ލަންކާގައި އުފަންދުވަހުގެ ސެޓްފިކެޓުގައި މީހާގެ ނަސްލު ހިމަނަން އަނެއްކާވެސް ނިންމައިފި

ލަންކާގެ އުފަންދުވަހުގެ ސެޓްފިކެޓުތަކުގައި ނަސްލު ބަޔާން ކުރާނެކަން އެގައުމުގެ ކަމާ ބެހޭ އިދާރާއިން ވަނީ ބުނެފަ -- ފޮޓޯ: އިކޮނޮމީ ނެކްސްޓް

ކޮލަމްބޯ (ޖުލައި 23): ސްރީލަންކާގައި ރައްޔިތުންނަށް އަލަށް ހައްދާ އުފަންދުވަހުގެ ސެޓްފިކެޓުތަކުގައި މީހުންގެ ނަސްލު ނުޖަހާނެ ކަމަށް އެގައުމުގެ ރެޖިސްޓްރާ ޖެނެރަލްސް ޑިޕާޓްމަންޓުން ނިންމުމަށްފަހު އެ ނިންމުން ބަދަލުކޮށްފިއެވެ.

ލަންކާގެ ރެޖިސްޓަރާ ޖެނެރަލްސް ޑިޕާޓްމެންޓުން މިދިޔަ ބުދަ ދުވަހު ބުނި ގޮތުގައި އަލަށް ނެރޭ އުފަންދުވަހުގެ ސެޓްފިކެޓުގައި ކޮންމެ ފަރުދެއްގެ ދީނާއި ނަސްލު ބަޔާންކޮށްފައި ނޯންނާނެ އެވެ. އަދި އެއީ ގައުމުގެ އެއްބައިވަންތަކަން އިތުރު ކުރުމަށާއި ނަސްލީ ތަފާތު ކުރުންތައް މަދު ކުރުމަށް ރަނގަޅު ނިންމުމެއްކަމަށް ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ މީހުން ބުންޏެވެ.

ނަމަވެސް ލަންކާގެ ސިންހަލަ ވަތަނީ ޕާޓީއެއް ކަމަށްވާ ނެޝަނަލް ފްރީޑަމް ފްރޮންޓްގެ ލީޑަރު އަދި ގައުމުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ބެހޭ މިނިސްޓަރު ވިމާލް ވީރަވަންސަ ވިދާޅުވީ ލަންކާގައި މިހާރު އޮތް ވެރިކަމުގައި އެފަދަ ބަދަލަކަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.

މިނިސްޓަރު ވީރަވަންސަ މިފަދައިން ވާހަކަދައްކަވާފައި ވަނިކޮށް، އެގައުމުގެ ރެޖިސްޓަރާ ޖެނެރަލް އެންސީ ވިތަނަގޭ ވަނީ އާ އުފަންދުވަހުގެ ސެޓްފިކެޓުގައިވެސް ކުއްޖާގެ މައިންބަފައިންގެ ނަސްލު ފާހަގަކޮށްފައި އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މިހާރުވެސް، އަދި އަލަށް ތައާރަފުކުރާ އުފަންދުވަހުގެ ސެޓްފިކެޓުގައިވެސް މީހުންގެ ދީން ބަޔާން ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ވިތަނަގޭ ވިދާޅުވި ގޮތުގައި އާ އުފަންދުވަހުގެ ސެޓްފިކެޓުގައި ކުއްޖާގެ ބެލެނިވެރިންގެ ކައިވެންޏާ ބެހޭ ވާހަކައެއް ހިމަނާފައި ނުވާނެ އެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށާއި ފޯޖް ކުރުން ހުއްޓުވުމަށް ހާއްސަ ކިއުއާރު ކޯޑަކާއި ބާ ކޯޑަކާއި ވޯޓާމާކެއް އާ ސެޓްފިކެޓުގައި ހިމެނޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ވިތަނަގޭ ވަނީ އާ ބާވަތުގެ އުފަން ދުވަހުގެ ސެޓްފިކެޓުތައް ދޫކުރަން ފަށާނީ އަދި ކަމާ ބެހޭ ބައެއް މަރުހަލާތައް ނިމުމުންކަންވެސް ހާމަ ކުރައްވާފަ އެވެ.

comment ކޮމެންޓް