މަޖިލިސް އިދާރާގައި ރެސްޓޯރެންޓާއި ޖިމް ހަދާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަޅަން ނިންމާފައިވާ ރެސްޓޯރެންޓާއި ފިޓްނެސް ސެންޓަރު އަޅާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސޯޝިއަލް ކްލަބުގެ ދަށުން މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓަކާއި ޖިމެއް ހުޅުވަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވީ މިމަހުގެ އެއްވަނަ ދުވަހު އެވެ. މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ ރެސްޓޯރެންޓާއި ފިޓްނެސް ސެންޓަރު ހަދަން މިހާރު އާންމުކޮށް އިއުލާނުކޮށްފައިވާ ކަމަށެވެ.

އިއުލާނުކޮށްފައި ވަނީ މަޖިލީހުގެ އާ އިމާރާތުގެ ޓެރަސްގައި ރެސްޓޯރެންޓެއް ހުޅުވުމަށާއި މަޖިލީހުގައި އިދާރާގެ ތެރޭގައި ފިޓްނެސް ސެންޓަރެއް ގާއިމް ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިއްޒަތްތެރި މެމްބަރުން ސިއްހީގޮތުން މާބޮޑަށް ފިޓްވާން ވެއްޖެ ކަމަށް މި މަޖިލީހުގެ ކްލަބަށް ފެންނަނީ." މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ ސޯޝިއަލް ކްލަބުގެ މެންބަރުންގެ ގޮތުގައި ހިމެނެނީ މަޖިލީހުގެ މެމްބަރުންނާއި މުވައްޒަފުންނެވެ. މަޖިލީހުގެ ރެސްޓޯރެންޓް ހުޅުވުމުން ދާއިރާގެ ރައްޔިތުންނާއެކު ކޮފީ ބޯލަން، މަޝްވަރާކޮށްލަން އެތަނަށް މެމްބަރުންނަށް ވަޑައިގެންނެވޭނެ ކަމަށް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މީގެ އިތުރުން މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި މަޖިލީހާ ބެހޭ އެހެނިގެން ވެސް މައުލޫމާތު ގަންނަން ލިބޭނެ ފަދަ ފިހާރައެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ސޯޝަލް ކުލަބުގެ ފަރާތުން ކުރައްވާނެކަން މަޖިލިސް ރައީސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް