އެސްޓީއޯގެ ގއ. ވިލިގިލި ބްރާންޗްގެ މެނޭޖަރަށް ކުރެވޭ ތުހުމަތުތަކެއްގެ މައްސަލަ ބަލަނީ

އެސްޓީއޯގެ ގ.އ. ވިލިނގިލީ ބްރާންޗް --

ގ.އ. ވިލިނގިލީގައި ހުންނަ ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ބްރާންޗް މެނޭޖަރު މަގާމުގެ ނާޖާއިޒު ފައިދާ ނަގައި ކުންފުނީގެ މުދާ ނަހަމަގޮތުގައި ބޭނުންކުރަމުންދާކަމުގެ ތުހުމަތުތަކެއް އެސްޓީއޯއިން ބަލަން ފަށައފި އެވެ.

އެސްޓީއޯގެ މީޑިޔާ ކޯޑިނޭޓަރު އަބްދުﷲ މުހައްމަދު ''ސަން'' އަށް މިއަދު ވިދާޅުވީ، އެ ކުންފުނީގެ ވިލިނގިލީގެ ބްރާންޗް މެނޭޖަރު މުހައްމަދު ފަތުހީ އާއި ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ތުހުމަތުތަކެއްގެ ސަބަބުން އެ މައްސަލަ އެސްޓީއޯއިން ބަލަން ފަށާފައިވާކަމަށެވެ.

ފަތުހީއަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އެސްޓީއޯގެ މުވައްޒަފުން ރަސްމީ ގަޑީގައި އޭނާގެ އަމިއްލަ މަސައްކަތްތަކުގައި ބޭނުންކުރުން އަދި އެގޮތަށް ބައިވެރިވުމަށް ދެކޮޅު ހަދާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ބިރުދެއްކުން ހިމެނެ އެވެ. އޭގެ އިތުރުންވެސް އެސްޓީއޯގެ މުދާ އޭނާގެ އަމިއްލަ ކަންކަމުގައި ބޭނުންކުރާކަމަށްވެސް ސޯޝަލް މީޑިޔާގައި ވަނީ ތުހުމަތު ކޮށްފަ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ފަތުހުﷲ ވިދާޅުވީ އެއީ އެއްވެސް ކަހަލަ ހަގީގަތެއް ހުރި ވާހަކަތަކެއް ނޫންކަމަށެވެ.

"މިއީ ހަމަ ބަޔަކު ވަރަށް ބޮޑަށް ރާވައިގެން ކުރާ ކަމެއް. މިތަނުގައި އުޅޭ މުވައްޒަފެއް އޭނާގެ މަސައްކަތަށް ފަރުވާކުޑަވުމުން ހިތްހަމަނުޖެހިގެން ކުރާކަމެއް، ދެން އެބޭފުޅާގެ އާއިލާ ބޭފުޅެއްވެސް ތަންކޮޅެއް ކުރިން ވަނީ ވަޒީފާއިން ވަކި ކުރެވިފައި." ފަތުހުﷲ ވިދާޅުވި އެވެ.

ފަތުހުﷲ އިތުރަށް ވިދާޅުވީ އެސްޓީއޯއިން އެ މައްސަލަ ބަލަމުންދާކަމަށް އޭނާއަށް އަންގާފައިވާ ކަމަށާއި އަދި އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށެވެ.

comment ކޮމެންޓް