އިގްތިސޯދީ ދިރުމެއް ނެތްނަމަ މިނިވަންކަމަށް ނުރައްކާތައް ކުރިމަތިވަމުންދާނެ: ރައީސް

ޖުލައި 26، 2020: މިނިވަންދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޤައުމުގެ އިޤްތިޞާދުގައި ދިރުމެއް ނެތްނަމަ އެ ޤައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިނިވަން ކަން ލިބުނުތާ 55 ވަނަ އަހަރު ފުރުމުގެ މުނާސްބަތުގައި ގައުމާއި މުހާތަބް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ޤައުމެއްގެ ހަޔާތުގައި ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން، އެންމެ އުފާވެރި އަދި އެންމެ ފަޚުރުވެރި ދުވަހަކީ، އެ ޤައުމެއްގެ މިނިވަން ދުވަސް ކަމަށާއި އަދި އެންމެ ކުލަގަދަކޮށް ފާހަގަކުރާނީ ވެސް މިނިވަން ދުވަސް ކަމަށެވެ. ހުރިހާ ގައުމެއްގައި ވެސް އެކަން ހިނގާ ގޮތަކީ އެއީ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

މިނިވަން ދުވަސް ފާހަގަކުރަނީ އުފަލާއި ހިތްހަމަޖެހުމާއެކު ކުރިމަގަށްޓަކައި ކުރާ ވަރަށް ފޮނި އުންމީދުތަކަކާ އެކު ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިނިވަންކަމުގެ ދަތުރުގައި މިހާރު އާދެވިފައި މިތިބީ ކިހާ ހިސާބަކަށްތޯ ވިސްނައިލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެ ވަނީ ފަހުގު ޖީލުތައް ތަޖުރިބާ ނުކުރާވަރުގެ ބަނަކަމެއްގެ ތެރޭގައިކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ބަލީގެ ހިޔަނި ނޭޅޭ އެންމެ ޢާއިލާއެއް މިރާއްޖޭގައި ވެސް ނެތް ކަމަށާއި މިއީ ބަލިމަޑުކަމެއް ކަމަށް ވިޔަސް، މިބަލީގެ ޖަރާސީމު ހަމަލާ ދެނީ ހަމައެކަނި އިންސާނުންގެ ހަށިގަނޑަކަށް ނޫން ކަމަށެވެ.

"ގައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކަމަކީ އިޤްތިސާދަށް ކުރިމަތިވާ ހީނަރުކަން. ގައުމުގެ އިގްތިސާދުގައި ދިރުމެއް ނެތީ ވިއްޔާ، އެ ގައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިޤްތިސާދު މިހާރުވެސް ބިނާވެފައި އޮތީ، ދިވެހިން ތަރައްގީކުރި ދެ ސިނާއަތެއްގެ މައްޗަށް ކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެއީ ދޮށީގެ މަސްވެރިކަމާއި ފަތުރުވެރިކަން ކަމަށެވެ. އަދި ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ވެސް ފާހަގަކޮށްލެވޭ ދިވެހިންގެ އަމިއްލަ އުފެއްދުމެއް ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމަކީ ވެސް، ދިވެހިންގެ އަމިއްލަ ވިސްނުމުގެ މައްޗަށް ތަރައްގީކޮށް، ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ ސިނާއަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިއީ އަޅުގަނޑުމެންގެ އިގްތިސާދީ ހަރަކާތްތައް ސިންދަފާތު ކުރުމަށް އަމާޒު ހިފަންވީ ވަގުތު. އިގްތިސާދީ ހަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތު. ރާއްޖޭގެ އެއްގަމާއި ކަނޑުގައިވާ ގުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރުކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު،" ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް