އެވެޓާގެ ސީކުއަލްތައް ފަސްކޮށްފި

އެވެޓާގެ ފުރަތަމަ ބައިގެ މަންޒަރެއް---

ސައިންސް ފިކްޝަން ފިލްމު "އެވެޓާ"ގެ އިތުރު ހަތަރު ސީކުއަލްއެއް ފަސްކޮށްފި އެވެ.

އަންނަ އަހަރުގެ ޑިސެމްބަރު 17ގައި "އެވެޓާ 2" ސްކްރީންކުރުމަށް ނިންމި ނަމަވެސް އެ ފިލްމު ރިލީޒްކުރުން މި ވަނީ ތިން ވަނަ ފަހަރަށް ފަސްކޮށްފަ އެވެ. މިހާރު މި ފިލްމު ރިލީޒްކުރާނީ 2022 ވަނަ އަހަރު އެވެ.

ކޮވިޑްގެ ސަބަބުން ފިލްމު އިންޑަސްޓްރީގެ މަސައްކަތްތައް އެއްކޮށް ހުއްޓިފައިވާ ދަނޑިވަޅެއްގައި ފިލްމުގެ މަސައްކަތްތައް ވެސް ވަނީ އެއްކޮށް ހުއްޓިފަ އެވެ. އެކަމުގެ ސަބަބުން ކުރިން ފިލްމު ރިލީޒްކުރަން ނިންމާފައިވާ ތާރީޚުތަކުގައި ފިލްމު އެޅުވޭގޮތް ވަނީ ނުވެފަ އެވެ.

ޑައިރެކްޓަރު ޖޭމްސް ކެމެރަން ކުރި ޓްވީޓެއްގައި ބުނީ ހާލަތު ނިޔާކުރި ގޮތުން އެވެޓާގެ ސީކުއަލްތައް ކުރިން ގެންނަން ނިންމި ދުވަސްވަރު ގެނެސްނުދެވޭނެ ކަމަށެވެ.

އޭނާ ބުނީ އެވެޓާ 2" މިހާރު ސިނަމާތަކަށް ގެންނާނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 16ގައި ކަމަށެވެ. "އެވެޓާ 3" ޑިސެމްބަރު 20، 2024 އަށް ގެނެސްދޭން ނިންމިއިރު "އެވެޓާ 4" ސިނަމާތަކަށް ގެންނާނީ ޑިސެމްބަރު 19، 2025 ގައެވެ. އަދި "އެވެޓާ 5" ސްކްރީންކުރާނީ 2028 ވަނަ އަހަރު ޑިސެމްބަރު 22 ގަ އެވެ.

އެވެޓާގެ ދެވަނަ ބައިގައި ޓައިޓޭނިކްގެ ބަތަލާ ކޭޓް ވިންސްލެޓް ފެނިގެންދާނެ އެވެ. އެވެޓާގެ ފުރަތަމަ ފިލްމެއް ފެނިގެން ދިޔައީ 2009 ވަނަ އަހަރުގަ އެވެ.

comment ކޮމެންޓް