އެމިރޭޓްސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ

އެމިރޭޓްސް ގެ ފްލައިޓެއް ވީއައިއޭގައި ---- ސަން ފޮޓޯ

އަންނަ މަހުގެ ހަތަރަކުން ފެށިގެން އެމިރޭޓްސްއިން ރާއްޖެއަށް ހަފްތާއަކު ހަ ފްލައިޓު ބާއްވާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އެމިރޭޓްސްއިން މިހާރު ހަފްތާ އަކު ފަސް ދުވަހު ދުބާއީއާއި މާލެއާ ދެމެދު ފްލައިޓުތައް ބާއްވަ އެވެ. ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ހަތަރު މަސް ވަންދެން ބަންދުކޮށްފައި އޮތުމަށް ފަހު، ޖުލައި 15ގައި ބޮޑަރު ހުޅުވާލުމުން އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް ފަށާފައި ވަނީ ޖުލައި 16 ވަނަ ދުވަހު އެވެ.

ރާއްޖޭގެ އިތުރުން އެމިރޭޓްސްއިން ވަނީ އަންނަ މަހުގެ އެކަކުން ފެށިގެން ސީޝެލްސް އަށްވެސް ދަތުރު ފަށަން ނިންމައިފަ އެވެ.

މިއާ އެކު އެމިރޭޓްސް ހޮލިޑޭސް އިން ވަނީ ރާއްޖެއާއި ސީޝެލްސްގެ ރިސޯޓުތައް ހިމެނޭހެން ރިސޯޓު ހޮލިޑޭ ޕެކޭޖުތަކެއް ޔޫއޭއީގެ ފަތުރުވެރިންނަށް ހާއްސަކޮށް ތައާރަފުކޮށްފަ އެވެ.

އެމިރޭޓްސްއަކީ މެދުއިރުމައްޗާއި ޔޫރަޕުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އުފުލާ އެއާލައިނެކެވެ.

އެމިރޭޓްސްގެ އިތުރުން މިވަގުތު ރާއްޖެއަށް އޮޕަރޭޓު ކުރަނީ ޔޫއޭއީގެ އިއްތިހާދު އަދި ގަތަރު އެއާވޭސްގެ އިތުރުން ސްރީލަންކަން އަދި ޓާކިޝް އެއާލައިން އެވެ.

comment ކޮމެންޓް