އިދިކޮޅުން ކުރި މުޒާހަރާ އިން ދެ މީހަކު ހައްޔަރުކޮށްފި

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން --- ސަން ފޮޓޯ: ނަޖާހު މަސްއޫދު

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިރޭ މާލޭގައި ކުރިއަށް ގެންދިޔަ 'އިހްތުޖާޖު' ގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިރޭ 8:30 އެހައިކަންހާއިރު މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ހިސާބަށް އިދިކޮޅު ފަރާތްތަކުން އެއްވާން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެ މީހުން އެ ސަރަހައްދުން ފޮނުވާލާފަ އެވެ. ނަމަވެސް ފަހުން މުޒާހަރާގެ ބައިވެރިން ވަނީ މާލެ ތެރޭގައި ޝުއޫރު ފާޅު ކުރަމުން ހިނގާލާފަ އެވެ.

މުޒާހަރާގެ ބައިވެރިން އެކި ފަހަރުމަތިން މާލެ ތެރޭގައި ހިނގާލުމަށްފަހު ޗާންދަނީ މަގާއި މަޖީދީ މަގު ގުޅުނު ސަރަހައްދަށް އެއްވާން ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި އެ ސަރަހައްދުން މީހުން ފޮނުވާލަން އުޅުމުގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރިކަން ދައްކެ ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭގެ ތެރެއިން އެކަކު ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުން ވަނީ ޕެޕާ ސުޕްރޭ ވެސް ބޭނުން ކޮށްފަ އެވެ.

ގާތްގަނޑަކަށް 100 އާއި 150 އާ ދެމެދުގެ އަދަދަކަށް މީހުން އެއްވި މިރޭގެ އެއްވުން ލީޑް ކޮށްފައިވަނީ، އިދިކޮޅުގެ ބައެއް މަޖިލިސް މެންބަރުންނާއި ކުރީގެ މަޖިލިސް މެންބަރުންނާއި މިދިޔަ ސަރުކާރުގެ ސިޔާސީ މަގާމުތައް އަދާކުރެއްވި ބޭފުޅުންނެވެ.

އެއްވުމުގެ ބައިވެރިންގެ މައިގަނޑު ޑިމާންޑަކީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމެވެ. އަދި މިސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފަ އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެގާރަ ޖަހަން ކައިރިވެފައި ވަނިކޮށް އެއްވުން ނިންމާލާފައިވަނީ ޕީޕީއެމް/ޕީއެންސީ އޮފީސް ކުރުމައްޗަށް ޖަމާވުމަށްފަހު، ލީޑާޝިޕުން އެއްވުމުގެ ބައިވެރިންނާ މުޚާތަބްކޮށް ވާހަކަ ދެއްކުމަށްފަހު އެވެ.

އިދިކޮޅުން މިރޭ މުޒާހަރާ ކޮށްފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތު މިހާރު އޮތް ގޮތަށް ބަލައި، ހާލަތާ ގުޅޭގޮތަށް ޚިޔާލުފާޅު ކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ފުލުހުން އިލްތިމާސްކޮށްފައިވަނިކޮށެވެ.

comment ކޮމެންޓް