މުޒާހަރާއާ ގުޅިގެން މުހައްމަދު އިސްމާއީލާއި ނިމާލް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފި

ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް --- ސަން ފައިލް ފޮޓޯ

އިދިކޮޅު ޕީޕީއެމް، ޕީއެންސީއިން ރޭ މާލޭގައި ކުރި މުޒާހަރާގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން ގޮވާލައި މީހުންނަށް އެކަމަށް ހިތްވަރު ދިން މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްލާމާއިލް އަދި ކުރީގެ ފެނަކައިގެ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ނިމާލް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.

"އެންމެން އެއް އަޑަކުން" ނަމުގައި އިދިކޮޅުން ރޭ މުޒާހަރާ ކޮށްފައިވަނީ މާލޭގެ މަޖީދީ މަގު ޗާންދަނީ މަގު ގުޅޭ ސަރަހައްދުގަ އެވެ. އަދި އަޑުއުފުލަމުން މާލެ ތެރޭގައިވެސް ވަނީ ހިނގާފަ އެވެ.

އެ ދެ ބޭފުޅުންނަށް ފުލުހުންގެ އިދާރާއިން ފޮނުވި ޗިޓުގައި ބުނެފައިވަނީ ރޭ އިދިކޮޅު ފަރާތްތަކުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެފައި ވާ ކަމަށެވެ.

"ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އަޑުއުފުލައި. އިސްވެ ދެންނެވުނު ގާނޫނާ ހިލާފު އަމަލު ކުރުމަށް އާންމުންނަށް ހިތްވަރުދީ. އެކަމަށް ގޮވާލާފައިވޭ." ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވެ އެވެ.

އަދި މަގު ހިނގާ މީހުންނާއި ދުއްވާ މީހުންނަށް އެއްތަނުން އަނެއް ތަނަށް ދިއުމަށް ހުރަސް އަޅާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެނގިހުރެ ގާނޫނީ ބާރު ހިންގުމަށާއި ދައުލަތް ހިންގުމަށް ހުރަސް އަޅާފައިވާތީ އެހުރިހާ ތުހުމަތަކަށް ޖަވާބު ދާރީވުމަށް މުހައްމަދު އިސްމާއީލް ފުލުހަށް ހާޒިރުވާން އެންގީ މާދަމާ މެންދުރުފަހު 3:00 އަށެވެ. އަދި ނިމާލް ފުލުހަށް ހާޒިުވާން އެންގީ މާދަމާ 4:00 އަށެވެ.

ސުލްހަވެރިކަމާއެކު ކޮންމެ ތަނަކަށްވެސް އެއްވެ އުޅުމަކީ ގަނޫނުއަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެކެވެ. ނަމަވެސް އެ ހައްގު ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނެއްގެ ދަށުން ހަނިކޮށް ބާރު ދީފައި ވަނީ ހޯމް މިނިސްޓްރީ އަށެވެ.

ހޯމް މިނިސްޓްރީއިން އަންގާފައިވަނީ ހުއްދަ ނުހޯދާ އެއްވެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށެވެ.

އެ އިސްލާހަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނަށް ގެނައި އިސްލާހެކެވެ. އޭރު އެމްޑީޕީއިން އެ އިސްލާހަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. ވެރިކަން ލިބުމުން އިސްލާހު އުވާލާނެ ކަމަށް ވައުދުވީ ނަމަވެސް އެ އިސްލާހު އުވާލަން މަޖިލީހަށް ހުށަހެޅި ބިލު ކޮމިޓީ މަރުހަލާގައި ޕާކުކޮށްފައި އޮންނަތާ އަހަރެއް ވެއްޖެ އެވެ.

comment ކޮމެންޓް