ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް، އަދިވެސް އެކުގައި މަސައްކަތް ކުރާނަން: ޝާހިދު

ފޮރިން މިނިސްޓަރު ޝާހިދު ޗައިނާ ސަފީރު އަރިހު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާ އަކީ އަބަދު ވެސް ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ކަމަށާއި ޗައިނާއާ ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ކުރިއަށް އޮތްތަނުގައި ވެސް ބޭނުންވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ޒިންހުއާ އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް، އެކުގައި މަސައްކަތްކުރަން ސަރުކާރުން ތައްޔާރު ކަމަށެވެ.

ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮތް ގާތް ގުޅުން ދެމެހެއްޓުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ. ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ޗައިނާގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ތަރައްގީގެ މަޝްރޫއުތަކަކީ ރާއްޖޭގެ އިގްތިސޯދަށް މުހިއްމު އަދި ބޭނުންތެރި މަޝްރޫއުތަކެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ދާއިރާގައި ޗައިނާގެ އެހީގައި ކުރިއަށްގެންގޮސްފައިވާ ބްރިޖު މަޝްރޫއާއި ހައުސިން ޕްރޮޖެކްޓުތައް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ރާއްޖޭގައި ހިޔުމަން ރިސޯސް ކުރިއެރުވުމަށް ޗައިނާ ސަރުކާރުން ދޭ އެހީތެރިކަން ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

"މިހާރު ޗައިނާގެ އެހީގައި ކުރިއަށްދާ މަޝްރޫއުތައް ނިމުމުން އިތުރު މަޝްރޫއުތައް ޗައިނާ އާ އެކު ކުރިއަށް ގެންދިޔުމަށް ސަރުކާރުން އޮތީ ތައްޔާރަށް." މިނިސްޓަރު ވިދާޅުވި އެވެ.

ޗައިނާ އާއި ރާއްޖޭގެ ގުޅުމަކީ އެތައް ސަތޭކަ އަހަރުވީ ވަރުގަދަ ގުޅުމެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ދެގައުމު ގުޅިގެން، ދެ ގައުމަށް އެންމެ ފައިދާވަނެހެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޝާހިދު ވަނީ ދެއްވައިފަ އެވެ.

މީގެ އިތުރުން ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމު ކަމަށާއި ކޮވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާ އިރު ޗައިނާ ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާ ކިޔާނެކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް