އިނގުރައިދު އަށް ދިޔަ ދެ ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރ. އިނގުރައިދޫ -- (ފޮޓޯ/އިނގުރައިދޫ ކައުންސިލް)

ރ. އިނގުރައިދޫގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އިނގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ހަސަން މިއަދު "ސަން" އަށް ވިދާޅުވީ ޕޮޒިޓިވްވެފައި ވަނީ އެ ރަށަށް ދިޔަ ބަންގްލަދޭޝްގެ ދެ މީހުން ކަމަށެވެ.

"ޕޮޒިޓިވްވި ކަން އެނގުނީ މިއަދު ހެނދުނު. އެމީހުން ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރިޔަށް. އެއީ 14 ދުވަސް ކުރިން ރަށަށް އައި ދެމީހެއް. އެމީހުން ކަރަންޓީނުން ދޫކޮށްލުމަށް ކުރި ޓެސްޓުތަކުން ޕޮޒިޓިވްވީ،" އަބްދުﷲ ވިދާޅުވި އެވެ.

އެ ދެ މީހުންނާ އެކު އިނގުރައިދުއަށް ޖުމްލަ އަށް މީހަކު ދިޔަ ކަމަށް އަބްދުﷲ ވިދާޅުވި އިރު ދެން ކަރަންޓީނުގައި ތިބި އެންމެންގެ ޓެސްޓުތަކުގެ ނަތީޖާ ވެސް ނެގެޓިވްކަމަށް އަބްދުﷲ ވިދާޅުވި އެވެ.

"އެއީ ހުސް ދިވެހިން ދެން އައީ. ދެން ޕޮޒިޓިވްވި މީހުންނާ ގުޅިގެން މިހާރު މި ދަނީ ރައްޔިތުންނަށް އެކަން އަންގައި އިލްތިމާސްކުރަމުން. ގައިދުރުކަން ބެހެއްޓުމަށް، ދެން މާސްކު އަޅައިގެން އުޅުމަށް އަދި ނަމާދުކުރަން ވެސް ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިޔުމަށް [އިލްތިމާސް ކުރަމުން]،" އަބްދުﷲ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެހެން ބައެއް ރަށްތަކުން ހޯމް ކަރަންޓީނުގައި ތިބި މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ރ. ދުވާފަރާއި އެ އަތޮޅު ހުޅުދުއްފާރުން ވެސް ވަނީ ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް