ބޯޑަރު ހުޅުވިފަހުން އައި އެއްވެސް މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެނޭ

މިއަދު ރާއްޖެ އައި ފްލައިޓުން މީހުން ފައިބަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެ އައި އެއްވެސް މީހެއްގެ ފަރާތުން ކޮވިޑް19 ގެ އެއްވެސް އަލާމާތެއް ފެނިގެން މިހާތަނަށް ރިޕޯޓުކޮށްފައި ނުވާކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ބޯޑަރު ހުޅުވިފަހުން މިހާތަނަށް 3،057 މީހަކު ރާއްޖެ އައިސްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ފަތުރުވެރިންނާއި ދިވެހީންވެސް ހިމެނެއެވެ.

"އެއްވެސް މީހަކު މީގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރެގެން، އައިސް އެއާޕޯޓުގައި އަދި އެމީހުން ރިސޯޓަށާއި އެހެން ރަށްރަށަށް ދިއުމަށް ފަހު ރިޕޯޓުކުރެވިފައެއް ނުވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މި މުއްދަތުގައި 2،130 މީހަކު ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ ކަމަށެވެ.

މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވީ ތިން މަސް ދުވަހަށް ވުރެން ގިނަ ދުވަސް ފަހުންނެވެ. އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފުރަތަމަ 10 ދުވަހުގެ ތެރޭގައި 904 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ބޯޑަރު ހުޅުވާލައި ރިސޯޓުތައް އޮޕަރޭޓްކުރަން ފަށާފައި ވާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވަން ކުރިން ނިންމާފައި އޮތީ އޯގަސްޓު މަހުއެވެ. ނަމަވެސް އަލުން އެ ނިންމުން ރިވިއު ކުރުމަށް، އަންނަ މަހު ގެސްޓްހައުސްތައް ނުހުޅުވަން ވަނީ ނިންމައިފައެވެ.

ރާއްޖެއިން މިހާތަނަށް 3،302 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ދިވެހީންނެވެ.

comment ކޮމެންޓް