ބްރެޒިލްގެ ރައީސްގެ ހަތަރު ވަނަ ކޮރޯނާވައިރަސް ޓެސްޓު ނެގެޓިވްވެއްޖެ

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ވަނީ ކޮރޯނާވައިރަހަށް ނެގެޓިވްވެފަ -- ފޮޓޯ: އޭއެފްޕީ

ރިއޯޑިޖެނީރިއޯ (ޖުލައި 26): ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ހަތަރު ވަނަ ފަހަރަށް ކޮރޯނާވައިރަހަށް ޓެސްޓު ކުރުމުން ނެގެޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މި މަހުގެ ހަތެއްގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އިއުލާން ކުރެއްވި ބޮލްސޮނާރޯ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާ ކޮރޯނާވައިރަހުގެ ޕީސީއާރު ޓެސްޓަށް ނެގެޓިވްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މެލޭރިއާ ބޭސް ހައިޑްރޮކްސިކްލޮރޮކުއިން ފޮއްޓަކާ އެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވާފަ އެވެ.

ބޮލްސޮނާރޯ ހަތަރު ވަނަ ޓެސްޓު ހެއްދެވީ ކޮން އިރަކު ކަމެއް އޭނާ ވިދާޅުނުވެ އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު ތިން ވަނަ ޓެސްޓުން ޕޮޒިޓިވްވިކަން ހާމަ ކުރެއްވި އެވެ.

މީގެ ކުރިން ބޮލްސޮނާރޯ ވަނީ ކޮވިޑް-19އަކީ "އާދައިގެ ރޯނގާ"އެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަ ކުރައްވާ، ވައިރަސް ފެތުރުން ހުއްޓުވުމަށް ފުރަބަންދު ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އަދި ބަލި ޖެހިފައިވާ މީހުން ހައިޑްރޮކްސިކްލޮރޮކުއިން ބޭނުން ކުރުމުން ފައިދާއެއް ނުވާ ކަމަށް ސައިންސުވެރިން ބުނި ނަމަވެސް، ކޮވިޑް-19އަށް ފަރުވާއެއްގެ ގޮތުގައި އެ ބޭސް ޕްރޮމޯޓު ކުރައްވާފަ އެވެ.

ބޮލްސޮނާރޯ ވައިރަހަށް ނެގެޓިވްވިކަން ހާމަ ކުރެއްވުމަށް ފަހު ވަނީ އޭނާގެ ބޮޑީގާޑުންނާއެކު ސައިކަލެއްގައި ފިހާރައަކަށް ޒިޔާރަތް ކުރައްވާފަ އެވެ. އަދި މަގުމަތީގައި ބައެއް މީހުންނާ އެކު ފޮޓޯ ނަންގަވާފަ އެވެ.

ބްރެޒިލްގައި މިހާތަނަށް 2.3 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 84،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް