ބިދޭސީން ދިރިއުޅެން ޖެހޭ ހާލާ މެދު އެ މީހުންގެ ޝަކުވާއެއް ނެތް: އައިލެންޑް އެކްސްޕާޓް

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ތަން --- ސަން ފޮޓޯ/އަހުމަދުﷲ އަބްދުލްހާދީ

ހުޅުމާލޭގައި ސިފައިންގެ އަދި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތްކުރާ އައިލެންޑް އެކްސްޕާޓު ކުންފުނީގެ ބިދޭސީ މުވައްޒަފުންނަކީ އެމީހުން ދިރިއުޅޭ ތަނުގެ ހާލަތާއި މެދު މާ ބޮޑު ކަންބޮޑުވުންތަކެއް އޮންނަ ބައެއް ނޫންކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ ވިދާޅުވެއްޖެ އެވެ.

މި މަހުގެ 13 ވަނަ ދުވަހު ހުޅުމާލޭގައި އެ ކުންފުނީގެ މުވައްޒަފުން ހިންގި ހަމަނުޖެހުންތައް ހިނގުމުގެ ކުރިން "ސަން" ގެ ނޫސްވެރިން ވަނީ އައިލެންޑް އެކްސްޕާޓު ކުންފުނީގެ މުވައްޒަފުންނާ ވާހަކަދެއްކުމަށްޓަކައި އެމީހުން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކަށް ޒިޔާރަތްކޮށްފަ އެވެ.

"އެ މުވައްޒަފުންނަކީ ދިރިއުޅޭތަނުގެ ސައިޒަށް މާ ބޮޑަށް އަޅާލާ ބައެއް ނޫން. އަދި އެމީހުން ނިދާ ތަނާއި ދޭތެރޭވެސް. މިހާރު، ކުންފުނީގެ ފަރާތުން މި ދެނީ، ހުރިހާ އެއްޗެއްވެސް އެމީހުންނަށް. ގޮދަޑި، ބާލީސް،" ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަނާއި ދޭތެރޭ ސުވާލުކުރުމުން އަނޮން ވިދާޅުވި އެވެ.

"(ވިޔަފާރީ) ރަނގަޅު ދުވަސްވަރެއްގައި އަޅުގަނޑު އެމީހުންނަށް ގަނެދެން ޖިންސާއި، ބޫޓު ފަދަ ތަކެތިވެސް. ހުރިހާ އެއްޗެސްވެސް މި ދެނީ ކުންފުނިން."

އައިލެންޑް އެކްސްޕާޓު ކުންފުނީގެ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކަށް ވަނުމުން ފެނުނީ، 60 އެއްހާ ބިދޭސީން އެއް ފަންގިފިލާއެއްގައި 10 ފޫޓުވަރުގެ ކުދި ގޮޅިތަކުގައި ދިރިއުޅެމުންދިޔަ ތަނެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ތަން --- ސަން ފޮޓޯ/އަހުމަދުﷲ އަބްދުލްހާދީ

މި ތަނުން ކޮންމެ ގޮޅިއެއްގައި 5 ނުވަތަ 10 ބިދޭސީން ދިރިއުޅެމުންދިޔައިރު ގޮޅިތައް ވަކިކޮށްފައި ވަނީ ފިލާގަނޑުތަކުން ޕާޓިޝަން ޖަހައިގެންނެވެ.

އެ މީހުންގެ އަމިއްލަ ސާމާނު އަދި އަންނައުނު ފަދަ ތަކެތިވެސް ހުންނަނީ މި ގޮޅިތަކުގެ ތެރޭގަ އެވެ. އެ ތަނުގެ ތެރެއަށް އިރުގެ އަލި އަދި ސާފު ވައި އެދެވޭ މިންވަރަކަށް ނުލިބެ އެވެ.

ކައްކައި ކަނީ ކިހިނެތްތޯ އެހުމުން އެތަނުން އެއް ބިދޭސީއަކު ބުނި ގޮތުގައި؛ "ކައްކަނީ މިތާ، ކަނީވެސް ހަމަ މިތާ" އެ ގޮޅިތަކުގެ މެދުން ހިންގަން އޮންނަ ހަނި ހަނި ގޯޅީގެ ބަހައްޓާފައި ހުރި ހަނި މޭޒެއްގަ އެވެ. އެ މޭޒު މަތީގައި ކައްކާ ތެލި، އަދި ތަށިފަދަ ތަކެތި ހުއްޓެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ތަން --- ސަން ފޮޓޯ/އަހުމަދުﷲ އަބްދުލްހާދީ

ފާހަނަ ކޮބައިތޯ ސުވާލުކުރުމުން އެތަނުން އެކަކު ގޯޅީގެ ދެކުނާއި ވީ ފަޅިއަށް އިޝާރާތްކޮށްލި އެވެ. ގޮޅި ތަކުގެ ތެރެއިން ހިނގަމުން އޭނާ އިޝާރާތް ކުރި ތަނަށް ދެވުމުން ފެނުނީ ޕޯޓެބަލް ދެ ފާހާނާ އެވެ.

މިއީ އެ އެކޮމޮޑޭޝަނުގައި އުޅޭ 60 އެއްހާ ބިދޭސީން ފާހާނާކުރަން ހުންނަ ތަނެވެ.

ފެންވެރުމަށްޓަކައި ފާހާނާތައް ކުރިމަތީގައި ފާރުގެ އެއް ފަޅީގައި ތިން ޝަވަރު ހުއްޓެވެ. ފެންވެރުމަށް ހާއްސަކުރެވިފައިވާ ސަރަހައްދަކީ ހާމައަށް އޮތް ތަނެކެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ތަން --- ސަން ފޮޓޯ/އަހުމަދުﷲ އަބްދުލްހާދީ

އަނޮން ބުނި ގޮތުގައި ކުންފުނީގެ މުވައްޒަފުން ސާފުތާހިރުކަމުގެ މިންގަނޑު ނުހިފަހައްޓައި ތަންތަން ހަޑިކުރެ އެވެ.

"އަޅުގަނޑުމެންނަށް އެޅިދާނެ 10 ނުވަތަ 20 ފާހާނާވެސް، އެކަމަކު އެއީ، އަޅުގަނޑު ބުނަން އެމީހުން ކައިރީގައި ހުރިހާ އެއްޗެސް ތެދަށް ބަހައްޓަން އަމިއްލަ ސިއްހަތަށްޓަކައި،" އަނޮން ވިދާޅުވި އެވެ.

"ދެން މިއަދު ކީކޭ ބުނާނީ؟ މިއަދު ބުނެވޭނީ، ގޮއްސަ ސާފުކުރާށޭ، އިތުރު ފާހާނާ ހަދާށޭ، އެއީ މިއަދު ކުރެވޭނެ ކަމަކީ."

އެ ބިދޭސީން ދިރިއުޅެމުންދިޔަ އެކޮމޮޑޭޝަނަކީ އެމީހުން އިމާރާތްކުރަމުންދިޔަ ފްލެޓްތަކުގެ ތެރެއިން އެއް ފްލެޓްގެ އެތެރޭގައިވާ ގޮތަށް ހުރި އެއް ފަންގިފިލާ އެވެ.

މިއީ އައިލެންޑް އެކްސްޕާޓު ކުންފުނީގެ 600 އެއްހާ ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުންދާ އެއް އެކޮމޮޑޭޝަންގެ ހާލަތެވެ.

"އެތަނުގައި އިންޖިނިއަރުން އޮން ސައިޓުގައި ތިބޭއިރު، އެމީހުން ނިދަނީ އޭސީ ކޮޓަރީގައި. އެމީހުންނާއި ޖެހިގެން އަޅުގަނޑުގެ ދެން ތިބި މުވައްޒަފުންގެ ހާލަތު އެހާ ގޯސްއިރު، އަޅުގަނޑަށްވެސް އެބަ އިނގޭ ކޮންމެވެސް ކަމެއް ރަނގަޅެއް ނޫންކަން. ރަނގަޅެއް ނޫން، ޔަގީން. މިކަންކަން އާންމުވެ އެނގުމަކީ ރަނގަޅު ކަމެއް. އޭރުން ކަންކަން ބަދަލުވާނީ،" އަނޮން ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ތަން --- ފޮޓޯ: ސަން

މީގެ ކުރިންވެސް ބިދޭސީން ގިނަ އަދަދަކަށް ތޮއްޖެހިގެން ދިރިއުޅެމުންދާ ތަންތަނުގެ ފޮޓޯ އަދި ހަބަރުތައް ވަނީ އާންމުވެފަ އެވެ. އެހެންނަމަވެސް މިފަދަ ތަންތަނުގެ ހަގީގީ ނުރައްކާ އެންމެ ބޮޑަށް ފާޅުވެގެންދިޔައީ މާލެ ސަރަހައްދުގައި ކޮވިޑް-19 އެންމެ ވަރުގަދަޔަށް ފެތުރެމުންދިޔަ ދުވަސްވަރުގަ އެވެ.

ބިދޭސީން ގިނަ އަދަދަކަށް ތޮއްޖެހިގެން ދިރިއުޅެން ޖެހިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީއިން ވަނީ ކޮވިޑްގެ ފުރަބަންދުގެ ކުރިން ބިދޭސީން ދިރިއުޅުމަށް ހަމަޖައްސާ އެކޮމޮޑޭޝަން ބްލޮކްތަކުގައި ހުންނަންޖެހޭ މިންގަނޑުތައް އިއުލާންކޮށް ގަވާއިދެއްވެސް ނެރެފަ އެވެ. އެހެންނަމަވެސް އެ ގަވާއިދަށް އަމަލުކުރަން ޖެހެނީ މި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ.

ބިދޭސީން މިގޮތަށް ދިރިއުޅެން ޖެހުމަކީވެސް އެމީހުން ބުނާ ގޮތުގައި އެމީހުންގެ ހިތްހަމަނުޖެހުމުގެ އެއް ސަބަބެވެ. އެތައް މަހެއްގެ މުސާރަ ނުލިބި ރަށަށް ނުދެވިފައި ތިބި ބައެއް މިފަދަ ތަންތަނުގައި ދިރިއުޅެން ޖެހުމަކީވެސް އެމީހުންގެ ރުޅިވެރިކަން އިންތިހާއަށް އިތުރުވާކަމެއް ކަމަށް އައިލެންޑް އެކްސްޕާޓުގެ ބިދޭސީންނާއި ވާހަކަަދައްކާލުމުން އެނގިގެން ދިޔަ އެވެ.

comment ކޮމެންޓް