ތަމްރީނު ދީގެން ވަކީލުންނަށް ހުއްދަ ނުދެވޭނެ ކަމަށް ބުނެ ބާ ކައުންސިލުގެ ސިޓީއެއް މަޖިލީހަށް

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ބާ ކައުންސިލުން ހިންގާ އެއް މަސް ދުވަހުގެ ތަމްރީނު ޕޮރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގަ ހުއްދަ ދެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހު ކުރަން ޖުޑިޝަރީ ކޮމިޓީއިން ނިންމި ނިންމުމަށް އަމަލު ނުކުރުމަށް ބަހަނާތަކެއް ދައްކައި ބާ ކައުންސިލުން މަޖިލީހަށް ސިޓީ ފޮނުވާފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު މާފަންނު އިތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.

ބާ އިމްތިހާނު ފުރިހަމަ ކުރުމުން ނޫން ގޮތަކަށް ވަކީލު ކަމުގެ ހުއްދަ ނުލިބޭނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވެ އެވެ. ނަމަވެސް އަހަރެއް ވެގެން ދިޔައިރުވެސް ބާ އިމްތިހާނު ބާއްވާފައި ނުވާތީ ހުއްދަ ނުލިބިގެން ވަކީލުކަން ކިޔަވައިގެން ތިބި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބާ އިމްތިހާނު ނުހަދާ މިހާރު ތިބި ވަކީލުންނަށް ހުއްދަ ދެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

އެ އިސްލާހުތައް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ދިރާސާ ކުރުމަށް ފަހު ނިންމާފައިވަނީ މިހާރު ހުއްދަ ނުލިބި ތިބި ވަކީލުންނަށް ހާއްސަކޮށްގެން ބާ ކައުންސިލުން ހިންގާ އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ލިބިދެވޭ ގޮތަށެވެ.

އެ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން އިންތި ވިދާޅުވީ ކޮމިޓީއިން އެ ރިޕޯޓު ފާސް ކުރުމާއެކުގައި ބާ ކައުންސިލުން އަނެއްކާވެސް މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"ފޮނުއްވާފައި މި ވިދާޅުވަނީ މިކަންވެސް ކުރެވެން ނެތޭ. އެމާނާގައި ފޮނުވާފައި އޮތް ސިޓީއެއް. އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން. ކޮމިޓީއިން ވަރަށް ރަނގަޅު މެދެމިނުގެ ހައްލެއް ހޯދައިދީފައި މި ރިޕޯޓު މި އެކުލަވާލީ." އިންތި ވިދާޅުވި އެވެ.

ތަމްރީނު ޕްރޮގްރާމުވެސް ނުދެވޭނެ ކަމުގެ ގޮތް ދެއްކުމުގެ ގޮތުން ބާ ކައުންސިލުން އެ ސިޓީ ފޮނުވީމަ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އިންތި ވިދާޅުވި އެވެ. އިންތި ވިދާޅުވީ ދަރިވަރުންގެ ހައްގަށްޓަކައި އެ ޕްރޮގްރާމް ހިންގައިދީ ވަކީލުންނަށް ހުއްދަ ދެވޭނޭ ގޮތް ހަދައި ދިނުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

ގާނޫނަށް ކޮމިޓީއިން ގެނައި އިސްލާހުގައި ބުނެފައިވަނީ އެ އިސްލާހު މަޖިލީހުން ފާސްކޮށް ގެޒެޓުގައި ޝާއިރު ކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންގެ ފެންވަރު ވަޒަންކުރާނެ ގޮތް ބަޔާންކުރާ އުސޫލެއް ބާ ކައުންސިލުން އެކުލަވާލައި، ގެޒެޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ އުސޫލު ގެޒެޓް ކުރާތާ ހަތް ދުވަހުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމް ބާއްވަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ.

"އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި މި ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ގޮތުގެ މަތިން ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ވާނެ އެވެ." ޖުޑިޝަރީ ކޮމިޓީއިން ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.

އަދި އެ ތަމްރީނު ޕްރޮގްރާމަށް ފަހު ވަކީލު ކަމުގެ ހުވާ ކުރާ ފަރާތްތަކުން އެންމެ އަވަހަށް ބާ ކައުންސިލުން ބާއްވާ ބާ އިމްތިހާނެއްގައި ބައިވެރިވުމަށް ވަނީ ލާޒިމް ކޮށްފަ އެވެ. ނަމަވެސް އެ ބާ އިމްތިހާނުގައި ބައިވެރި ނުވުމުން ދެން ވާނެ ގޮތެއް ކޮމިޓީއިން ގެނައި އިސްލާހުގައި ބަޔާން ކޮށްފައެއް ނުވެ އެވެ.

އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ލިބެނީ މިހާރު ހުވާ ނުކުރެވި ތިބި ވަކީލުންނަށެވެ. އޭގެ ފަހުން ކިޔަވާ ކުދިންނަށް ހުއްދަ ލިބޭނީ ބާ އިމްތިހާނު ފުރިހަމަ ކުރުމުން ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައި ވެ އެވެ.

މިއަދު އެ އިސްލާހަށް ވޯޓަށް އަހަން ވަނީ ތާވަލުކޮށްފަ އެވެ.

comment ކޮމެންޓް