ޔޫން އަމްރީތާ ހޮސްޕިޓަލަށް ގެންދެވޭތޯ މަސައްކަތް އެބަ ކުރަން: އާސަންދަ

މުލިއާގެ ކުރިމަތީގައި ޔޫންގެ ބައްޕަ އެހީއަށް އެދެނީ --

ހިތުގެ ބައްޔަކަށް ފަރުވާ ހޯދަން ޖެހިފައިވާ ކުޑަކުއްޖެއް ކަމަށްވާ ޔޫން މުހައްމަދު ޔުނާން އިންޑިއާގެ އަމްރީތާ ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް އާސަންދައިން ބުނެފިއެވެ.

ފަރުވާ ހޯދަން އިންޑިއާއަށް ދާން އާސަންދައިގެ ފްލައިޓަކުން ޖާގައެއް ނުލިބި، އެހެން ގޮތެއް ނެތިގެން ކަމަށް ބުނެ ޔޫންގެ މައިންބަފައިން މިއަދު ހަވީރު ވަނީ މުލިއާގެ ކުރިމަތީގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޔޫންގެ މަންމަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އާންމުކޮށްފައިވާ ލިޔެކިޔުންތަކުގައިވާ ގޮތުގައި ޔޫންގެ ހިތުގައި އެންމެ ކުޑައިރުވެސް ހިތުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އަދި މިހާރު ދިމާވެފައިވާ އެހެން މައްސަލައެއް ހައްލު ކުރަން އަލުން އޮޕަރޭޝަން ކުރަން ވަނީ ޖެހިފައެވެ. އެ އޮޕަރޭޝަން ކުރެވެނީ އިންޑިއާގެ ކޮޗީގައި ހުންނަ ލިސެއި ހޮސްޕިޓަލުގައި ކަމަށް އެ ފޭސްބުކް ޕޯސްޓުގައިވެއެވެ. އެއީ އާސަންދަ ކަވަރު ނުކުރާ ހޮސްޕިޓަލެކެވެ.

ނަމަވެސް، އާސަންދައިގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ، ޔޫންގެ ފަރުވާއަށް އާސަންދަ ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި އެ ކުއްޖާގެ މައިންބަފައިން ބޭނުންވަނީ ކުއްޖާ އަމްރީތާ ހޮސްޕިޓަލަށް ގެންދަން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އަމްރީތާ ހޮސްޕިޓަލަށް އާސަންދައިގެ އެހީގައި ގެންދިޔަ ބައެއް މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާތީ މި ވަގުތަށް އަމްރީތާއަށް އިތުރު މީހުން ގެންދެވެން ނެތްކަމަށް އޮފިޝަލު ވިދާޅުވިއެވެ. އެހެންވެ، ދެން އާސަންދައިގެ އެހީގައި އިންޑިއާއަށް ގެންދާ މީހުން ގެންދަން ހަމަޖެހިފައި ވަނީ ކިމްސް ހޮސްޕިޓަލަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕޭޝަންޓްގެ ޕޭރެންޓުން ބޭނުންވަނީ ފަރުވާއަށް އަމްރީތާ ހޮސްޕިޓަލަށް ފޮނުވަން. އެހެން ނަމަވެސް މިހާރު ފަރުވާއަށް އިންޑިއާގެ އަމްރީތާއަށް ގޮސް ތިބި ބަލިމީހުންނާއި އެހީތެރިންގެ ތެރެއިން 3 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެމީހުން ވަކިން ކަރަންޓީނުކޮށް ބައެއް މީހުން ވަކިން އައިސޮލޭޓް ކުރަން ޖެހުމާ ގުޅިގެން މިވަގުތު އަމްރީތާގަ އިތުރަށް ކަރަންޓީނުކޮށްގެން ފަރުވާދެވޭނެ ޖާގަނެތުމުން، ބުދަ ދުވަހު ފަރުވާއަށް ފުރާ ބެޗް ފޮނުވުމަށް ހަމަޖެހިފައިވަނީ ކިމްސް ހޮސްޕިޓަލަށް،"

ނަމަވެސް، ކިމްސް ހޮސްޕިޓަލަށް ޔޫން ގެންދަން މައިންބަފައިން ބޭނުން ނުވާތީ، އެ ދެން އަމްރީތާ ހޮސްޕިޓަލަށް އާސަންދައިން މީހުން ގެންދާ އިރު އެ ކުއްޖާ ފޮނުވަން ހަމަޖެހުނު ކަމަށްވެސް އާސަންދައިގެ އޮފީޝަލު ވިދާޅުވިއެވެ. އަދި މިހާރު ޔޫން ވަކިންވެސް އަމްރީތާއަށް ގެންދެވޭނެ ގޮތެއް ހަމަޖެހޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިމްސް ހޮސްޕިޓަލަށް ދާން ޕޭރެންޓުން ބޭނުން ނުވުމުން، ދެން އަމްރީތާއަށް ފޮނުވާ ބެޗެއްގައި އެ ކުއްޖާވެސް ފޮނުވާގޮތަށް ހަމަޖެހިފައި އޮތީ. އަދި ވަކިންވެސް ކުއްޖާ އަމްރީތާއަށް ފޮނުވޭނެ ގޮތެއް ހަމަޖެހޭތޯ އާސަންދައިން ދަނީ މަސައްކަތް ކުރަމުން،" އާސަންދައިން ބުންޏެވެ.

މިއަދު ހަވީރު މުލިއާގެ ކުރިމަތީގައި ދަރިފުޅު އުރައިގެން ހުރެ ކުއްޖާގެ ބައްޕަ ފޭސްބުކްގައި ލައިވްކޮށް ބުނީ މުލިއާގެ ކައިރިއަށް އައީ ވަރަށް ގިނަ ތަންތަނުގައި އެހީއަށް އެދުމުންވެސް އެހީ ނުލިބުމުން ކަމަށެވެ.

comment ކޮމެންޓް