ސުޝާންތުގެ ލޯބިވެރިޔާގެ މައްސަލައެއް ބައްޕަ ފުލުހަށް ހުށައަޅައިފި

ސުޝާންތު އާއި އޭނާގެ ލޯބިވެރިޔާ ރިއާ--

ސުޝާންތު ސިންހް ރާޖްޕުތްގެ ލޯބިވެރިޔާ އެކްޓަރު ރިއާ ޗަކްރަބޯޓީ އާ ދެކޮޅަށް ސުޝާންތުގެ ބައްޕަ ފުލުހަށް މައްސަލައެއް ހުށައަޅައިފި އެވެ.

މިދިޔަ މަހު ސުޝާންތު ދިރިއުޅޭ ގޭތެރެއިން އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު އިންޑިއާ ލޮކްޑައުން ކުރީއްސުރެ ރިއާ އުޅެމުން ދިޔައީ ސުޝާންތުއާ އެކުގަ އެވެ. ނަމަވެސް އޭނާ މަރުވުމުގެ ހަ ދުވަސް ކުރިން ރިއާ ވަނީ އެނބުރި އޭނާގެ ގެއަށް ގޮސްފަ އެވެ.

ޕަޓްނާގައި ދިރިއުޅެމުން އަންނަ ސުޝާންތުގެ އާއިލާއިން ރިއާއަށް ތުހުމަތު ކުރަނީ ސުޝާންތުގެ ޑެބިޑް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކުރުމާ އެކު ސުޝާންތަށް ނަފްސާނީ ގޮތުން ގެއްލުންދީފައިވާ ކަމަށް ބުނެ އެވެ. މިއީ ސުޝާންތު މަރުވި ފަހުން އާއިލާއިން މިހާ ފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދައްކާ ފުރަތަމަ ފަހަރެވެ.

ސުޝާންތުގެ ބައްޕަ ކޭކޭ ސިންހް ފުލުހުންނަށް ހުށައެޅި މައްސަލައިގައި ވަނީ ރިއާ އަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ. އެ މައްސަލައިގައި ބުނެފައި ވަނީ ރިއާ އާއި އޭނާގެ އާއިލާވެގެން ސުޝާންތު ގެއިން ނެރެލުމަށްފަހު މުމްބާއި އެއާޕޯޓް ކައިރިން ގެސްޓް ހައުސްއެއްގައި ސުޝާންތު ބެހައްޓި ކަމަށެވެ. އެގޮތަށް ކަންތައް ކުރީ، ސުޝާންތަކީ ބޯހަމަ ނުޖެހޭ މީހެއްކަމަށް ބުނެ އެވެ. ސުޝާންތު ދައްތަ އޭނާ ގާތު އެނބުރި ޕަޓްނާއަށް އަންނަން ބުނުމުން ރިއާ އޭނާ އަށް ބިރުދައްކައި ޕަޓްނާއަށް ދިޔަ ނުދިނީ ކަމަށް ވެސް ކޭކޭ ހުށައެޅި މައްސަލައިގައި ބުނެފައިވެ އެވެ.

ހަމައެއާއެކު ރިއާ އޭނާގެ އަމިއްލަ ގެއަށް ސުޝާންތު ގެންގޮސް އޭނާ އަމިއްލައަށް ސުޝާންތަށް ފަރުވާދިނުމަށްފަހު ސުޝާންތު އޯވާޑޯޒްކޮށްލި ކަމަށާއި ރިއާ އާއި އޭނާގެ އާއިލާވެގެން ސުޝާންތުގެ ސާމާނުތައް އެމީހުންގެ ބާރުގެ ދަށަށް ގެންދަން މަސައްކަތް ކުރި ކަމަށް ވެސް އެ މައްސަލައިގައިވެ އެވެ. އަދި ސުޝާންތުގެ ފޯނު ވެސް ފަހުން ފަހުން ގެންގުޅެނީ ރިއާ ކަމަށާއި ސުޝާންތަށް ލިބޭ ފިލްމުތަކުގެ ނިންމުންތައް ވެސް ނިންމަނީ އޭނާކަމަށް ކޭކޭ ވަނީ ބުނެފަ އެވެ. އަދި ސުޝާންތު ފިލްމު ކުޅޭނީ ރިއާއާ އެކު އެކަނި ކަމަށް ވެސް ޑައިރެކްޓަރުން ގާތު ރިއާ ބުނިކަމަށް ވެސް ކޭކޭ ވަނީ ތުހުމަތުކޮށްފަ އެވެ.

ކޭކޭގެ ބަޔާނުގައި ބުނީ ސުޝާންތުގެ ބޭންކު އެކައުންޓުން ރިއާގެ އެކައުންޓަށް 15 ކުރޯޑު ޓްރާންސްފާކުރި ކަމަށާއި ސުޝާންތުގެ އަތްމަތި ތަދިވާން ފެށުމުން ރިއާ އޭނާ ދޫކޮށް އޭނާގެ އަމިއްލަ ގެއަށް ދިޔައީ ސުޝާންތު ނަންބަރު އޭނާގެ ފޯނުން ބްލޮކްކޮށްލައި ސުޝާންތު ގެންގުޅޭ ފަހުގެ ޓެކްނޮލޮޖީ ސާމާނުކޮޅާއި ޑޮކިއުމަންޓްތަކެއް ވެސް ހިފައިގެން ކަމަށެވެ.

"ސުޝާންތު އަމިއްލައަށް އަހަރެންގެ އަންހެން ދަރިފުޅަށް ގުޅާފައި ބުނީ ރިއާ އޭނާ މައްސަލައެއްގައި ބައްދާލަފާނެ ކަމަށް. ސުޝާންތު ބުނި ބޮލީވުޑް ދޫކޮށްލާފައި އޭނާގެ އެކުވެރިޔާ މަހޭޝް ޝެޓީއާ އެކު ކައޯގުގައި ދަނޑުވެރިކަން ކުރަން ވިސްނާ ވާހަކަ. އެކަމަކު އެވާހަކަ ރިއާ އަށް އެނގުމުން ރިއާ އޭނާއަށް ބިރު ދެއްކީ. އެކަން ކޮށްފިއްޔާ ސުޝާންތަކީ ބުއްދި ހަމަނުޖެހޭ މީހެކޭ ބުނެ މީޑިއާތަކުގައި ވާހަކަދައްކާނަމޭ ކިޔާފައި،" ކެކޭ ބުނެފައިވެ އެވެ.

އޭނާގެ މަރުގެ ތަހުގީގުކުރާ ގޮތާމެދު ސުޝާންތުގެ ބައްޕަ ހިތްހަމަނުޖެހޭތީ އެ މައްސަލަ ވެސް ވަނީ ޕަޓްނާ، ބިހާރު ފުލުހުންނަށް ހުށައަޅާފަ އެވެ. ސުޝާންތުގެ މަރުގެ ތަހުގީގު ކުރަމުން އަންނަނީ މުމްބާއި ފުލުހުންނެވެ. އެ ތަހުގީގުގައި އޮޅުވާލުމާއި ސުވާލު އުފެދޭ ގިނަ ކަންތައްތައް ހިމެނޭކަމަށް ސުޝާންތުގެ ފޭނުންނާއި ލޯޔަރު ވަނީ މީގެ ކުރިން ވެސް ތުހުމަތުކޮށްފަ އެވެ. އަދި އެ ކޭސް ސީބީއައިއަށް ޓްރާންސްފާކުރުމަށް ސުޝާންތުގެ ލޯޔަރު އިޝްކަރަން ބަންޑާރީ ވަނީ އެކި ފަހަރު މަތިން ހޯމް މިނިސްޓަރަށާއި އިންޑިއާގެ ޕްރައިމް މިނިސްޓަރުގެ އިތުރުން މުމްބާއީ ފުލުހުން ގާތު އެދިފަ އެވެ.

މި މަހު ކުރީކޮޅު ސުޝާންތުގެ ލޯބިވެރިޔާ ރިއާ ވެސް ވަނީ ހޯމް މިނިސްޓަރު އަމިތް ޝާހުގެ އަރިހުގައި އެ ކޭސް ސީބީއައި އަށް ޓްރާންސްފާކުރުމަށް އެދިފަ އެވެ.

ފާއިތުވި 11 މަސްދުވަހު ސުޝާންތުގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ގެންގުޅުނީ ރިއާކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި އެ ދުވަސްތަކުގައި ރިއާ ވަނީ ސުޝާންތުގެ ޑެބިޑް ކާޑު ބޭނުންކޮށްގެން ޔޫރަޕް ޓުއާއަކަށްވެސް ގޮސްފަ އެވެ. އަދި ރިއާ ކުރި ހުރިހާ ވިޔަފާރިއަކާއި އޭނާގެ އަމިއްލަ ބޭނުންތައް ފުއްދުމަށް ވެސް ރުފިޔާ ބޭނުންކޮށްފައިވަނީ ސުޝާންތުގެ ކާޑުތަކުންނެވެ. ސުޝާންތުގެ ޑެބިޑް އަދި ކްރެޑިޓް ކާޑުގެ ޕިން އަދި ޕާސްވޯޑު ވެސް ރިއާއަށް އެނގޭ ކަމަށާއި ރިއާ ބޭރަށްދާ ކޮންމެ ފަހަރަކު ބޭރަށް ދަނީ އެ ކާޑުތައް ވެސް ހިފައިގެން ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި އެ ކާޑުތައް ބަހައްޓަނީ ވެސް ރިއާ އަތުގަ އެވެ.

ސުޝާންތުގެ މަރުވީ އަމިއްލައަށް ކަމަށް ފުލުހުން ބުނިއިރު ގިނަ ބަޔަކު ދެކޭ ގޮތުގައި ބަޔަކުވެގެން ސުޝާންތު މަރާލީ އެވެ. އަދި އެ ކޭސް ސީބީއައި އަށް ޓްރާންސްފާ ކުރުމަށް އެދި ސޯޝަލް މީޑިއާގައި ވެސް އަންނަނީ ކެމްޕޭނު ހިންގަމުންނެވެ.

comment ކޮމެންޓް