ނަޖީބު ރައްޒާގުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާތައް ސާބިތުވެއްޖެ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވެފަ -- ފޮތޯ: އަލްޖަޒީރާ

ކުއަލަލަމްޕޫރު (ޖުލައި 28): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ދެކޮޅަށް ބަލަމުންދާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތެރެއިން އެ މައްސަލައިގެ ޝަރީއަތުގައި ހުރިހާ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވެއްޖެ އެވެ.

މެލޭޝިއާގެ ހައި ކޯޓުގައި މިއަދު ބާއްވާފައިވާ ޝަރީއަތަކީ އެގައުމުގެ ދައުލަތުގެ އިންވެސްޓްމެންޓް ފަންޑު 1އެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްއިން ނަޖީބުގެ އެކައުންޓަށް 10.4 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގެ އަޑު އެހުމެވެ. އެ މައްސަލާގައި ނަޖީބުގެ މައްޗަށް ވަނީ އަމާނާތައް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިން އާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހަތް ދައުވާއެއްކޮށްފަ އެވެ.

"މި ޝަރީއަތުގައި ހުށަހެޅި ހުރިހާ ހެއްކަކަށް ބެލުމަށް ފަހު އަޅުގަނޑު ނިންމަނީ މި މައްސަލައިގައި ޝައްކެއް ނެތް މިންވަރަށް ޕްރޮސެކިއުޝަނުން [ދައުވާތައް] ސާބިތުކޮށްދީފައިވާކަމަށް،" ކުއަލަލަމްޕޫރު ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނަޒްލާން މުހައްމަދު ގަޒާލީ ވިދާޅުވި އެވެ.

ނަޖީބުގެ މައްޗަށް ސާބިތުވި ކޮންމެ ދައުވާއަކަށްވެސް ގިނަ ވެގެން 15 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކުރެވިދާނެ އެވެ. އަދި ނަޖީބު ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވާ، ދައުވާތައް ސާބިތުވެއްޖެ ނަމަ އިސްތިއުނާފު ކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް ނަޖީބު ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް 1އެމްޑީބީ ފަންޑު ހުޅުވީ އެގައުމުގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ އެއްކުރުމަށެވެ. ނަމަވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ ފަންޑުން ވަނީ 4.5 ބިލިއަން ޑޮލަރު ޑައިވާޓުކޮށް، ލޯންޑާކޮށްފަ އެވެ. އަދި އެ ފައިސާ ބޭނުންކޮށްފައި ވަނީ އަގުބޮޑު ޕްރައިވެޓް ޖެޓާއި ގެތަކާއި ޔޮޓެއް ގަތުމަށެވެ. މިދިޔަ އަހަރު މެލޭޝިއާ ސަރުކާރުން ވަނީ އެ ޔޮޓު 126 މިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ.

އެމެރިކާގެ ޕްރޮސިކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި 1އެމްޑީބީން ނަޖީބުގެ އެކައުންޓަށް ފޮނުވި ޖުމްލަ ފައިސާގެ އަދަދު 681 މިލިއަން ޑޮލަރަށް އަރަ އެވެ. ނަމަވެސް ނަޖީބުގެ ވެރިކަމުގައި އެ މައްސަލަ ބެލި ކޯޓަކުން ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން އޭނާއަށް އެރުވި ހަދިޔާއެއް ކަމަށް ނިންމާފައި އެވެ.

އެމައްސަލައިގައި ނަޖީބު ކުށްވެރި ނުވާ ކަމަށް އޭރު ކޯޓުން ނިންމި ނަމަވެސް 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މަހާތިރު މުހައްމަދު، އެމައްސަލައިގެ ތަހުގީގު އަލުން ފައްޓަން އަމުރު ކުރެއްވި އެވެ. އެތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ނަޖީބާ ގުޅުން ހުރި ހަ އެޕާޓްމެންޓެއް ފާސްކޮށް، އެއެޕާޓްމެންޓުތަކުން ފެނުނު ތަކެތީގެ އަގު 275 މިލިއަން ޑޮލަރަށް އަރާ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް