ގައުމީ ލީގުން އަތޮޅުތަކުގެ ކުލަބުތަކަށް ފުރުސަތު ގެއްލިއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ތ. ތިމަރަފުއްޓާއި ށ. ފޯކައިދޫ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޮވިޑް-19 އާ ގުޅިގެން 2019-2020 ގެ އަތޮޅު ފުޓްބޯޅަ މުބާރާތް ބޭއްވިފައި ނުވާތީވެ، ޕްރިމިއާ ލީގުން މީގެ ކުރިން ފުރުސަތު ދެމުންދިޔަ އަތޮޅު މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމުތައް މިފަހަރުގެ ގައުމީ ލީގުން ނުފެންނާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގައި އަތޮޅުތެރެއިން ވާދަ ކުރަން ފުރުސަތު ދިނީ، 2018 ވަނަ އަހަރު ވެސް ލީގްގައި ވާދަ ކުރި ހަތަރު ޓީމަށެވެ. އެއީ އެންމެ ފަހުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށި، ރަނަރަފް ށ. ފޯކައިދޫ، ސެމީ ފައިނަލިސްޓުން ކަމަށްވާ ބ. ފެހެންދޫ އަދި ފ. ނިލަންދޫ އެވެ. ނަމަވެސް ފެހެންދު އާއި ތިމަރަފުށިން ދިވެހި ލީގްގައި މިދިޔަ ސީޒަންގައި ވާދަ ނުކުރެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ތ. ތިމަރަފުއްޓާއި ށ. ފޯކައިދޫ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރިމިއާ ލީގުން ފުރުސަތު ލިބެމުންދަނީ އަބަދުވެސް އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕަށް ކަމަށާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިދިޔަ ސީޒަނުގައި އަތޮޅު ފުޓްބޯޅަ މުބާރާތް ބޭއްވިފައިނުވާއިރު، އަތޮޅުތަކުން އައިސް މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅުނު ޓީމުތަކަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދިނުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.

އަދި ޖަޒީރާ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2021 ވަނަ އަހަރުގެ ކުރީކޮޅު ބޭއްވިއްޖެނަމަ، އެ މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް 2021 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުން ލަސްވެފައިވާއިރު، ޑިސެމްބަރު މަހުގެ ތެރޭގައި ފުޓްބޯޅަ ސީޒަން ފެށާނެކަން އެފްއޭއެމުން ވަނީ އިއުލާން ކޮށްފަ އެވެ.

އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ނުދެން ނިންމުމާއެކު، އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގައި ވާދަކުރާނީ ޖުމްލަ އަށް ޓީމެވެ. އެއީ ޕްރިމިއާ ލީގުގެ ހަ ޓީމުގެ އިތުރަށް ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމެވެ.

އެއީ މިދިޔަ ސީޒަނުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ދެވަނަ ހޯދި އީގަލްސް، ޓީސީ ސްޕޯޓްސް ކުލަބު، ގްރީންސްޓްރީޓްސް، ދަ ގްރާންޑޭ އެމީގޯސް، ޔުނައިޓެޑް ވިކްޓަރީގެ އިތުރުން މިދިޔަ ސީޒަނުގައި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ކްލަބު ވެލެންސިއާ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އެވެ.

comment ކޮމެންޓް