ބިން މިލްކު ކުރެވޭ އިސްލާހު ފާސްކުރަން އެމްޑީޕީ މެމްބަރުން ވެސް ވޯޓުދިން: އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް --- ފޮޓޯ/ މަޖިލިސް

ބޭރުގެ ފަރާތްތަކަށް ރާއްޖޭން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެމްޑީޕީ މެމްބަރުންވެސް ވޯޓުލާފައިވާ ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި އުޝާމް ވިދާޅުވީ ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ އެމްޑީޕީވެސް ހިމެނޭގޮތުން މަޖިލީހުގަ އޭރުއޮތް ގިނަސިޔާސީ ޕާޓީތަކެއްގެ ވޯޓް ލިބިގެން އެންމެން ގުޅިގެން ކަމަށެވެ.

ނަމަވެސް އެ މަސައްކަތް ކޮށްފައިވަނީ މިހާރުގެ އިދިކޮޅު ފަރާތްތަކުން ކަމަށް ބުނެ ދަނީ ސޯޝަލް މީޑިއާގައި ވާހަކަތައް ދެކެވެމުންނެވެ. އެކަމަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވީ އެކަމަކީ ހަމައެކަނި ޕީޕީއެމްއިން ކުރިކަމެއްކަމަށް ބުނުމަކީ ކަމުގެ ހަގީގަތް އޮޅުވާލުން ކަމަށެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖޭން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އުވާލަން ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ގައި ފާސްކޮށްފައެވެ.

ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީގެ 251 ވަނަ މާއްދާއަށް (ހ)އަށް އިސްލާހު ގެނައީ ނިމިގެން ދިޔަ ރިޔާސީ ދައުރުގެ ތެރޭގައެވެ. އެ އިސްލާހު އުވާލަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ އޭރުގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. އޭނާ އަކީ އޭރު ޕީޕީއެމްގެ މެމްބަރެކެވެ.

comment ކޮމެންޓް