ގައުމުގެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއެކު މަސައްކަތް ފަށަން ރައީސް ގޮވާލައްވައިފި

ރައީސް ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ގައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން ކަމަށެވެ. އަދި ގާނޫނުއަސާސީވެސް ބިނާވެފައި އޮތީ، ތަފާތު ޚިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލްވާ ގޮތަށް، ގައުމުގެ ކަންކަން ހިންގުމުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭ ގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.

"ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ކޮންމެ ކަމެއްގައި ސިޔާސީގޮތުން ވާދަވެރިވާނަމަ އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ، ހުރިހާ ރައްޔިތުންނަށާއި މުޅި ގައުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން. ތިޔަ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާއަށް އަޅުގަނޑު އަބަދުވެސް މަރުޙަބާ ކިޔާނަން،" ރައީސް ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ އުފާ ފާހަގަކުރާ އިރު އަޅުގަނޑުމެންނަށް މިނިވަންކަން ލިބުނު ގޮތާއި މިނިވަންކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައް ހަނދާނުން ފޮހިވެގެން ނުވާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ، ސުލްހަވެރިކަމާއި ހިކްމަތްތެރިކަމާ އެކު ކުރި މަސައްކަތުން ކަމަށެވެ. އެހެންކަމުން ދިވެހިންގެ މިނިވަންކަން ދެމިއޮންނާނީ ވެސް ސުލްހައިގެ މަތީގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރެވިފައި މިވަނީ، މިދެންނެވި އަސާސްގެ މަތީގައި. މަލްޓި ޕާރިޓީ ޑިމޮކްރެސީއެއްގެ ތެރެއިން ޤައުމު އާރާސްތުކުރަމުން ދާނީ ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން. އަޅުގަނޑުމެންގެ ޤާނޫނުއަސާސީވެސް ބިނާވެފައި އޮތީ ތަފާތު ހިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލްވާ ގޮތަށް ޤައުމުގެ ކަންކަން ހިންގުމުގެ މައްޗަށް،" ރައީސް ވިދާޅުވި އެވެ.

ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރާއްޖޭގެ އެންމެ މަތީ މަސްލަހތު ހިމާޔަތްކުރާނީވެސް، ސުލްހަވެރިކަމާއި ހަމަޖެހުމުގެ މައްޗަށް ބިނާވެފައިވާ ހާރިޖީ ގުޅުންތަކުގެ ތެރެއިން ކަން ރައީސް ފާހަގަކުރެއްވި އެވެ. މިނިވަން ގައުމެއްގެ އުފަލާއި ފަހުރުވެރިކަން ފާހަގަކުރާ އިރު، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި، އެހެން ގައުމުތަކާ އެކުގައި ކުރަންޖެހޭ މަސައްކަތްތަކުގެ މުހިންމުކަން މިއަދު އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.


"ކޮވިޑް-19ގެ ތެރެއިންވެސް މި ހަގީގަތް އިތުރަށް ޔަގީންވެއްޖެ. އެއްވެސް ގައުމަކަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން އެކަހެރިވެގެން ނޫޅެވޭނެކަން މިވަނީ ވަރަށް ރަނގަޅަށް ސާބިތުވެފައި. ތިމާވެށީގެ ގެއްލުންތަކުން ދުނިޔެ ސަލާމަތް ކުރުމުގައިވެސް މަސައްކަތްކުރަންޖެހިފައި މިވަނީ ހުރިހާ ގައުމުތަކެއް އެކުވެގެން އެއް ވިސްނުމެއްގައި،" ރައީސް ވިދާާޅުވި އެވެ.

comment ކޮމެންޓް