އުތުރު ކޮރެއާއަށް ދިޔަ މީހާއަށް ކޮވިޑް-19 ޖެހިފައި ނުވޭ: ދެކުނު ކޮރެއާ

ދެކުނު ކޮެރެއާއިން ބުނި ގޮތުގައި އެ މީހާ އުތުރަށް ދިޔައީ ގަންހުވާ އައިލެންޑަށް ދިޔުމަށް ފަހު، ކަނޑު ހުރަސްކޮށްފަ ފަތާފައި ގޮސްގެން -- ފޮޓޯ: ގެޓީ

ސޯލް (ޖުލައި 27): ދެކުނު ކޮރެއާއިން ގަވާއިދާ ހިލާފަށް އުތުރު ކޮރެއާއަށް ދިޔަ މީހާއަށް ކޮވިޑް-19 ޖެހިފައި ނުވާ ކަމަށް ދެކުނުން ބުނެފި އެވެ.

ދެކުނު ކޮރެއާއިން އެފަދައިން ބުނީ، މީގެ ތިން އަހަރު ކުރިން އުތުރު ކޮރެއާއިން ފިލައިގެން ގަވާއިދާ ހިލާފަށް ދެކުނަށް ދިޔުމަށް ފަހު މި މަހުގެ 19ގައި އެނބުރި އުތުރަށް ދިޔަ މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެގައުމުން ޝައްކު ކުރި ފަހުންނެވެ. އަދި އޭގެ ސަބަބުން ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށް، އެގައުމުގެ ބޯޑަރު ކައިރީ އޮންނަ ކައެސޮންގް ފުރަބަންދު ކުރި ފަހުންނެވެ.

ދެކުނު ކޮރެއާއިން ބުނި ގޮތުގައި 24 އަހަރުގެ އެ ފިރިހެން މީހާ އުތުރަށް ދިޔައީ ދެކުނުގެ ގަންހުވާ އައިލެންޑަށް ދިޔުމަށް ފަހު، ރީނދޫ ކަނޑުން ގާތްގަނޑަކަށް އެއް މޭލަށް ފަތާފައި ގޮހެވެ. އަދި އެ މީހާ އަކީ ކޮވިޑް-19 ޖެހިފައިވާ މީހެއް ނޫން ކަމަށާއި ބަލި ޖެހިފައިވާ މީހަކާ އޭނާއާ ދިމާވެފައި ނުވާ ކަމަށް ދެކުނުގެ އިސް ސިއްހީ އޮފިޝަލަކު ވިދާޅުވި އެވެ.

މީގެ އިތުރުން އެ މީހާއާ ގާތް ދެ މީހަކު ވައިރަހަށް ޓެސްޓު ކުރި ކަމަށާއި އެ ދެ މީހުން ވެސް ނެގެޓިވްވިކަން އޮފިޝަލުން ފާހަގަ ކުރެއްވި އެވެ.

ދެކުނު ކޮރެއާއަކީ ކޮރޯނާވައިރަހަށް ޓެސްޓު ކުރުމާއި ޓްރޭސް ކުރުމުގެ ވަރުގަދަ ޕްރޮގްރާމެއް ކުރިއަށްގެންގޮސް، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކޮށްފައިވާ ގައުމެކެވެ. ފަންސާސް މިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އެގައުމުގައި މިހާރު ކޮންމެ ދުވަހަކު އެވަރެޖުކޮށް ފެންނަނީ ވައިރަހުގެ 50 ވަރަކަށް ކޭސް އެވެ. އޭގެ ތެރެއިން ގިނަ ކޭސްތަކަކީ ބޭރު ގައުމުތަކުން އެގައުމަށް ގޮސް، ކަރަންޓީނު ވާ މީހުންނެވެ.

ދުނިޔޭގައި ކޮރޯނާވައިރަސް ބަލިމަޑުކަން ފެތުރެން ފެށުމުން، މީގެ ހަ މަސް ކުރިން އުތުރު ކޮރެއާއިން ވަނީ އެގައުމުގެ ބޯޑަރުތައް ބަންދުކޮށް އެތައް ހާސް މީހުން އެކަހެރިކޮށްފަ އެވެ. އަދި އެގައުމުގެ އެއްވެސް މީހަކު ވައިރަހަށް ޕޮޒިޓިވްވެފައި ނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ކަމާ ބެހޭ މާހިރުން ވަނީ އެ ވާހަކައިގެ ސައްހަ ކަމާމެދު ޝައްކު އުފައްދާފަ އެވެ.

comment ކޮމެންޓް