ފުލުހުން އެއްވެސް މަޖިލިސް މެމްބަރަކަށް ފާރަލާފައެއް ނުވާނެ: ޕޮލިސް ކޮމިޝަނަރު

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މަޖިލީހުގެ ކޮމިޓީއެގައި --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފާރަލާ ވަކި ވަކި މެމްބަރުން ރެއިޑް ކުރުމަށް ފުލުހުން މަސައްކަތް ކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ދޮގު ކުރަައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ފުލުހުން ފާރަލައި، ބައެއް މެމްބަރުންގެ ގެތައް ރެއިޑުކުރަން ރާވަމުންދާކަމަށް ތުހުމަތުކުރައްވައި، ދިފާއީ ބާރުން މެމްބަރުންނަށް ރައްކާތެރިކަން ލިބޭނެކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ.

މިރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ ފުލުހުން މަޖިލިސް މެމްބަރުންނަށް ފާރަލުން ފަދަ ކަމެއް އޭނާއަށް އެނގިގެން ހިނގާފައި ނެތް ކަމަށެވެ.

"ތި ފާހަގަކުރެވުނު ކަންތަކާ ގުޅިގެން އަޅުގަނޑަށް ގުޅުނު ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ. އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާފައި އޮންނާނީ ފުލުހުންގެ ފަރާތަކުންނެއް އެދަފަ އޮޕަރޭޝަނަލް އެކްޓިވިޓީއެއް ނުހިންގާ." ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ ފުލުހުން ހިންގާ ތަހުގީގަކާ ގުޅިގެން ބަލަން ޖެހޭ ބެލުމެއް ބެލުމަށްޓަކައި ގާނޫނާ އިޖުރާއަތްތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އަޅަމުން ގެންދާނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާގެ ވޯޓުތައް ނެގުމުގެ ކުރިން ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ، އެއީ 'ވަރަށް އުނދަގޫ ވާހަކަ' އެއް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް މައުލޫމާތު ލިބޭ ފުލުހުންގެ ތެރެއިން މަދު ކުދިންކޮޅެއް ވަކި ވަކިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެކި އެކި ކަންކަން ރެއިޑްކުރުމަށް ބެލުމަށް މަސައްކަތް ކުރަމުންދާ ކަމަށް،" ރައީސް ނަޝީދު ތުހުމަތުކުރެއްވި އެވެ.

ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލުގެ މަސައްކަތް ކުރިއަށްދާ ކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އެކަމުގެ ސަބަބުން ފުލުސް އޮފީހަށް ގިނަ އިސްލާހީ ބަދަލުތަކެއް އަންނާނެ ކަމަށާއި އެންމެންވެސް އެދެނީ ރާއްޖޭގައި ރަނގަޅު ފުލުހުންގެ މުއައްސަސާއެއް އޮތުން ކަމަށެވެ.

comment ކޮމެންޓް