އެމްޕީއެލް ފްލެޓަކުން ވެއްޓި އަނެއްކާ ވެސް މީހަކު މަރުވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހި --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމްޕީއެލް އިން ހަދަމުންދާ އިމާރާތެއްގެ މަތިން ވެއްޓި ބިދޭސީއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެމްޕީއެލް އިން ހަދަމުންދާ އިމާރާތެއްގެ 14 ވަނަ ފަންގިފިލާ އިން ބިދޭސީއަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު 13:40 ހާއިރު ލިބިފައިވާ ކަމަށެވެ.

އެމީހާ މަރުވީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާ އާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންތައް ބަލަމުންދާ ކަމަށެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް އެމްޕީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ފްލެޓެއްގެ އަށްވަނަ ފަންގިފިލާއިން ވެއްޓި ބިދޭސީ އަކު ވަނީ މަރުވެފަ އެވެ.

އެފަހަރު ބިދޭސީ މީހާ އަށް ވަނަ ފަންގިފިލާއިން އޭނާ ވެއްޓުނީ، އޭނާ ވެއްޓުނު އިިމާރާތުގެ އަރިމަތިން ޖަހާފައި ހުރި ފިލާތަކެއް ނައްޓަމުން ދަނިކޮށެވެ. އެ ފިލާތައް ނައްޓަމުން ނައްޓަމުން ގޮސް، ފަހަތައް އެޅި ފިޔަވަޅާއެކު އިމާރާތުގެ ދޭތެރެއަށް އޭނާ ސޮއްސާލައިގެން ކަމަށް އޭނާގެެ އެކުވެރިން ސަން އާ ވަހަކަ ދައްކަމުން ބުނެފައިވެ އެވެ.

އެމްޕީއެލްގެ ތިން ޓަވަރެއް ދެވަނަ ފިޔަވަހީގައި އަޅައެވެ އެވެ. އެއިން ކޮންމެ ޓަަވަރެއް އިމާރާތް ކުރަނީ ދެ އިމާރާތް ގުޅުވާލާ ގޮތަށެވެ.

https://sun.mv/124566

comment ކޮމެންޓް