ގެސްޓްހައުސްތައް ހުޅުވުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފި

ޓޫރިސްޓުންތަކެއް ތޮއްޑޫ މަގެއްގެ މަތިން ހިނގާފައި ދަނީ: ގެސްޓް ހައުސް ވިޔަފާރީގައި ތޮއްޑޫއަކީ މަޝްހޫރު ރަށެއް-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ގެސްޓްހައުސްތައް ހުޅުވުން ލަސްވާތީ، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގޭމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ދުވަސްތަކެއްވަންދެން ގެސްޓްހައުސް އިންޑަސްޓްރީ ބަންދުވެފައި އޮތުމުގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކާއެކު، ގެސްޓްހައުސްތައް ހުޅުވުން ލަސްވުމަކީ އިންޑަސްޓްރީގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ފަދަ ކަމެއް ކަމަށެވެ.

މީގެ ކުރިން ސަރުކާރުން އަންމުކޮށްފައިވާ ގައިޑްލައިންގައި އޮތްގޮތުން ގެސްޓްހައުސްތައް ހުޅުވާނެ ވަގުތީ ތާރީހެއްގެ ގޮތުގައި އޮތީ އޮގަސްޓު އެއްވަނަ ދުވަހެވެ. ނަމަވެސް މިހާރު ގެސްޓްހައުސްތައް ހުޅުވުން ވަނީ ސެޕްޓެމްބަރަށް ފަސްކޮށްފައެވެ.

އެ ޖަމިއްޔާއިން ބުނީ އޮގަސްޓު އެކެއްގައި ގެސްޓްހައުސްތައް ހުޅުވޭނެ ކަމަށް ޓޫރިޒަމްގެ އެސްއޯޕީގައި އޮވެ، އަދި އެ އެސްއޯޕީ އެކުލަވާލުމުގައި އެ ޖަމިއްޔާއާއެކުވެސް މަސައްކަތްކޮށްފައިވާތީ އެސްއޯޕީގައި ވާގޮތަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވި، ރިސޯޓުތަކާއި ސަފާރީތައް އޮޕަރޭޝަނަށް ގެނެވިފައިވާތިއްޔާއި އެމްއެމްޕީއާރުސީގެ މާކެޓިން މެޓީރިއަލްތަކުގައިވެސް ގެސްޓްހައުސްތަކުގެ ބުކިން ނަގަން ފަށާނީ އޮގަސްޓު އެކަކުން ކަމުގައި އޮތުމާއެކު ގެސްޓްހައުސްތަކުން ދަނީ ބުކިންތައް ނަގަމުން ކަމަށްވެސް އެ ބަޔާނުގައި ބުނެވިފައިވެއެވެ.

"ނަމަވެސް، ވަރަށް ކުއްލިގޮތަކަށް ސަރުކާރުގެ ވިސްނުން ބަދަލުކޮށް ގެސްޓްހައުސްތައް އޮގަސްޓްމަހު ނުހުޅުވާ ގޮތަށް ކަމަށާއި ހުޅުވޭނެކަމަށް ލަފާކުރެވެނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވުމަކީ މުޅި ގެސްޓްހައުސް ސިނާއަތަށް ތަކުލީފްތަކެއް ކުރުމަތިކުރިވި ކަމެކެވެ. އަދި އެހެންމެ މުޅި ގެސްޓްހައުސް ސިނާއަތުގެ ކަންބޮޑުވުން އޮތްކަމެއްވެސް މެއެވެ،" ގޭމްއިން ނެރުނު ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނީ ލޯކަލް ޓޫރިޒަމް ވިޔަފާރިއަކީ ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވެފައިވާ ވިޔަފާރިއެއް ކަމަށާއި ގިނަ އެހެނިހެން
ކުދި ވިޔަފާރިތަކެއްވެސް މިހިދުމަތުގައި ބައިވެރިވާއިރު ރިސޯޓުތަކާއި ސަފާރީތަކަށް ހިދުމަތް ފެށުމުގެ ހުއްދަ ދިނުމާއި، ސްޕާއާއި
ޖިމް އަދި ރެސްޓޯރަންޓް ފަދަ މީހުން ގައިގޯޅިކޮށް އުޅޭ ތަންތަނަށްވެސް ހުއްދަ ދެވިފައި ހަމައެކަނި ގެސްޓްހައުސް ފަދަ
ބޮޑު ސިނާއަތެއްގެ މަސައްކަތް ފަށާނެ ވަކި ތާރީހެއް ނޭގި ތިބެންޖެހުމަކީ މި ސިނާއަތް ނެތިދިއުމުގެ ބިރުއޮތް ކަމެއްކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ގެސްޓްހައުސްތައް ހުޅުވުން ލަސްކުރިކަން ހާމަކުރައްވާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިހާރު ކޮވިޑް19 ފެތުރެމުންދާ ނިސްބަތާއި މިހާރުގެ ހާލަތަށް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އެގޮތުން އޮގަސްޓް މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގެސްޓްހައުސްތައް އަދި ނުހުޅުވާ ގޮތަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރުގެ ހިސާބުތަކާއި އަދަދުތަކާއި ނުވަތަ މިހާރު ބަލި ފެތުރޭ ނިސްބަތާއި އަތޮޅުތެރޭގައި ބަލީގެ އަލާމާތްތައް ފެންނަމުންދާ ގޮތަށް ބަލާއިރު މިހާރު ލަފާކުރެވެނީ ގެސްޓްހައުތައް ހުޅުވޭނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށް،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ޓޫރިޒަމް މުޅިން ހުއްޓާލާފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވައިލީ މި މަހުގެ 15ވަނަ ދުވަހުގަ އެވެ. އެހެން ނަމަވެސް އެ ތާރީހުން ފެށިގެން ހުޅުވަން ހުއްދަ ދީފައިވަނީ މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ރިސޯޓު، ހޮޓާ ފަދަ ތަންތަނަށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާ ގެސްޓްހައުސްތައް ހުޅުވަން ކުރިން ނިންމާފައި އޮތީ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

comment ކޮމެންޓް