"ތެލުގެ ވަގު ވިޔަފާރީއާ ގުޅޭ 66 ފޮށީގެ ޑޮކިއުމަންޓް ހުއްޓާ މައްސަލަ ފައިލް ކުރުމުން ސުވާލު އުފެދޭ"

މިނިވަން މުއައްސަސާ ކޮމިޓީގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ --- ސަންފޮޓޯ / ފަޔާޒު މޫސާ

އެސްޓީއޯ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ "ތެލުގެ ވަގު ވިޔަފާރި" ކުރި ކަމަށް ބުނާ މައްސަލައިގެ 66 ފޮށި ޑޮކިއުމަންޓްސް، އޭޓާނީ ޖެނަރަލް (އޭޖީ) އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުމުން ވެސް އެ މައްސަލަ ބެލެން ނެތް ކަމަށް ބުނެ މީގެ ކުރިން ފައިލް ކުރުމުން ސުވާލު އުފެދުނު ކަމަށް އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ލިިމިޓެޑުން ހިންގި ކަމަށް ބުނާ އެ ތެލުގެ ވަގު ވިޔަފާރީގެ މައްސައަކީ 2011 ވަނަ އަހަރު އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ތަހުގީގު ކުރަން ފެށި މައްސަލައެކެވެ. 2018 ވަނަ އަަހަރުގެ މެއި މަހުގެ އަށް ވަނަ ދުވަހު، އެ މައްސަލައިގެ ތަހުގީގު ނިންމޭނެ ވަރަށް މައުލޫމާތު ނެތުމުން މައްސަލަ ފައިލް ކުރަން ނިންމާފައިވާ ކަމަށް އޭސީސީއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

"އޭސީސީއަށް އެޓާނީ ޖެނަރަލްގެ އޮފީހުން 66 ފޮށީގެ ޑޮކިއުމަންޓްސް އަޅުގަނޑުމެނަށް ހުށަހަޅާފައި ހުރި. ދެން އަޅުގަނޑުމެންގެ އެއިރުގެ ނިންމާފައި އޮތް ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވަނީ މައްސަލަ ކުރިއަށް ގެންދެވޭ ވަރުގެ މައުލޫމާތު ލިބިފައި ނެތުމާއި އެކު އެ މައްސަލަ ފައިލް ކުރެވިފައިވަނީ.

"އެހެންވީމަ އިނީޝަލް އެ ރިޕޯޓް ބަލާފައި ވެސް އަޅުގަނޑަށް ސުވާލު އުފެދުނު 66 ފޮށީގެ ޑޮކިއުމެންޓްސް އަޅުގަނޑުމެނަށް ލިބިފައި ހުރިއިރު އެހާ ކުރި ނިންމުމެއް އެހާ އާދައިގެ ވަރަށް ސިމްޕަލްކޮށް ލިޔެފައި ތަހުގީގު ރިޕޯޓް ނިންމާފައި އޮތީމައި،" އެކަމާއި ގުޅިގެން މިހާރު އޭސީސީގެ ރައީސްގެ މަގާމުގައި ހުންނެވި ޝިއުނާ، ޕީއެސްއެމްގައި ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

އެ ޑޮކިއުމެންޓްތައް އޭސީސީން މިހާރު ރިވިއު ކުރަމުން އައި ނަމަވެސް މައްސަލަ އަލުން ހުޅުވައިގެން ބެލުމާ މެދު އަދި ގޮތެއް ނިންމާފައިނުވާކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޑޮކިއުމެންޓްތައް ރިވިއު ކުރުމަށްފަހު ފަހު މައްސަލަ އަލުން ބެލުމާއި މެދު ފަހުގެ ތާރީހެއްގައި އޭސީސީން ގޮތެއް ނިންމާނެ ކަމަށެވެ.

ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯ މެދުވެރިކޮށް ހިންގި ތެލުގެ ވަގު ވިޔަފާރީގެ ތެރެއިން ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ކުންފުންޏަކާ ހަވާލުކޮށްގެން އެކުލަވާލެވުނު ރިޕޯޓު، ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފޮރުވިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.

ރައްޔިތުން އެކްސްޕެކްޓޭޝަން ހުރީ ވަރަށް މަތީގައި ކަން އިނގިލައްވާކަން ފާހަގަކޮށް ޝިއުނާ ވިދާޅުވީ، އެހިސާބަށް ވާސިލްވުމަށް ގޮންޖެހުމާއި ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެކަށީގެންވާ ބަޖެޓެއް ނެތުމާއި އިންސާނީ ވަސީލަތްތައް މަދުކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީއަށް ރައްޔިތުން ޝަކުވާ ހުށަހަޅާވަރު މަދު ނުވާކަމަށް ޝިއުނާ ވިދާޅުވި އެވެ. އަދި މިދިޔަ އަހަރަކީ އެ ކޮމިޝަނަށް އެންމެ ގިނަ ޝަކުވާ ހުށަހެޅި އަހަރު ކަމަށށާއި އެގޮތުން ގާތްގަޑަކަށް 1300 ޝަކުވާ މިދިޔަ އަހަރު އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

"މިއީ 2018އާ އަޅާ ބަލާއިރު 50 އިންސައްތަ އިންކްރީސްއެއް ޝަކުވާތައް އޭސީސީއަށް އައ.ި އަދި އާ މެންބަރުން އައްޔަނު ކުރި ހިސާބުން ވެސް ޝަކުވާތައް އިތުރުވެގެން އައި،" ޝިއުނާ ވިދާޅުވި އެވެ.

comment ކޮމެންޓް