އޭއެފްސީ މުބާރާތަށް ހަރަދު ކުރާނީ އެފްއޭއެމްއާއި އޭއެފްސީން: މަހްލޫފް

ފެބްރުއަރީ 12، 2020: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ހުރިހާ މެޗެއް ރާއްޖޭގައި ބާއްވަން އެފްއޭއެމުން ކުރި ބިޑު ކާމިޔާބުކޮށްފައިވާ އިރު އެކަމަށް ސަރުކާރުން ހަރަދު ނުކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އަންނަ އޮކްޓޯބަރު މަހު 23ން ނޮވެމްބަރު ހަތަރަކާ ދެމެދު ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭ ގޮތަށް މިހާރު ނިންމާފައިވާއިރު، 13 ދުވަހު ތެރޭގައި ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމޭނެއެވެ. މެޗުތައް އެއް ދަނޑެއްގައި ކުޅެން ނިންމިއިރު، އޭއެފްސީން އޮތީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު މެންބަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފަ އެވެ.

އެއާ އެކު ރާއްޖޭގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ބޭއްވުމަށް އޭއެފްސީއަށް ރަސްމީކޮށް ބިޑު ކުރީ، މިދިޔަ ހުކުރު ދުވަހު އެވެ. އަދި އެ ބިޑު ރާއްޖެއަށް ކާމިޔާބުވެފައިވާ ކަން އިއްޔެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރި ޓްވީޓެއްގައި ވަނީ ހާމަކޮށްފަ އެވެ.

އެކަމަކު މި މުބާރާތުގެ މެޗުތައް ބޭއްވުމަށް ސަރުކާރުން ހަރަދު ނުކުރާނެ ކަމަށާއި އެކަމަށް ބޭނުންވާ ހުރިހާ ހަރަދެއް ކުރާނީ އެފްއޭއެމްއާއި އޭއެފްސީން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަނީ ވިދާޅުވެފަ އެވެ.

https://sun.mv/140312

"އޭގައި އަޅުގަނޑުމެން ނުޖެހޭ ރާއްޖޭން އެއްވެސް ހަރަދެއް ކުރަން. އޭގައި ހުރިހާ ހަރަދެއްކުރާނީ އޭއެފްސީންނާއި އަދި އެފްއޭއެމުން. އަޅުގަނޑުމެން ޔޫތު މިނިސްޓްރީގެ ބަޖެޓުން އެންމެ ރުފިޔާއެއް ވެސް ހަރަދެއް ނުކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނު ނަމަވެސް މި ވަގުތަށް ވެސް ކުރަން ޖެހޭނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ގަލޮޅު ދަނޑުގެ ލައިޓިން ރަނގަޅު ކުރުމުގެ މަސައްކަތެވެ. އެންމެ ފަހުން އޭއެފްސީން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުން އެނގުނު ގޮތުގައި އެ އިދާރާ އިން ހިންގާ މުބާރާތުގެ މެޗުތައް ބޭއްވޭވަރަށް ދަނޑުގެ ލައިޓިން ރަނގަޅެއް ނޫނެވެ. އެހެން ކަމުން އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖެ ގެންނަން ބަލާއިރު އެކަން ރަނގަޅުކުރަން ޖެހޭނެ އެވެ.

އެ މަސައްކަތްތައް އެފްއޭއެމުން އަވަހަށް ފަށަން ޖެހިފައިވާ އިރު މުބާރާތުގެ ވާދަކުރާ ދިވެހި ދެ ކުލަބަށް ސަރުކާރުން މީގެ ކުރިން ވެސް ވަނީ ހަރަދުތަކެއް ކޮށްފަ އެވެ. އެގޮތުން މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން 500،000 އެއްހާ ރުފިޔާ ޓީސީ އަދި މާޒިޔާއަށް ސަރުކާރުން ވަނީ ދީފަ އެވެ.

"ރާއްޖޭގެ ދެ ކްލަބެއް ޓީސީ އާއި މާޒިޔާ އެބަކުޅޭ. ރާއްޖޭގެ ޓީމަކަށް ކްލަބަކަށް ފުރަތަމަ އެ ސްޓޭޖް ފަހަނައަޅައި ރަނގަޅު ހިސާބަކަށް ދިއުމަށް މަގުފަހިވެގެންދާނެތީ އަޅުގަނޑުމެން އެކަމަށް އެއްބާރުލުން ދިނީ އަދި ސަޕޯޓްކުރަނީ."

ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު ވާދަކުރަމުން އަންނަނީ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.

comment ކޮމެންޓް