މުހައްމަދު އިސްމާއިލް އާއި ނިމާލް ފުލުހަށް ހާޒިރުވުން ފަސްކޮށްފި

ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް --- ސަން ފައިލް ފޮޓޯ

އިދިކޮޅު ޕީޕީއެމް، ޕީއެންސީއިން މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާއާ ގުޅިގެނ،ް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްލާމާއިލް އާއި ކުރީގެ ފެނަކައިގެ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ނިމާލް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވުމަށްފަހު ފަހުވަގުތު ކެންސަލް ކޮށްފި އެވެ.

"އެންމެން އެއް އަޑަކުން" ނަމުގައި އިދިކޮޅުން މުޒާހަރާ ކޮށްފައިވަނީ މާލޭގެ މަޖީދީ މަގު ޗާންދަނީ މަގު ގުޅޭ ސަރަހައްދުގަ އެވެ. އަދި އަޑުއުފުލަމުން މާލެ ތެރޭގައިވެސް ވަނީ ހިނގާފަ އެވެ.

އެ ދެ ބޭފުޅުންނަށް ފުލުހުންގެ އިދާރާއިން ފޮނުވި ޗިޓުގައި ބުނެފައިވަނީ ރޭ އިދިކޮޅު ފަރާތްތަކުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެފައި ވާ ކަމަށެވެ.

"ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އަޑުއުފުލައި. އިސްވެ ދެންނެވުނު ގާނޫނާ ހިލާފު އަމަލު ކުރުމަށް އާންމުންނަށް ހިތްވަރުދީ. އެކަމަށް ގޮވާލާފައިވޭ،" ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވެ އެވެ.

އަދި މަގު ހިނގާ މީހުންނާއި ދުއްވާ މީހުންނަށް އެއްތަނުން އަނެއް ތަނަށް ދިއުމަށް ހުރަސް އަޅާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެނގިހުރެ ގާނޫނީ ބާރު ހިންގުމަށާއި ދައުލަތް ހިންގުމަށް ހުރަސް އަޅާފައިވާތީ އެހުރިހާ ތުހުމަތަކަށް ޖަވާބު ދާރީވުމަށް މުހައްމަދު އިސްމާއީލް ފުލުހަށް ހާޒިރުވާން އެންގީ މިއަދު މެންދުރުފަހު 3:00 އަށެވެ. އަދި ނިމާލް ފުލުހަށް ހާޒިުވާން އެންގީ 4:00 އަށެވެ.

ނަމަވެސް އެ ދެ ބޭފުޅުންނަށް ފުލުހުން މިއަދު ގުޅައި އެ ޗިޓް ކެންސަލްކޮށްފައިވާކަން ވަނީ އަންގާފައެވެ. ދެން އަންނަން ޖެހޭ ވަގުތެއް ފަހުން އަންގާލާނެ ކަމަށް ވެސް ފުލުހުން އެންގިއެވެ.

އެކަމާ ގުޅިގެން މުހައްމަދު އިސްމާއިލް "ސަން" އަށް ވިދާޅުވީ، ފެނިގެން ދަނީ މި ސަރުކާރު ގޮތް ހުސްވެ ނޭވާ ހޮޅިއަށް އެޅިފައިވާ މަންޒަރު ކަމަށެވެ. އަދި ޗިޓް ކެންސަލް ކުރުމުން އެ ބޭފުޅުން ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާކަން ސަރުކާރަށް އިހްސާސްކުރެވިއްޖެކަން އެނގިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނިކުމެ މިތިބީ ބިރު ފަހަނައަޅާ. މިރޭ ހަމަ އަޅުގަނޑުމެން 8:15 ގައި އެނެއްކާ ޗާންދަނީ މަގު ކަންމަތީގައި އެބަ މުޒާހަރާ ބާއްވަން. ސުލްހަވެރި މުޒާހަރާއެއް. ހަމަ މި މުހައްމަދު އިސްމާއިލް ހުންނާނެ ކުރީގައި،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ހުއްދަ ނުނަގައި މާލޭގެ ކާނިވާ ސަރަހައްދު ނޫން އެހެން އެއްވެސް ސަރަހައްދަކަށް އެއްވުމަކީ މަނާ ކަމެކެވެ. އެގޮތަށް ގާނޫނަށް އިސްލާހު ގެނައިސްފައިވަނީ، މިހާރު އިދިކޮޅުގައި ތިބި، އަދި މިދިޔަ ސަރުކާރުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.

comment ކޮމެންޓް