އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު --- ފޮޓޯ : ރައީސް އޮފީސް

ސިނގިރެޓާއި ދުންފަތް ހިމެނޭ ބާވަތްތަކުގެ އިތުރުން ރަލާއި އޫރުމަސް ފިޔަވައި އަތޮޅުތަކުގައި ހުންނަ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަކަށާއި ޕޯޓުތަކަށް އެތެރެކުރާ ހުރިހާ މުދަލަކުން ނަގާ ޑިއުޓީގެ 50 ޕަސެންޓް މާފުކޮށްދޭން ފާސްކުރި ބިލް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފި އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އިސްލާހަށް ބަދަލުތަކެއް ގެންނަން މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގައެވެ.

މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ހުށަހެޅުއްވީ ބައިނަލްއަގްވާމީ ވައިގެ ބަނދަރުތަކާއި އައްޑޫ އަދި ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ މުދަލުގެ 50 ޕަސެންޓް ޑިއުޓީ މާދުކޮށްދޭށެވެ. އޭގެ ތެރެއިން އިސްތިސްނާ ކުރަން އިސްލާހުގައި އެދިފައިވަނީ ދެ ވައްތަރެއްގެ މުދަލެވެ.

"މާލޭ ސަރަހައްދު ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުގެ ރަސްމީ ބަނދަރުތަކާއި ވައިގެ ރަސްމީ ބަނދަރުތަކަށް އެތެރެކުރާ ތަކެތީ ތެރެއިން މި ގާނޫނުގެ ހަަތްވަނަ މާއްދާގެ ޗެޕްޓަރުތަކުގައި ބަޔާންކޮށްފައިވާ އަންނަނިވި ތަކެތި ފިޔަވައި އެ ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެއްޗަށް 50 ޕަސެންޓް މާފު ކުރުން. އޭގެތެރެއިން އިސްތިސްނާވާ ތަކެއްޗަކީ ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކާއި އިލެކްޓްރޯނިކް ސިނގިރޭޓް އަދި މިފަދަ ވޭޕް ކުރުމަށް ބޭނުންވާ އާލާތްތަކާއި އޭގެ ބައިތައް. ބަނގުރަލާއި ބަނގުރާ އެކުލެވޭ ބާވަތްތައް. އޫރުމަހާއި އޫރުމަސް އެކުލެވޭ ބާވަތްތައް،" ހާރޫން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެ އިސްލާހުގެ ދަށުން ސިގިރެޓާއި ދުންފަތް އެކުލެވޭ ބާވަތްތައް ބޭނުންކުރުމުން ދުރުހެލިކުރުމާއި އާންމު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ސިނގިރޭޓާއި ދުންފަތް އެކުލެވޭ ބާވަތްތަކުން ނެގޭ ޑިއުޓީގެ ތިން ޕަސެންޓް، ޕަބްލިކް ފަންޑަށް ޖަމާކުރަން ޖެހޭ ކަމަށެވެ.

އަދި ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓަރުތަކުގެ ތެރޭގައި ހިމެނޭ އެއްޗެހިތަކުގެ ތެރެއިން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބާވަތްތައް އަންނަ ޖެނުއަރީއިން ފެށިގެން އިމްޕޯޓުކުރުންވެސް މަނާ ވާނެއެވެ.

އެ ބިލު މިއަދު ވަނީ ގެޒެޓުކޮށްފައި ކަމަށާއި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ގާނޫނަށް އަމަލު ކުރަން ފަށާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

comment ކޮމެންޓް