތަކަށް މީހުންނަށް ދެވޭ ނަމަ، މިސްކިތްތަކުގައި ހަދާ ނަމާދުގެ ޖަމާއަތަށް އަމާޒުކޮށްގެން ގައިދުރުކަމުގެ ފިޔަވަޅު އަޅަން މަޖުބޫރުކުރުމަކީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށެވެ.

https://sun.mv/140346

އިލްމުވެރިންގެ ކަންބޮޑުވުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ އެކަށީގެންވާ މިންވަރަށް ތަންފީޒު ނުކުރެވުމެވެ. މިސްކިތުގައި ހޭދަކުރާ ވަގުތު ކުޑަ ނަމަވެސް، މިސްކިތުން ބޭރުން އެެހެން ތަންތަނުގައި ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުނުކުރާ ކަމަށް އިލްމުވެރިން ބުނެ އެވެ. އެގޮތުން ކެފޭތަކުގައި މީހުން ގިނަ ވަގުތު ހޭދަކުރާކަން އެމީހުން ފާހަގަކުރެ އެވެ.

"ކެފޭ ރެސްޓޯރެންޓްތަކުގައި އެތައް ގަޑިއިރެއް ވަންދެން ކައިރި ކައިރީގައި ސިނގިރެޓް ބޮއެ ހަދައި ކޮފީގައި ތިބުމަށް ދޫކޮށްފައި އޮންނަ އިރު މިސްކިތުގައި ކުޑަ ވަގުތު ކޮޅަކަށް ނަމާދުކުރަން ގައިދުރުކަން ބަހައްޓަން ހަމައެއް ނުޖެހޭނޫންތޯ؟ ޒަރޫރީ ހާލަތަކާއިއެކު އެކަން ކުރުން އެއީ ދީނީ ގޮތުން އަޅުކަމަށް ބުރޫ އަރާނޭ ކަމެއް ނޫން، ސަވާބާއި ދަރުމައިގެ ގޮތުން،" "ސަން" އާ ވާހަކަދެއްކެވި ދީނީ އިލްމުވެރިއެއް ވިދާޅުވި އެވެ.

މާލޭގައި ކޮވިޑް19 ގެ ހާލަތު އިތުރަށް ގޯސްވެ، ވައިރަހުގެ ދެވަނަ ރާޅެއް ބިންދާލިކަމުގެ ނިޝާންތައް ފެންނަމުން ދާ މި ދަނޑިވަޅުގައި، އެޗްޕީއޭއިން ވަނީ ކަނޑައަޅާފައިވާ މިންގަނޑުތަކަށް އަމަލުނުކުރާ ކެފޭ، ރެސްޓޯރަންޓާއި ޖިމްތައް ބަންދުކުރާނެކަމުގެ އިންޒާރުވެސް ދީފަ އެވެ.

މެއި 17، 2020: މާލޭގެ ރެސްޓޯރެންޓެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާފިއު ފާހަގަކުރެއްވި ގޮތުގައި، މިސްކިތްތަކުގައި އަމަލުކުރަން ކަނޑައެޅި އުސޫލަކާއި އިރުޝާދުތަކަށް ގިނަ ބަޔަކު ދެނީ ބީރު ކަންފަތެކެވެ. މިކަންކަމާ ބެހޭ މަޝްވަރާތައް މިނިސްޓްރީގައި ހިނގަމުންދާ ކަމަށާއި، ހާލަތަށް ބަލާފައި އުސޫލުތަކަށް ބަދަލު ގެނައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޝާފިއު ވިދާޅުވި އެވެ.

"މިސާލަކަށް މާސްކު ނޭޅުން، މުސައްލަ ނުގެނައުން ފަދަ ކަންކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ. ދެން މިކަމުގައި އިތުރަށް އަޅާނެ ފިޔަވަޅުތަކަށް އަބަދުވެސް ދަނީ ރިވިއު ކުރެވުމާއިއެކު މަޝްވަރާ ކުރެވެމުން. ދީނީ އިލްމުވެރިންނާއި ސިއްހީ ދާއިރާގެ ބޭފުޅުންނާއި އަދި މިނިސްޓްރީގެ ބޭފުޅުންވެސް،" ޑެޕިއުޓީ މިނިސްޓަރު ޝާފިއު ވިދާޅުވި އެވެ.

ޖުލައި 10، 2020: ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މެދުކަނޑާލިތާ ތިން މަހަށް ވުރެ ގިނަ ދުވަހަށްފަހު، މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކުރެއްވި ޓްވީޓެއްގައިވެސް ގައިދުރުކަން އިސްކޮށް، މާސްކު އެޅުމަށް ވަނީ ގޮވާލައްވާފަ އެވެ. އަދި ރާއްޖެއަށް އަނެއްކާވެސް ވައިރަހާ ގުޅިގެން ނުރައްކާތެރި ހާލަތެއް މެދުވެރި ވެދާނެކަމުގެ އިޝާރާތެއް މިނިސްޓަރު ކުރެއްވި އެވެ.

"އާއްމު ޙާލަތަށް އެދޭނަމަ، މާސްކު އަޅުއްވާ، އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރައްވާ، ބައްދަލުވާ އަދަދު މަދުކުރައްވާ، ކޮންމެހެން ނުކުންނަންޖެހޭ ހާލަތުގައި މެނުވީ ނުކުމެވަޑައި ނުގަންނަވާ. ނުރައްކަލުގެ ރަގަބީލުގެ އަޑު އެބަގަދަވޭ!" ހެލްތު މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މީހުން އެއްވާ އެހެނިހެން ތަންތަނުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދައަށް ތަންފީޒުކުރަން އެބަ ޖެހެ އެވެ. އެ ވިސްނުމާއެކު ހާލަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި މިސްކިތްތަކުގައިވެސް ގައިދުރުކަން ބަހައްޓައިގެން ޖަމާއަތުގައި ނަމާދުކުރަން ފަށަން ވެއްޖެ އެވެ. މިއީ ކުރެވިދާނެ ކަމެއް ކަމަށް އިލްމުވެރިން ބުނެފައިވާ އިރު، ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ ގައިޑްލައިންތައް އިސްލާހުކުރާ ހާލަތު އައިސްފި އެވެ.

އިސްލާމީ އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް ބަލިން ރައްކާތެރި ވުމަށް އިތުރު ރައްކާތެރި ފިޔަވަޅުތަކެއް އެޅުމަކީ ބުއްދިވެރި ކަމެކެވެ.

comment ކޮމެންޓް