ނިޔާފުގެ ހިޔާލަށް އިހުތިރާމް ކުރަން، ހިތްހަމަ ނުޖެހުނީ ރޮޒައިނާ އެ ހިޔާލަށް ތާއިދުކުރެއްވުމުން ނޫން: އާޒިމް

އާޒިމް: ނިޔާފުގެ ހިޔާލަށް އިހުތިރާމް ކުރާކަމަށް ވިދާޅުވި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އާންމު ސިއްހަތުގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހަށް ޑރ. އަލީ ނިޔާފް ދެއްވި ހިޔާލަށް ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށާއި، ހިތްހަމަ ނުޖެހިގެން ޓްވީޓް ކުރީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެ ޚިޔާލަށް ތާއީދުކުރެއްވުމުން ނޫން ކަމަށް، އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޑރ. ނިޔާފު އާންމު ސިއްހަތުގެ ގާނޫނުގެ އިސްލާހަށް ދެއްވި ހިޔާލަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ޗީފް ވިޕް ރޮޒައިނާ ވަނީ ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އަދި ނިޔާފުގެ ހުށަހެޅުންތައް ކޮމެޓީއިން ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒެއިނާގެ ޓްވީޓަށް ރައްދުދެއްވައި އާޒިމް ވަނީ ރޮޒައިނާ އެގޮތަށް ޓްވީޓް ކުރެއްވުމުން ނުރުހުން ފާޅުކުރައްވާފައެވެ.

އާޒިމް މިއަދު "ސަން"އަށް ވިދާޅުވީ، މިޑިއާތަކުން އޭނާގެ ޓްވީޓް ރިޕޯޓުގެ ކޮށްފައިވަނީ އޭގެ މާނަ އޮޅޭ ގޮތަށް ކަމަށެވެ. އަދި އޭނާ ހިތްހަމަ ނުޖެހުނީ ރޮޒައިނާ ނިޔާފުގެ ހިޔާލަށް ތާއީދު ކުރެއްވުމުން ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ނިޔާފުގެ ހިޔާލަށް ފުރިަހަމައަށް އިހުތިރާމް ކުރަން. ނިޔާފަށް ނިޔާފުގެ ހިޔާލު ފާޅު ކުރެއްވޭނެ. އެހެން ނަމަވެސް އަޅުގަނޑުގެ މައްސަލައަކަށްވީ، ޕީޖީގެ ޗީފް ވިޕް ރޮޒައިނާއަށް މަޖިލިސް ތެރެއިން ކަންކަން ކުރެއްވެން އޮއްވާ ޝޯޝަލް މީޑިއާގައި އެގޮތަށް ވާހަކަ ދައްކާތީ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ރޮޒައިނާ އަކީ ޕީޖީގެ ޗީފް ވިޕް ކަމަށާއި ޕާލިމަންޓަރީ ގުރޫޕުގެ ތެރެއިންވެސް އެކަމަށް މަޝްވަރާކުރެެވި، ކަންބޮޑުވުން ހިއްސާ ކުރެއްވޭނެ ކަމަށެވެ.

https://sun.mv/140332

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މިސްކިތްތައް ބަންދު ކުރެވޭ ނަމަ ރައްޔިތުންގެ މަޖިލިސްވެސް ބަންދު ކުރެވެން ޖެހޭ ކަމަށް ޑރ. ނިޔާފް ވިދާޅުވާތަން އެ ވީޑިއޯއިން ފެނެއެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ބާތިލު ކުރުމުގެ ބާރާއި، ގަަރާރަށް ބަދަލު ގެނައުމުގެ ބާރާއި، މަޖިލީހަށް ފެންނަ ބަދަލެއް ގަރާރަށް ގެނައުމުގެ ބާރު ބިިލުގައި މަޖިލީހަށް ދީފައިވާކަން ފާހަގަކުރައްވައި ސިއްހީ މާހިރުންގެ ލަފައާއެކު އެކަން ކުރަން ބިލުގައި ހިމަނަން ނިޔާފު ވަނީ އެދިވަޑައިގެންފައެވެ. އަދި ރޮޒައިނާ ތާއީދު ކުރެއްވައި، ކޮމިޓިން އެކަމަށް ވިސްނަވާވަޑައިގަތުމަށްވެސް އެދިވަޑައިގެންނެވީ، ނިޔާފު ދެއްކެވި ވާހަކަތައް ހިމެނޭ ވިޑިއޯއެއް ޝެެއާ ކުރައްވަމުންނެވެ.

އާޒިމް ކުރި ޓްވީޓްގައި ބުނެފައިވަނީ، ޕާޓީގެ ޗީފް ވިޕް ކަމަށްވާ ރޮޒެއިނާގެ ހިޔާލުތައް ޕީޖީ ގްރޫޕުގެ ތެރޭގައި މަޝްވަރާ ކުރެއްވޭނެ ކަމަށެވެ. އެކަން ކުރަންވީ ސޯޝަލް މީޑިއާގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ތާއީދު ހޯދުމުގެ މުބާރާތެއް ނޫން ކަމަށާއި، އަމިއްލަ ފައިދާއަށް "ޕޮޕިއުލިސްޓް އެޖެންޑާ" ކުރިއެރުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒެއިނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، އޭނާ އާންމުންގެ ތެރޭގައި އެއްބަސްވީ ވަރަށް އިހުތިރާމު ލިބިފައިވާ ޑޮކްޓަރަކު ދެއްވި ރަނގަޅު ހިޔާލަކަށް ކަމަށެވެ. އަދި މައްސަލައަކީ މިހާރު އެކަމަކާ ގުޅިގެން މަޝްވަރާ ކުރެވެމުންދާ މައްސަަލައެއްކަން ފާހަގަކުރެއްވިއެވެ. އަދި އާޒިމް އެހެން ވިދާޅުވުމުން ހައިރާންވެވަޑައިގަންނަވާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. އެ ބިލު މިހާރު އޮތީ ޖުޑިޝަރީ ކޮމެޓީގައެވެ.

އެ ބިލު މިހާރު އޮތް ގޮތުން މަޖިލިސް އިން ބޭނުންވެއްޖެ ހިދެއްގައި އާންމު ސިއްހަތު ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހުން ބޭއްނުންވެއްޖެ ހިނދެއްގައި ބާތިލް ކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވެއެވެ. އަދި އެ ހާލަތު އިއުލާން ކުރާތާ 48 ގަނޑިއިރުތެރޭ މަޖިލީހުން ރުހުން ހޯދުމަށް ހުށަހެޅުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

comment ކޮމެންޓް