ސިޔާސީ މަސްވަރާއަށް ރައީސް ގޮވާލެއްވުމުން މަޖިލިސް ރައީސްގެ ތާއީދު!

ރައީސް ސޯލިހު އަދި ރައީސް ނަޝީދު: ސިޔާސީ މަސްވަރާއަށް ރައީސް ގޮވާލެއްވުމުން ނަޝީދު ވަނީ އެކަމަށް ތާއިދު ކުރައްވާފައި --- ސަން ފައިލް ފޮޓޯ/ މާޝާ ނައީމް

ގައުމުގެ އެންމެ މަތީ މަސްލަޙަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވާފައިވާއިރު އެކަމަށް ތާއިދު ކުރައްވާކަން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ގައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން ކަމަށެވެ. އަދި ގާނޫނުއަސާސީވެސް ބިނާވެފައި އޮތީ، ތަފާތު ޚިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލްވާ ގޮތަށް، ގައުމުގެ ކަންކަން ހިންގުމުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމަށް ތާއިދު ކުރައްވާކަން ހާމަކޮށް ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ އިންތިޒާމްގައި ވާދަވެރި ޕާޓީތައް މިހާރަށް ވުރެން ބޮޑަށް ބައިވެރިވުމަށް ރައީސް ސޯލިހު ކުރެއްވި އިލްތިމާސްއަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"ފުރިހަމަ ޑިމޮކްރެޓިކް ނިޒާމަކަށް ދައުލަތުގެ އިހްލާސްތެރި ވާދަވެރިޔާ އާއި އޭނާގެ ކެބިނެޓްގެ ފާޑުކިޔުން މުހިންމު. މިނިވަންކަން ދެމެހެއްޓޭނީ ސިޔާސީ ހަމަޖެހުމުން،" ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ނަޝީދު އެހެން ވިދާޅުވެފައިވާއިރު އިދިކޮޅު ލީޑަރުގެ ގޮތުގައި އެ ފަރާތްތަކުން ދައްކާފައިވަނީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ. އަދި ސަރުކާރާއި އެކު މަޝްވަރާ ކުރުމަށް އިދިކޮޅުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ޝަރުތު ކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ރައީސް ޔާމީން އެކަނި ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫން ކަމަށް ރައީސް ނަޝީދު ވަނީ މި ފަހުން ވިދާޅުވެފަ އެވެ.

comment ކޮމެންޓް