މާލޭގައި ރިލީޒް ސާމްޕަލްނެގުން ދެން ކުރިއަށްދަނީ މާފަންނު މަދުރަސާގައި

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނާ ކޮންޓެކްޓުވެ، ހޯމް ކަރަންޓީނުގައި ތިބޭ މީހުންގެ ރިލީޒް ސާމްޕަލް ނެގުން މާލޭގައި ދެން ކުރިއަށްދަނީ މާފަންނު މަދުރަސާގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މީގެ ކުރިން މާލޭގައި ރިލީޒް ސާމްޕަލް ނަގަމުން ދިޔައީ އާރްއާރްޓީ އިން ގޭގެއަށް ގޮސްގެން ކަމަށާއި، ނަމަވެސް މާދަމާ އިން ފެށިގެން އެކަމަށް އެހެން އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ.

"މާލޭގައި، މާދަމާއިން ފެށިގެން އަޅުގަނޑުމެން ވަކި ހާއްސަ ތަނެއް މިކަމަށް ކަނޑައަޅާފައި ހުންނާނީ. އެހެންވީމާ މާފަންނު މަދުރަސާގައި ހެދުނު ނުވަޔަކުން ރޭގަނޑު ނުވަޔަކާ ހަމައަށް ރިލީޒް ސާމްޕަލް ނެގުމުގެ ކަންތައް ހަމަޖެހިގެންދާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ސާމްޕަލް ނަގަން ދިޔުމަށް އެމީހަކަށް އެސްއެމްއެސް އެއް ފޮނުވާނެ ކަމަށާއި ނުވަތަ ފޯނުން ގުޅާ އަންގާނެ ކަމަށެވެ. ނަމަވެސް ބަލީގެ އަލާމާތެއް ހުރެގެން ނުވަތަ ގޮސްގެން ސާމްޕަލް ނެގަން ބަލިހާލަތު ތަން ނުދޭނަމަ ސާމްޕަލް ނަގަން އާރްއާރްޓީ އިން ގޭގެއަށް ދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ހުޅުމާލެ ސަރަހައްދުގައިވެސް މިގޮތަށް ޕޮއިންޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ އިންތިޒާމެއް ހަމަޖެހެންދެން އާރްއާރްޓީއިން ގޭގެއަށް ގޮސް ސާމްޕަލް ނަގާނެކަމަށް ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން ވިލިމާލޭގައި ސާމްޕަލް ނެގުން އަދި ކުރިއަށްދާނީ އާރްއާރްޓީއިން ގޭގެއަށް ގޮސްގެން ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ސާމްޕަލް ނަގަން ދާއިރު ޓެކްސީ ނުވަތަ ޕަބްލިކް ޓްރާންސްޕޯޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ހިންގަވާފަ ނުވަތަ ސައިކަލުގައި ވަޑައިގެންނެވުމަކީ ވަރާސް މުހިއްމު ކަމެއް. ދެން ސާމްޕަލް ނެގުމަށްފަހުވެސް ރިޒަލްޓު ލިބެންދެން އިތުރަށް ބޭރަށް ނުނިކުންނަވާ ހަމަ ކަރަންޓީނުގައި މަޑުކުރެއްވުމަކީ އެކަން އޮންނާނެ ގޮތް،"

ކަރަންޓީނުގެ ހާލަތު ނިމުމަކަށް އަންނާނީ ނެގި ސާމްޕަލް ނެގަޓިވް ވުމުންނެވެ.

ކޮވިޑް19 އާއި ގުޅިގެން ފުރަބަންދަށް ދިން ލުއިތަކާއެކު މިމަހުގެ ތެރޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ވަނީ އިތުުވެފައެވެ. އަދި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ އަދަދުވެސް އިތުުރުވެފައިވާ ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް