ކޮމެޓީ މަރުހަލާގައި ފުރުސަތު ނުލިބުމުން، ތައުލީމުގެ ބިލުގެ ކަންބޮޑުވުންތައް ރައީސަށް!

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން: ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ދިރާސާކުރަމުން އަންނަ ތައުލީމުގެ ބިލަށް ކޮމެޓީ މަރުހަލާގައި މަޝްވަރާ ކުރުމުގެ ފުރުސަތު ނުލިބުމުން، ޓީޗަރުންގެ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމުގެ ފުރުސަތު ހުޅުވާލައި، މަޝްވަރާ ބައްދަލުވުން ވެސް މިހާރު ވަނީ ބާއްވައިފައެވެ.

ޓީޗަރުންގެ އެސޯސިއޭޝަނުން މިއަދު ބުނީ ބިލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ކުރި ދިރާސާގައި މަޝްވަރާގެ ފުރުސަތު އެ އެސޯސިއޭޝަނަށް ލިބިފައި ނުވާކަމަށެވެ.

އަދި އެ ބިލާ ގުޅިގެން ޓީޗަރުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، އެކަން ފާހަގަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.

ތައުލީމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ. އެ ބިލަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމުކޮށްދޭންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކުރުމުގެ މަގްސަދުގައި ފޮނުވާފައިވާ ބިލެކެވެ.

އެ ބިލުގައި ރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސުތަކާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ރާއްޖޭގައި ތައުލީމު ދިނުމާ ގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް