މަރު ކޮމިޝަނުގެ ރިޕޯޓު އާންމު ކުރުމުން އިންސާފަށް ހުރަސް އެޅުނު: ސީޕީ

އޭޕްރީލް 15، 2020: ފުލުހުންނާއި ސިފައިން ގުޅިގެން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ފުރިހަމަ ނުވާ ތަހުގީގު ރިޕޯޓު އާންމު ކުރުމުން މައްސަލަތަކުގެ އިންސާފާ ހަމައަށް ވާސިލުވުމަށް ހުރަސް އެޅިފައިވާ ކަމަށް ކޮމިޝަނަރު އޮފް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެކުލަވާލި ރިޕޯޓު އާންމު ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. ރިޕޯޓު އާންމުނަނަށް ފެންނާނެ ހެން މަޖިލީހުގެ ވެބްސައިޓުގައި ޝާއިއު ކުރި އެވެ.

ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ތަހުގީގު ރިޕޯޓު އާންމުކުރުމުން އެކަމާ ހިތްހަމަނުޖެހުނު ކަމަށެވެ.

"އަޅުގަނޑު ޕާސަނަލީ ޑިސްއެޕޮއިންޓް ވީ ކަމެއް އެއީ. އެއީ ތަހުގީގުތަކުގެ ފުރިހަމަ ރިޕޯޓު ނުނެރެވި އޮއްވާ ތަހުގީގުގެ ބައިބައި ރިޕޯޓް ޑްރާފްޓް ފޯމުގައި ޕަބްލިކަށް އައުން އެއީ. އަޅުގަނޑުމެން މި ތަހުގީގުތައް ހިންގަން ޖެހޭނީކީ ސެންސޭޝަނަލައިޒް ކުރާކަށް ނޫން. ވަކި ކަހަލަ ފައިދާއެއް ނަގާކަށް ނޫން." ސީޕީ ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ އެ ތަހުގީގުތައް ހިންގަން ޖެހޭނީ މަރާލާފައިވާ ނުވަތަ ގެއްލުވާލާފައިވާ ފަރާތްތަކުގެ އާއިލާތަކަށް އިންސާފު ހޯދައި ދިނުމަށްޓަކައި ކަމަށެވެ.

"އެހެންވީމަ އިންސާފު ހޯދައި ދިނުމަށްޓަކައި ހަގީގަތުގައި ހުރަސްތަކެއް އެޅިފައިވާކަން އަޅުގަނޑު ގަބޫލުކުރަން." ސީޕީ ވިދާޅުވި އެވެ.

މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ތަހުގީގު ހިންގުމުގެ މަރުހަލާގައި އަދި ތަހުގީގަށް ހޯދިފައިވާ ހޯދުންތައް އާންމު ކުރުން އެއީ އެންމެ އެދެވިގެންވާ ގޮތަށް ހިނގި ކަމެއް ނޫންކަމަށް ހަމީދު ވިދާޅުވި އެވެ. އޭގެ ސަބަބުން ކޮންފިޑެންސާއެކު ހެކިބަސް ދިން ފަރާތްތަކުގެ ނަންތައް ހާމަވެ، މައްސަލާގައި ކުރިއަށް ދާން ހުރަސްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

https://sun.mv/127913

"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން އެންމެ އެދުނު ގޮތަކަށް ނޫން ބައެއް ކަންތައްތައް ވެފަ ހުރީކީ. އެހެން ނަމަވެސް އަޅުގަނޑު އަދިވެސް އުންމީދު ކުރަނީ އެ ތަހުގީގުތައް ފުރިހަމަ ކުރެވި އަދިވެސް އެ އިންސާފު ހޯދައިދޭން ދައުލަތުގެ ތެރެއިން މަސައްކަތް ކުރެވޭނެ ކަމަށް." ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

މަރު ކޮމިޝަނުން މިހާތަނަށް އެކުލަވާލި ރިޕޯޓުތަކުގެ ތެރެއިން އާންމުކޮށްފައިވަނީ މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލާގައި އެކުލަވާލި ތަހުގީގު ރިޕޯޓެވެ. އެ ރިޕޯޓާ ގުޅިގެން ބައެއް ފަރާތްތައް ހައްޔަރުކޮށް ޕާސްޕޯޓުވެސް ހިފެހެއްޓި އެވެ. ނަމަވެސް މިހާތަނަށް އަދި ދައުވާއެއް އުފުލާފައެއް ނުވެ އެވެ.

comment ކޮމެންޓް